ހއ. ހޯރަފުށި އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފިއެވެ.

އެ މަސައްކަތްކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނީ، އެ މަސައްކަތުގެ 55 ޕަސަންޓު ނިމިފައިވާ ކަމަށެވެ. އަދި ބޭރުތޮށީގެ ޕްރޮފައިލިން މަސައްކަތްތަކުގެ 94 ޕަސެންޓާއި ގްރޮއިން ޖެހުމުގެ މަސައްކަތުގެ 70 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.

ހޯރަފުށީ އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން 26 ގައެވެ.

އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 90.5 މިލިއަން ރުފިޔާގެ އަގަކަށެވެ.

އެ މަޝްރޫއުގެ ތެރޭގައި ހޯރަފުށީ އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.