ޚަބަރު

މި މަސް ނިމުމުގެ ކުރިން ފުރަތަމަ 3،000 ގޯއްޗަށް އިއުލާން ކުރާނަން: ރައީސް

މި މަސް ނިމުމުގެ ކުރިން މާލޭ ރައްޔިތުންނަށް ދޭ 5،000 ގޯތީގެ ތެރެއިން ފުރަތަމަ 3،000 ގޯއްޗަށް އިއުލާން ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރިޔާސީ ބަޔާނުގައި މާލެ ސަރަހައްދުން 5000 ގޯތި ދޫކުރާނެ ވާހަކަ ދަންނަވާފައިވާނެ ކަމަށާއި އެއީ ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރުން ކަމަށެވެ. އަދި އޭގެ ތެރެއިން 3000 ގޯތި ދޫކުރުމަށް މިމަހުގެ ތެރޭގައި އިއުލާންކުރާނެ ކަމަށް ވިދާޅުވިއެވެ.

"މި މަސް ނިމުމުގެ ކުރިން ފުރަތަމަ 3000 ގޯތި ދޫކުރުމަށް އަޅުގަނޑުމެން އިއުލާންކުރާނަން. އޭގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ނިމި, އިއުލާންކުރާ ހިސާބުގައި އޮތީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ލަސްތަކެއް ނުވެ, އިއުލާންކުރެވި މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމާއި ބިންވެރިކަން ހޯދައިދިނުމުގެ ގޮތުން މަޝްރޫއު އަމަލީގޮތުން ފެށިގެންދާނެ ކަމަށެވެ.

މާލެ ސަރަހައްދުން 3000 ގޯތި ދޫކުރުމަށް މިމަހުގެ ތެރޭގައި އިއުލާންކުރާނެ ކަމަށް ރައީސް ވިދާޅުވި އިރު، ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ވިނަރެސް ފްލެޓުތައް އާންމުންނަށް ވިއްކަން އަންނަ ހަފުތާގައި ހުޅުވާލަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ނިންމައިފައެވެ. އަދި މިހާރު އާންމުންނަށް އެ ފުލެޓުތައް ދެއްކުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

ވިނަރެސް ފްލެޓުތައް ވިއްކަން ނިންމާފައިވަނީ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑަށް އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ މީހުންނާއި ހިޔާ މަޝްރޫއުން ފްލެޓް ދޫކޮށްލި މީހުންނާއި ގުޅިފަޅުން ފްލެޓް ދޫކޮށްލި މީހުންނަށް އަދި ބާކީ ހުރި ފްލެޓުތައް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށެވެ. މާލޭ ރައްޔިތުންނަށް ހާއްސަކުރި އަދަދުން 100 އެޕާޓްމަންޓް މާލޭގައި އުޅޭ ގިނަ ދުވަސްވީ އަތޮޅުތެރޭގެ ރައްޔިތުންނަށް ވަނީ ކަނޑައަޅައިފައެވެ.

ވިނަރެސް މަޝްރޫއުގެ ދަށުން ޖުމުލަ ދިހަ ޓަވަރުގައި 1340 އެޕާޓްމަންޓް ހަދާފައިވާ އިރު، ހަތަރު ވައްތަރެއްގެ އެޕާޓްމަންޓް ހުންނާނެއެވެ. އެއީ މެރީނާ ވިއު، އިނާ ވިއު، އައުޓާ ވިއު އަދި ސްޓޭންޑާޑް ވިއުއެވެ.

އެ ހުރިހާ އެޕާޓްމަންޓަކީވެސް ތިން ކޮޓަރީގެ އެޕާޓްމަންޓުތަކެވެ. އިނާ ވިއު، އައުޓާ ވިއު އަދި މެރީނާ ވިއު އެޕާޓްމަންޓުތަކުގެ ބޮޑުމިނުގައި 902 އަކަފޫޓު ހުންނަ އިރު، ސްޓޭންޑާޑް ވިއު އެޕާޓްމަންޓުތަކުގެ ބޮޑުމިނަކީ 883 އަކަފޫޓެވެ.