Close
ޚަބަރު

މެއި މަހު މީރާއަށް 1.28 ބިލިއަން ރުފިޔާ

މުހައްމަދު އިޝާން

މިދިޔަ މެއި މަހު 1.28 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މީރާއިން މިއަދު މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެ މަހު ލިބުނު އެ އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 63 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިއަހަރުގެ މެއި މަހުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 12.8 ޕަސަންޓު އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ މެއި މަހަށްވުރެ ބޮޑު އާމްދަނީއެއް މިދިޔަ މެއި މަހު ލިބިފައިވަނީ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމާއި ޓޫރިޒަމް ދާއިރާއާ ގުޅުން ހުރި ޓެކްސްތަކުންނާއި އެއާޕޯޓް ޓެކުހާއި ފީ ނެގުމުގެ ގާނޫނަށް ގެނައި އިސްލާހުންވެސް އާމްދަނީ އިތުރުވުމުންނެވެ.

މީރާއިން ބުނީ، ޖީޖީއެސްޓީ އަދި ނަން-ރެޒިޑެންޓް ވިތްހޯލްޑިން ޓެކްސްގެ ގޮތުގައި ބޮޑު އާމްދަނީއެއް ލިބިފައިވުމަކީވެސް މިދިޔަ މަހުގެ ޖުމުލަ އާމްދަނީއަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން، މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ މިދިޔަ މަހު ލިބުނު އާމްދަނީގެ 64.7 ޕަސަންޓެވެ. ފައިސާއިން ބަލައި ނަމަ 829.44 މިލިއަން ރުފިޔާއެވެ.

ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ 8.3 ޕަސެންޓް ނުވަތަ 105.85 މިލިއަން ރުފިޔާއެވެ. ގްރީން ޓެކްސްގެ ގޮތުގައި 96.58 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 60.61 މިލިއަން ރުފިޔާ، އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 59.80 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 129.81 މިލިއަން ރުފިޔާ މީރާއަށް ލިބިފައިވެއެވެ.