އެންމެ ގިނައިން ވަގު ފޯމު ހުށަހެޅީ އިދިކޮޅު ޕީޕީއެމުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފައިވަނީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ޕީޕީއެމް ބަދުނާމުކުރުމަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.

މީހުންނަށް ނޭނގި އެއްޕާޓީން އަނެއް ޕާޓީއަށް މީހުން ބަދަލުކޮށް، ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ މައްސަލަ ބޮޑުވެގެން، ޕާޓީތަކުން ކަންބޮޑުވުން ހާމަކުރުމާ ގުޅިގެން އީސީން އިއްޔެ ބުނީ 2018 އިން ފެށިގެން މިއަހަރުގެ ނިޔަލަށް 1200 އަށްވުރެ ގިނަ ވަގު ފޯމު ހުށަހަޅައިގެން އެކަމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.

އިތުރު ތަފްސީލުދެއްވަމުން އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ ހުރިހާ ޕާޓީތަކުންވެސް ވަގު ފޯމު ހުށަހަޅާ ކަމަށާއި، އެ މައްސަލަ އެންމެ ބޮޑަށް ދިމާވާން ފެށީ ޕާޓީތަކަށް ފައިސާ ދޫކުރަން ފެށި ހިސާބުން ކަމަށެވެ. އެއީ 2018 ވަނަ އަހަރެވެ.

އޭނާ ވިދާޅުވީ 2018 އިން ފެށިގެން މިހާތަނަށް 1208 އަށް ވަގު ފޯމު ހުށަހަޅައިގެން އެކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި އެންމެ ގިނައިން ވަގު ފޯމު ހުށަހަޅާފައިވަނީ ޕީޕީއެމާއި އެމްޑީޕީން ކަމަށެވެ.

އީސީން އެހެން ބުނުމުން އެކަން ކުށްވެރިކޮށް ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކަަމަކީ، މިދިޔަ އަހަރުގެ އޮކްޓޯބަރު އެކަކުން ފެށިގެން ޕީޕީއެމްގެ 5000 އަށްވުރެ ގިނަ މެންބަރުން ވަގަށް ނަގައި އެހެން ޕާޓީތަކަށް ބަދަލުކޮށްފައިވާ މައްސަލަ އީސީ އާއި ރައްޔިތުންގެ ސަމާލުކަމަށް ގެނެސް އެކަމުގައި އިންސާފު ހޯދުމަށް ކުރަމުންގެންދާ މަސައްކަތަށް ހުރަސް އަޅައި، އެ ވާހަކައިގެ މިސްރާބު އަނބުރާލުމަށް ސަރުކާރުން އަންގައިގެން ކުރާ މަސައްކަތެއް ކަމަށެވެ.

އެއީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި 2018 އިން 2022 އާ ދެމެދު 391 ވަގު ފޯމު ޕީޕީއެމުން ވައްދާފައިވާ އީސީން ބުނަނީ ކިހާވަރަކަށް ބަލާފައިތޯ އާއި ކޮން އަސާސެއްގެ މައްޗަށް ބުރަވެތޯވެސް ސުވާލު އުފައްދާފައިވެއެވެ. އަދި އެ 391 ފޯމުގައި ހިމެނޭ އެމީހުންގެ މައުލޫމާތާއި އެމީހުން ހުށަހަޅާފައިވާ ޝަކުވާތައް ޕީޕީއެމަށް ފޮނުވައިދިނުމަށްވެސް ޕީޕީއެމުން ވަނީ ގޮވާލައިފައެވެ.

ޕީޕީއެމްގެ މެންބަރުން ވަގަށް ނަގާފައިވާ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގައި، ވަގަށް ނަގާފައިވާ ޕީޕީއެމްގެ މެންބަރުން، އިތުރު ފޯމެއް ފުރުމެއް ނެތި، އަނބުރާ ޕީޕީއެމްގެ ދަފްތަރުގައި ހިމަނައިދިނުމަށް ވެސް އެ ޕާޓީން ވަނީ އީސީގައި އެދިފައެވެ.