އަޅުގަނޑުގެ ކްރިސްޓިއަން ނަމަކީ ޑެލީސްޕެންސަރ ޖޫނިއަރެވެ. އިސްލާމީނަމަކި ޢަބްދުލް ވަދޫދެވެ. އަޅުގަނޑު އިސްލާމްދީން ޤަބޫލުކުރީ މީގެ ނުވަ އަހަރު ކުރިންނެވެ. އަޅުގަނޑަކީ މަޑުން ވާހަކަ ދައްކާ މީހަކީމެވެ. އެންމެނާވެސް ބައްދަލުކޮށް ވާހަކަދައްކައި ހަދަމެވެ. އަޅުގަނޑާ ގުޅުން އުފެދޭ ކޮންމެ މީހަކާވެސް ވަރަށް ގާތް ގޮތެއް ބެހެއްޓޭތޯ މަސައްކަތްކުރަމެވެ.

އަޅުގަނޑަކީ މުސްލިމެއްކަން އެނގުމުން (ޚާއްޞަކޮށް ސެޕްޓެމްބަރު އެގާރައަށްފަހު) ކޮންމެ މީހެއްގެވެސް އަތްމަތީ ސުވާލަކަށް ވަނީ އެއްސުވާލެކެވެ. "ކަލޭ އިސްލާމަކަށްވީ ކީއްވެގެން ހެއްޔެވެ؟ ކަލެއަކީ ވަރަށް ހަރުދަނާ މީހެއްކަމުގައި ފެނެއެވެ." އަޅުގަނޑުގެ ޖަވާބަކީ އަބަދުވެސް "ތެދެކެވެ. އަހަންނަކީ ވިސްނޭ ހަރުދަނާ މީހެކެވެ. އަހަރެން އިސްލާމްވީ އެހެން ވެގެންނެވެ."

އިސްލާމްދީނަކީ ކަނޑީގެ ބާރުގައި ބިރުގަންނަވައިގެން ޢާންމުން ލައްވައި ޤަބޫލު ކުރެވުނު ދީނެއް ނޫނެވެ.މުސްލިމުންގެ ތެރެއިންވެސް ބައެއްމީހުން ޤަބޫލު ކުރާ ފަދައިން އިސްލާމީ ޝަރީޢަތަކީ ބިރުގަންނަވައިގެން ނުވަތަ މަޖުބޫރު ކުރުވައިގެން ވަކި ގޮތެއް ޚިޔާރު ކުރުވުމަށް ކިޔާ ނަމެއް ނޫނެވެ. އިސްލާމްދީނަކީ ވިސްނައި ފިކުރުކުރާ މީހުންނަށްޓަކައި އޮތް ދީނެކެވެ. ހުރިހައި އެއްޗެއްސެއް ވަނީ ފުރިހަމަ ޤާނޫނަކަށް ތަބާވެފައި ކަމުގެ ޙަޤީޤަތް ދެނެގަންނަ މީހުންގެ ދީނެކެވެ. މިކާއިނާތަކީ އިއްތިފާޤުން ނުވަތަ އެކްސިޑެންޓެއްގެ ސަބަބުން އެއްވެސް ކަމެއް ހިނގުމަށް ޖާގައެއް އޮތް ތަނެއް ނޫނެވެ. ހޭލުންތެރި، ވިސްނުންތެރި، ޚިޔާލު ތަނަވަސް މީހުން އިސްލާމްވަމުންދާ ސަބަބަކީ މިއީއެވެ.

އަޅުގަނޑު ދުނިޔެއަށް އައީ އެމެރިކާގެ ސްޓޭޓެއްކަމުގައިވާ އޮހާޔޯގެ ސްލޯވްލޭންޑުގައެވެ. އަޅުގަނޑު ހެދިބޮޑުވަމުން އައީ ޗާޗުގެ ވެށީގައެވެ. އަޅުގަނޑުގެ ދެއުޚުތުންނާއެކު ކޮންމެ އާދީއްތަ ދުވަހަކު ފައްޅިއަށް ދަމެވެ. އީސްޓް މެތިއު ޒޯންގެ ފައްޅީގައި އޮންނަ އާދިއްތަ ދުވަހުގެ ސްކޫލަށް އަޅުގަނޑުމެން ޤަވާއިދުން ހާޒިރުވަމެވެ. އެންމެ މަދުވެގެންވެސް ކޮންމެ މަހަކު ދެފަހަރު ސްކޫލު ނިމުމުން އަޅުގަނޑުމެން ފައްޅީގެ ޚިދުމަތަށް މަޑުކުރުވައެވެ. އަޅުގަނޑު ފައްޅީގެ ޚިދުމްތުގައި އުޅުނީ ވަރަށް ޙަރަކާތްތެރިކޮށެވެ. ކޮންމެ އަހަރަކު އީސްޓަރާއި ކްރިސްމަހުގެ ތެރޭގައި ހިސާބެއް ނެތްހައި ދެއްކުންތެރިކަމާއި، ގޮވައިލުންތަކުގެ ޖާފަތް އިންތިޒާމު ކުރެވެއެވެ. އެފަދަ ކަންކަމާ އަޅުގަނޑު މޮޔަވެފައި ހުންނަ ވަރުން ޢާންމުން އަޅުގަނޑާ މުޚާޠަބު ކުރަނީވެސް އެފަދަ ނަންނަމުންނެވެ.

އަޅުގަނޑުގެ މަންމަ އަޅުގަނޑުމެންނަށް ދުވަހު ޚަރަދަށް ދެއްވާ ފައިސާގެ ހަތަރުބައިކުޅަ އެއްބައި އަޅުގަނޑުމެން ރައްކާކުރަމެވެ. އަޅުގަނޑުމެން އެފައިސާ ޚަރަދު ކުރަނީ އީސްޓަރާއި ކްރިސްމހުގެ ތެރޭގައެވެ. މަޖާކުރުމަށާއި އިސްރާފުކުރުމަށެވެ. ފޯރުންތެރިކަން ހާމަކުރުމަށެވެ. އެދުވަސްދުވަހު އަޅުގަނޑުމެން ފިލްމު ބަލަންވެސް ދަމެވެ. ކާފައާއި، މުންނައާއި، މާފައާއި މާމައާ ބައްދަލުކުރާންވެސް ގޮސްއުޅެމެވެ. ހުރިހައި ގޮތަކުންވެސް ހިތްހަމަޖެހުމާއި އުފާވެރިކަން ފާޅުކޮށް އުޅެމެވެ. އަޅުގަނޑުގެ މާފަމެންގެ ގޯތިތެރޭގައި އެފަދަ މުނާސަބާތަކުގައި ޖުވާކުޅުމާއި ހީނސަމާސާކޮށް ހަޅޭއްލަވައި އުޅުން ހައްދުފަހަނަ އަޅައިފައި އޮވެއެވެ.

އަޅުގަނޑުގެ ފައްޅިއަށް ދިއުމުގެ ސިލްސިލާ ކުރިއަށް ދިޔައެވެ. އެއްދުވަހަކު ދިމާވި ޙާދިޘާއަކާމެދު އަޅުގަނޑު ދަންނަވާނީ އެއީ އަޅުގަނޑުގެ ހެޔޮ ނަސީބުގެ ފެށުންކަމުގައެވެ. އެދުވަހު ފައްޅީގެ ދީނަށް ގޮވައިލާ ފާދިރީ މިންބަރަށް އަރާވަޑައިގެން ދެއްވި ޚުޠުބާގައި ވިދާޅުވިއެވެ. "ތިޔަ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން އަންނަ ހަފުތާގައި ޓެކްސަސްގެ ހިއުސްޓަންގައި ބެޕްޓިސްޓް މިނިސްޓަރުންގެ އެންމެ ބޮޑު ބައްދަލުވުން އޮންނާނެ. ތިޔައިން ކޮންމެ ބޭފުޅަކުވެސް އެޖަލްސާގެ ޚަރަދުތަކަށް ދެއްވެން އޮތް އެންމެ މަތީ އަދަދެއްގެ އެހީފުޅެއް ދެއްވުން އެދެން. އަދި ކީއްތޯ؟ މިކަމުގައި އެއްބޭފުޅަކު އަނެއް ބޭފުޅަކާ ވާދަކުރެއްވުން އެދެން. އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުންނަކީ އެޖަލްސާގެ އެންމެ މުހިންމު މެމްބަރުންގެ ތެރެއިން ހިމެނޭ ދެމީހުން. އެހެންކަމުން އަޅުގަނޑު އެދެނީ

ޗަންދާ ދެއްވުމުގައިވެސް އީސްޓް މެތިއުޒޯންގެ މީހުންނަކީ ޗާޗު ދެކެ އެންމެ ލޯބިވާ މީހުންކަން ސާބިތުކޮށްދެއްވުން." އެއްވެފައި ތިބި އެންމެންވެސް ވަރަށް ބާރަށް އަތްތިލަބަޑި ޖެއްސެވެ. ނަމަވެސް އަޅުގަނޑު ވަރަށް ބޮޑަށް ހައިރާންވިއެވެ. ޗަންދާދިނުމުން ފާފަ ފުއްސަވާނެކަމުގެ މައްޗަށް އޭނާ އެއްވެސް ވާހަކަފުޅެއް ނުދައްކަވާތީއެވެ.

އެއީ އީސްޓް މެތިއުޒޯންގެ ފައްޅިއަށް އަޅުގަނޑު އެންމެ ފަހުން ދިޔަ ދުވަހެވެ. ނަމަވެސް އެއީ މާތްކަލާނގެ އާއި މަސީޙުގެ ނަންފުޅުގައި އަމިއްލަ އެދުމުގައި ސަލާންޖަހާތަން އަޅުގަނޑު ދުށް އެންމެ ފަހު ފަހަރެއް ނޫނެވެ. ކޮންމެއަކަސް އެމައްސަލައާ މެދު އަޅުގަނޑު މަންމައާ ވާހަކަ ދެއްކީމެވެ. އަޅުގަނޑު ދެންނެވީމެވެ. "އަޅުގަނޑު މިހާރު ވަރަށް ބޮޑު ވެއްޖެއެވެ. އަޅުގަނޑު ފައްޅިއަށް ދާން ބޭނުން ނޫނެވެ. އެއްވެސް މީހަކަށް އަޅުގަނޑު ފައްޅިއަށް ދާކަށް މަޖުބޫރެއް ނުކުރެވޭނެއެވެ. ޚާއްޞަކޮށް މަންމައާއި ބައްޕަވެސް ފައްޅިއަށް ވަޑައެއް ނުގަންނަވަމުއެވެ." ކޮންމެއަކަސް އަޅުގަނޑު އެންމެ ބޮޑަށް ޙައިރާންވީ އަޅުގަނޑު ފައްޅިއަށް ނުދާން އުޅުމުން މަންމަ އެއްވެސް އިޢުތިރާޟެއް ނުކުރެއްވީތީއެވެ.

އެޙާދިޘާއާ ވިދިގެން އައި އަހަރުތަކުގައްޔާއި، ކޮލެޖުގައި އުޅުނު ހަތަރު އަހަރު އަޅުގަނޑު ރޫޙާނިއްޔަތު ދެކެ ވަރަށް ބޮޑަށް ލޯބިވެއްޖެއެވެ. އަޅުގަނޑުގެ އެ މަޢުޟޫއުގައި ކިޔައި އުޅުނީ ޗާލްސްޖަސްޓިންގެ ފެންވަރުގެ ލިޔުންތެރީންގެ ފޮތްތަކެވެ. ސިކުނޑިއަށް ނުވަތަ ވިސްނުމަށް ބަދަލުގެނުވާ ބޭސްތައްވެސް ބޭނުންކުރީމެވެ. ކާއިނާތާ މެދުގައްޔާއި، އަޅުގަނޑުގެ ވަށައިގެންވާ ދުނިޔެއާމެދު ތަފާތު ރޮނގުރޮނގުން ވިސްނައި ފިކުރު ކުރާން ފެށީމެވެ. އަޅުގަނޑަށް ފެނުނު ގޮތުގައި ތަފާތު އެއްޗިހިތަކުގެ މެދުގައި އެއްގޮތް ކަމާއި ގުޅުން އެބަހުއްޓެވެ. ކޮންމެ އެއްޗެއްވެސް ވަނީ އަނެކައްޗަކާ ގުޅިލާމެހިފައެވެ. މިގޮތުން އަޅުގަނޑު އަމިއްލަ ނަފުސު ދަނެގަތުމާއި، ފިޠުރަތުގެ ދުނިޔޭގައި އަޅުގަނޑުގެ މަޤާމު އޮޅުން ފިލުވުމުގެ މަސައްކަތް ނަފްސު ދަނެގަތުމާއި، ފިޠުރަތުގެ ދުނިޔޭގައި އަޅުގަނޑުގެ މަޤާމު އޮޅުންފިލުވުމުގެ މަސައްކަތް ފަށައިގަތީމެވެ. އަޅުގަނޑަށް އިޙްސާސަ ކުރެވުނު ގޮތުގައި ޢާއްމު އެމެރިކާނުންގެ ޙަޔާތާއި ފިޠުރަތާމެދު ދެކެނީ ވަރަށް ދުރު ދެ އެއްޗެއްގެ ގޮތުގައެވެ. އަޅުގަނޑަށް ވިސްނުނު ގޮތުގައި އިންސާނާ ޤުދުރަތީ ނިޒާމަށް ބަދަލު ގެންނަން މަސައްކަތް ކޮށްފިނަމަ، ނުވަތަ ފިޠުރަތުގެ މައްޗަށް ބާރުފޯރުވާން އުޅެފިނަމަ ޤުދުރަތީ ގޮތުން ހިނގަމުންދާ ގޮތަށް ހުއްޓުން އެރުމުގެ ނަތީޖާ ފެށިގެން ގޮސްފައި ވަނީ ވަރަށް ބިރުވެރި ގޮތެއްގައެވެ، އިއްތިފާޤުން އެދުވަސްވަރަކީ އެމެރިކާގައި ނަސްލީ ރުޅިވެރިކަން ސައްތަޔަށް އަރައިފައި އޮތް ދުވަސްވަރެކެވެ. ކަޅުމީހުންނާއި ދޮންމީހުން އެކަމާ ގުޅޭ ގޮތުން ވިސްނަނީ ތަފާތު ދެގޮތަކަށެވެ. ޙަޤީޤަތަށއ ދަންނަވާނަމަ އެދުވަސްވަރަކީ އަޅުގަނޑުގެ ހިތުގައި ކްރިސްޓިއަނިޓީން އެއް ފަރާތަކަށް ޖެހި އިތުރު މަޢުލުމާތު ހޯދުމުގެ ޝައުޤު އުފެދުނު ދުވަސްވަރެވެ،

އެހިސާބުން ކުއްލިއަކަށް އަޅުގަނޑު ބަދަލުވީ މުލްޙިދަކަށެވެ. އެއްވެސް ދީނެއް ޤަބޫލުނުކުރާ މީހަކަށެވެ. ނަމަވެސް ދުވަސްކޮޅެއް ފަހުން ބުދުދީނަށް ހިތްޖެހޭ ގޮތް ވެގެން އެދީން ދަސްކުރީމެވެ. އަޅުގަނޑު ކެތަލިކް ޗާޗުގެ ޚިދުމަތަށްވެސް ހާޒިރުވެ އުޅުނީމެވެ. އެންމެފަހުން އަޅުގަނޑު ކަނޑައެޅީ ކަލަކު ވޮޑިގެންވާކަން އަޅުގަނޑަށް ފުރިހަމައަށް ޔަޤީން ކުރެވޭ ކަމެއް ކަމުގައެވެ. ނަމަވެސް އެކަލާނގެ ދީންތަކުގެ ތެރެއިން އެއްވެސް ދީނެއް އަޅުގަނޑު ޤަބޫލު ކުރެވެން ނެތްކަމުގައެވެ. ސަބަބަކީ ކޮންމެ ދީނަކުންވެސް ފުރިހަމަނުވެ އޮންނަ ކަމެއް ނުވަތަ މަދުވާ ބައެއް އަޅުގަނޑަށް ފެންނަ ކަމުގައެވެ. ތަކުރާރުކޮށް އަޅުގަނޑުގެ ހިތަށް އުނދަގޫ ކުރަމުންދިޔަ ސުވާލެކެވެ. ކަލާނގެ ރަސްކަންފުޅަކީ އެއްވެސް ޢައިބެއް ނެތް ފުރިހަމަ ޒާތުފުޅެކެވެ. އެހެންވީއިރު އެކަލާނގެ ފޮނުއްވައިފައިވާ ދީނަކީވެސް އައިބެއް ނުވަތަ އުނިކަމެއް ނެތް ދީނެއްކަމުގައި ވާންޖެހެއެވެ. އެދީނަކަށް އެއްވެސް ބަދަލެއް ގެނައުމަކީ ކޮން ކަހަލަ ކަމެއް ހެއްޔެވެ؟ ނަމަވެސް އެދުވަސްވަރު އަޅުގަނޑަށް ގިނައިން އުޅެވުނީ ފައްޅިއަށް ގޮސް އައިސް އުޅޭ މީހުންނާ އެކުގައެވެ. އެހެންކަމުން އަޅުގަނޑުގެ ހިތުގައިވާ ސުވާލުތަކަކަށް އެއްވެސް ޖަވާބެއް ނުލިބެއެވެ. އެކަމާހުރެ އަޅުގަނޑަށް މަޑުމަޑުން ކްރިސްޓިއަނިޓީއާ ދުރަށް ދެވޭން ފަށައިފިއެވެ.

ކޮންމެއަކަސް އެފަހަރު އަޅުގަނޑު ވަނީ މުޅީން އެހެން މީހަކަށް ބަދަލުވެފައެވެ. އަޅުގަނޑު ހަމައެކަނި ބައިބްލް ކިޔަނީކީ ނޫނެވެ. ކޮންމެ ފޮޅުވަތަކުން، ފޮޅުވަތަކުން އެއާމެދު ވިސްނައި ފިކުރުކުރީމެވެ. ބައިބްލް ވުޖޫދަށް އައިގޮތާއި، އެފޮތް އުފެއްދި ފަރާތްތަކާމެދު ފުންކޮށް ޚިޔާލުކޮށް އުނެގެނެމުން ގެންދިޔައީމެވެ. އެކަމަށްޓަކައި އަޅުގަނޑު ޓްރިނިޓީގެ މަޝްހޫރު ސްކޮލަރުންގެ ލިޔުއްވުންތައް ކީމެވެ. ދިހަ އަމުރުފުޅު 10 COMMANDMENTS)) ވެސް ކީމެވެ. ނަމަވެސް އަޅުގަނޑުގެ މުޠާލިޢާ އިތުރުވަމުކން ދިޔަދިޔަހެން ފެންބޮވައިގަތުން ހައްތާވީ އިތުރެވެ. ކަލާނގެ ދަރިކަލުން ކްރައިސްޓާއި، އެކަލޭގެފާނުންގެ ބިކުރުވެރި މައިކަނބަލުންގެ ތަޞައްވުރު އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވުނެވެ.

ކުއްލިއަކަށް މުޅީން ތަފާތު ދެދިމާޔަކުން އަޅުގަނޑަށް އަލިދޯދިފަށެއް ފެންނާން ފަށައިފިއެވެ. އެދުވަސްވަރަކީ އަޅުގަނޑު ބްލެކް ބެލްޓް ޓެސްޓަށް ތައްޔާރުވަމުން ދިޔަ ދުވަސްވަރެވެ. އަޅުގަނޑުގެ އިންސްޓްރަކްޓަރަކީ ނޭޝަން އޮފް އިސްލާމްގެ މެންބަރެއްކަމުގައި ނުވިޔަސް އެމީހުންގެ ޚިޔާލުތައް ޤަބޫލު ކުރައްވާ ބޭފުޅެކެވެ. އިމްތިޙާނަށްފަހު އޭނާ އަޅުގަނޑު ގާތު ޢީސާ ޢަލައިހިއްސަލާމާ ބެހޭގޮތުން ބައެއް ވާހަކަ ދެއްކެވިއެވެ. އަޅުގަނޑޫ އޭނާއާ ސުވާލު ކުރީމެވެ. ތިޔައީ ކޮންތަނަކުން ލިބިވަޑައިގެންނެވި މަޢުލޫމާތެއްތޯއެވެ؟ އޭނާ ވިދާޅުވިއެވެ. މުސްލިމުންވެސް ޢީސާ ޢަލައިހިއްސަލާމަކީ ނަބީބޭކަލެއް ކަމުގައި ޤަބޫލުކުރެއެވެ. އެހައިތަނަށް އަޅުގަނޑަށް މުސްލިމުންނާ ބެހޭ މަޢުލޫމާތެއް ލިބިފައެއް ނެތެވެ. އެހެންކަމުން އިސްލާމްދީންވެސް މުޠާލިޢާ ކޮށްލުމަށް އިންސްޓްރަކްޓަރ ދެއްވި ޚިޔާލުފުޅާ އަޅުގަނޑުވެސް ފިކުރާވެއްޖެއެވެ. މުސްލިމުން ކިޔާ އެއްޗެއްވެސް ބަލައިލާހިތް ވެއްޖެއެވެ. އަޅުގަނޑު ނޭޝަން އޮފް އިސްލާމާއި މުސްލިމުންނާ ބެހޭ މަޢުލޫމާތު ހޯދަން ކަނޑައަޅައިފީމެވެ. ޢާލީޖާހު މުޙައްމަދުގެ ފޮތްތައް ގަނެގެން ކިޔާން ފަށައިފީމެވެ. ނަމަވެސް އެފޮތްތަކުން ވެސް އަޅުގަނޑުގެ މާޔޫސްކަން ވީ އިތުރެވެ. އެފޮތްތަކުގައި ވަރަށް ގިނައިން، ވަރަށް ކަމޭހިތުމާއެކު ކީރިތި ޤުރުއާނުގެ ވާހަކަ އައިސްފައި ހުރެއެވެ. އެހެންކަމުން އެފޮތް ހޯދައިގެން އެފޮތްވެސް ރަނގަޅަށް މުޠާލިޢާ ކުރާހިތްވެއްޖެއެވެ.

އަޅުގަނޑުގެ އެޢަޒުމަށް ޢަމަލީ ސިފަ ގެނެސްފީމެވެ. ނަމަވެސް އެންމެ ފުރަތަމަ ފަށައިގެންއިރު އަޅުގަނޑަކަށް މާބޮޑަކަށް އެފޮތް ވިސްނައެއް ނުގަނެވެއެވެ. ނަމަވެސް އިއްތިފާޤުން އެދުވަސްވަރު އަޅުގަނޑާ އެއް ޢިމާރާތެއްގައި އުޅުނު އަންހެނެއް ރަމަޟާން މަހުގެ ރޯދަ ހިފައެވެ. އޭނާ އަބަދުވެސް ފޮތެއް ގެންގުޅެއެވެ. މުސްލިމުން ނަމާދު ކުރަން ދަސްކުރަނީ އެފޮތުންނެވެ. ކީރިތި ޤުރުއާނުގެ ކޮޕީއެއް އަޅުގަނޑަށް ދިނީވެސް އޭނާއެވެ. ކޮންމެއަކަސް އަޅުގަނޑު ކީރިތި ޤުރުއާން ފަހުމު ކުރެވޭތޯ ކުރަމުންދިޔަ މަސައްކަތް ކުރިއަށް ގެންދިޔައީމެވެ. ނަތީޖާއެއްގެ ގޮތުން އަޅުގަނޑުގެ ސިކުނޑީގައިވާ ގޮށްތައް މޮހެވެމުން ހުޅުވެމުންދާން ފަށައިފިއެވެ.

ކީރިތި ޤުރުއާނަކީ މާތްﷲ ޞުބުޙާނަހޫ ވަތަޢާލާ އިންސާނުންނާ ސީދާ މުޚާޠަބު ކުރައްވާ އެކަލާނގެ ވަޙީ ބަސްފުޅެވެ. ކާއިނާތުގެ ކޮންމެ ޒައްރާއަކާ މެދުވެސް އެފޮތުގައި ސަރީޙު ބަސްފުޅުން ވަނީ އެތަކެތި ހެއްދެވުމުގެ މަޤުޞަދު ހާމަކޮށްދެއްވައިފައެވެ. މާތްﷲގެ އެއްކައުވަންތަކަމާއި އެކަލާނގެ ރަސްކަންފުޅާ އެއްވެސް ކަމެއްގައި ޝަރީކަކު (ބައިވެރިއަކު)ވުމާއި، އެކަލާނގެ ރަސްކަންފުޅަށް ދަރިކަލަކު ވުމުގެ ޚިޔާލަކީ ފިޠުރީ ގޮތުންވެސް އަޅުގަނޑަށް ވަރަށް ޤަބޫލު ނުކުރެވޭ ވާހަކައެކެވެ. އެވާހަކައިގެ ޞަރީޙަ ޖަވާބު ކީރިތި ޤުރުއާނުގައި ވެއެވެ.

ކީރިތި ޤުރުއާނުން އަޅުގަނޑަށް އެނގުނު ގޮތުގައި ކާއިނާތުގައިވާ ކޮންމެ އެއްޗެއްވެސް އެއެއްޗެއްގެ އުފެދުމަށާއި، އެއެއްޗެއްގެ ދެމިހުރުމަށްޓަކައި ވަނީ މާތްﷲގެ ރަސްކަންފުޅަށް ބޭނުންވެގެންނެވެ. ނަމަވެސް އެކަލާނގެއީ ހުސްޠާހިރުވަންތަ ރަސްކަލާނގެއެވެ. އެހެން އެއްވެސް ފަރާތަކަށް ބޭނުންވެވޮޑިގަތުމުން ހުސްދުރުވެ ވޮޑިގެންވާ، ފުދިވޑިގެންވާ ރަސްކަލާނގެއެވެ. ދީނުގެ ޙަޤީޤީ ބިންގަލަކީ މިއީއެވެ. އިސްލާމްދީނުގެ މައިގަނޑު ފަސްރުކުން އަޅުގަނޑަށް ވިސްނައިދިނީ އެފަސްރުކުން މުސްލިމުންނަށް އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ފިލާވަޅުދޭކަމެވެ. މުސްލިމުންގެ މޮޔަކަމުން ކިތަންމެ ގިނަ ފިރުޤާތަކެއް ހެދިކަމުގައިވިޔަސް ވެހެވެ. މުސްލިމުންގެ މެދުގައި އޮންނަ ބައިބައިވުމާއި ތަފާތު ފިރުޤާތަކަށް ބެހިގެން ދިއުމަކީ އިސްލާމްދީނުގެ އުނިކަމެއް ނޫނެވެ. އަދި ކީއްތޯއެވެ؟ މުސްލިމުންގެ އަމިއްލަ ކުށެކެވެ. ކީރިތި ޤުރުއާނުގެ އުނގަންނައި ދެއްވުންތަކަކީ ވަރަށް ސާފު ވަރަށް ފުރިހަމަ އުނގަންނައި ދެއްވުންތަކެކެވެ. ނަމަވެސް ހިތާމައަކީ ޙަޤީޤީ މާނައިގައި ޤުރުއާނަށް ޢަމަލު ކުރާ މީހުން މިހާރު މަދުކަމެވެ.

ކޮންމެއަކަސް އަޅުގަނޑު ދީން އުނގެނުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީމެވެ. ގޭގައި ފަސް ވަގުތު ނަމާދު ކުރާންވެސް ފަށައިފީމެވެ. އިސްލާމްދީން އިތުރަށް އޮޅުންފިލުވުމަށްޓަކައި ޞަޙީޙު ބުޚާރީއާއި ޞަޙީޙު މުސްލިމުވެސް މުޠާލިޢާ ކުރާން ފަށައިފީމެވެ. އަޅުގަނޑުމެންގެ އަވަށުގައި ހުންނަ މިސްކިތާއި މުސްލިމުން ކައިރިން ފެނުމުގެ ފުރުޞަތު ލިބުމުން އިސްލާމްދީނުގެ އަލިވެގެންވާ ޙަޤީޤަތް ވަކީން ބޮޑަށް ސާފުވިއެވެ. ނަމަވެސް ފާޅުގައި މިސްކިތަށްދާން އަޅުގަނޑު ޖެހިލުންވިއެވެ. ސަބަބަކީ އެމެރިކާގައި ނަސްލީ ޢަޞަބިއްޔަތު އޮންނަ މިންވަރު އަޅުގަނޑަށް ފުރިހަމައަށް އިޙްސާސް ކުރެވޭކަމެވެ. ޚާއްޞަކޮށް އެމެރިކާ މީހުން މުސްލިމުން ދެކެ ރުޅި އަންނަ ވަރު އެންމެންނަށްވެސް އެނގޭނެއެވެ. އޭރު އަޅުގަނޑު މަސައްކަތް ކުރީ ރޭޑިޔޯ ޑައިރެކްޓަރެއްގެ ޙައިޘިއްޔަތުންނާއި އެނައުސަރެއްގެ ޙައިޘިއްޔަތުންނެވެ. އަޅުގަނޑުގެ އުނގެނުން އަޅުގަނޑަށް އަންގައިދިނީ ނޭޝަން އޮފް އިސްލާމް ޙަޤީޤީ އިސްލާމްދީނާ ވަރަށް ބޮޑަށް ފަރަޤުކަމެވެ.

އެމެރިކާގެ މާޙައުލު ދެކެ ބިރުން އަޅުގަނޑު މިސްކިތަށް ގޮސް މުސްލިމުންނާއެކު ނަމާދުކޮށް ނުއުޅުނު ކަމުގައި ވިޔަސް އަޅުގަނޑުގެ ހިތްއެދެނީ އެގޮތަށް ކަންތައް ކުރުމަށެވެ. ނަމަވެސް ނަސްލީ ތަޢައްޞުބާ ހުރެ އެކަން އޮތީ ފަށައި ނުގަނެވިފައެވެ. އެއްދުވަހަކު އަޅުގަނޑު މިސްކިތެއްގެ ކައިރިންލައިފައި ދަނިކޮށް މުސްކުޅި މުސްލިމެއް އަޅުގަނޑުގެ ސިފަ ފެނިވަޑައިގެންފައި އަޅުގަނޑަށް ސަލާމް ކުރައްވައިފިއެވެ. އައްސަލާމްޢަލައިކުމްއެވެ. ވިދާޅުވެފައެވެ. އަޅުގަނޑުވެސް ވަޢަލައިކުމުއްސަލާމްއެވެ. ބުނީމެވެ. އެކަމަކު އަޅުގަނޑު މަޑެއް ނުކުރަމެވެ. އަވަސްއަވަހަށް އެތަނުން ދުރަށް ހިނގައްޖައީމެވެ. އަޅުގަނޑުގެ ފިނޑިކަމާއި މެދު އަޅުގަނޑު މޮޅިވިއެވެ. އަނެއް ފަހަރު އަޅުގަނޑު މިސްކިތުގެ ކައިރިންލައިފައި ދިއުމުގެ ބަދަލުގައި މިސްކިތަށް ވަދެއްޖައީމެވެ. އަޅުގަނޑާ ބައްދަލުވީ އެއްކަލަ މުސްކުޅިޔާއާއެވެ. އޭނާގެ ނަންފުޅަކީ ޢަބްދުލް ޙަމީދެވެ. އޭނާ އަޅުގަނޑު ފާހަގަ ކުރެއްވިގެން އަޅުގަނޑާ ވާހަކަ ދެއްކެވިއެވެ. އަޅުގަނޑު އިސްލާމްވީ ގޮތުގެ ވާހަކަ އަޑުއެއްސެވިއެވެ. އިސްލާމްދީނާ ބެހޭ ގޮތުން ހުރިހައި ގޮތަކުން އޭނާ އަޅުގަނޑަށް އެހީތެރިވެދެއްވިއެވެ.

އަޅުގަނޑު އިސްލާމްވުމުން ކުރީކޮޅުގައި އަޅުގަނޑު ތަޢައްޞުބުގެ ޝިކާރަޔަކަށް ހަދައިނުލެވުނީތީ އަޅުގަނޑު އަޖައިބުވިއެވެ. ނަމަވެސް އެޚަބަރު ޢާއްމުވުމަށްފަހު އަޅުގަނޑަށް އުނދަގޫ ކުރީ ހަމައެކަނި ޣައިރު މުސްލިމުންނެއް ނޫނެވެ. ޚުދު މުސްލިމުންނެވެ. ނަމަވެސް އަޅުގަނޑު އަބަދުވެސް އަޚް ޢަބްދުލް ޙަމީދުގެ ވާހަކަފުޅެއް ހަނދާން ހުރެއެވެ، "އިސްލާމްދީނަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި ގިނައީ ޣައިރުމުސްލިމުން ދިން ގެއްލުންތަކެއް ނޫނެވެ. ޚުދުމުސްލިމުން ދީފައިވާ ގެއްލުންތަކެވެ. އެހެންކަމުން އިސްލާމްދީން އެދީނުގެ ޙަޤީޤީ މަޞްދަރުތަކުން އުނގެނޭން މަސައްކަތް ކުރާށެވެ. އޭގައި ވަރުގަދަޔަށް ހިފަހައްޓާށެވެ." އަޅުގަނޑު ޚުދު މުސްލިމުންނަށްވެސް ނަޞޭޙަތްތެރި ވާނީ އިސްލާމްދީން ދަސްކުރުމަށްޓަކައި އެދީނުގެ ޙަޤީޤީ ރިފަރެންސްތަކަށް ރުޖޫޢަވުމަށެވެ. އެއާމެދު ފިކުރުކުރުމަށެވެ. އެއަށް ޢަމަލުކުރުމަށެވެ. މާތްﷲގެ ރަސޫލާއާއި އެކަލޭގެފާނުގެ ޞަޙާބީން ޢަމަލު ކުރެއްވީ އެގޮތުގެ މަތީންނެވެ،

(ނިމުނީ)