ޚަބަރު

ކުނޫޒުގައި ޖަލްސާއެއް ކުރިއަށްދަނިކޮށް އައިޑީއެއް ގޮއްވާލަން ރޭވި: ދައުލަތް

އަލީ ޔާމިން

ޖުމްހޫރީ ޕާޓީ (ޖޭޕީ) އޮފީސް ހުންނަ މ. ކުނޫޒުގައި ޖަލްސާއެއް ކުރިއަށްދަނިކޮށް އައިއީޑީއެއް ގޮއްވާލަން ރޭވިކަމަށް ދައުލަތުން މިއަދު ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.

އެ މައްސަލައާ ގުޅިގެން 24 އޭޕްރީލް 2017 ގައި ހައްޔަރުކޮށްފައިވަނީ، ހދ. ނައިވާދޫ، ރިވެލި ޝިމާން ޝަރީފާއި ހއ. ހޯރަފުށީ، އަލަނާސިގޭ، މުހައްމަދު ތަސްލީމާއި ގދ. މަޑަވެލީ، ގަމަރީ އިއުތިޝާމް މުހައްމަދު ސައީދުގެ އިތުރުން ހއ. ހޯރަފުށީ، ވިދުވަރުގޭ ނާސިއު މުހައްމަދެވެ. އެމީހުންގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ ކޮށްފައެވެ.

އެމީހުން ހައްޔަރުކޮށް ފުލުހުން ބަނީ، މއ. ކިނާރާހައުސް އާއި އެގޭގެ ކުރިމަތިން އޮންނަ އެނބޫގޯޅީގައި ހުރި އެޓިކް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ އޮފީހަކާއި މއ. ނަމޫނާގެ ބަލައި ފާސްކޮށް އައިޑީއެއް ހެދުމަށް ބޭނުންވާ ބައެއް ބައެއް ތަކެތި ފެނިފައިވާ ކަމަށެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރެއިން އިއުތިސާމް އާއި ތަސްލީމް ވަނީ އޭރު ޝަރީއަތް ފެށުމުގެ ކުރިން ދޫކޮށްލައިފައެވެ. މި ފަހުން އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މެއި ހައެއްގެ ހަމަލާއާ ގުޅިގެން ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.

މިއަދުގެ އަޑުއެހުމުގައި ނާސިއު މުހައްމަދުގެ ވަކީލު ބައިވެރިވެފައިނުވާތީ ނާސިއުގެ ބައި މިއަދު ކުރިއަކަށް ނުގެންދެއެވެ.

އެ މައްސަލައިގައި ދެން ތިބި ތިން މީހުންނަށް އުފުލާފައިވާ ދައުވާތައް އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، އެމީހުން ރާވަމުން ދިޔައީ ޖުމްހޫރީ ޕާޓީގެ އޮފީސް ހުންނަ މ. ކުނޫޒުގައި ޖަލްސާއެއް ކުރިއަށްދަނިކޮށް އައިއީޑީއެއް ގޮއްވާލުމަށް ކަމަށެވެ. އެ ތިން މީހުންވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

"ޝިމާން ޝަރީފު އިތުރު ބަޔަކާއެކު 24 އޭޕްރީލް 2017 ވަނަ ދުވަހު މ. އެނބޫގޭގައި ހުންނަ އެތިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ އޮފީހުގައި ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުވުމަށްޓައި އައިއީޑީއެއް ތައްޔާރުކުރުމަށް ރާވައި، އެ އައިއީޑީ ކ. މާލެ، މ. ކުނޫޒުގައި ހުންނަ ޖުމްހޫރީ ޕާޓީގެ އޮފީހުގައި ޖަލްްސާއެއް ކުރިއަށްދަނިކޮށް ގޮއްވާލަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެ އޮފީސްތެރެ ބަލައި ފާސްކުރިއިރު އެ އޮފީސް ތެރެއިން އައިއީޑީއެއް ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި ފެނިފައިވާތީއާއި އެ އައިއީޑީ، މ. ކުނޫޒުގައި ހުންނަ ޖުމްހޫރީ ޕާޓީގެ އޮފީހުގައި ޖަލްސާއެއް ކުރިއަށްގެންދަނިކޮށް ގޮއްވާލަން އުޅެފައިވާތީ..،" ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުން އިތުރަށް ވިދާޅުވީ، ކުނޫޒް ގޮއްވާލުމަށް އައިއީޑީއެއް ތައްޔާރުކުރަން އުޅުނީ ގިނަ އަދަދެއްގެ މޮހޮރާއި ރޭޒަރު ތިލަ ބޭނުންކޮށްގެން ކަމަށެވެ.

ކުނޫޒުގައި ބޮމެއް ގޮއްވާލުމަށް ރޭވި މައްސަލައިގައި ބަޔަކު ހައްޔަރުކުރި ދުވަސްވަރަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން އައި ދުވަސްވަރެވެ. އެގޮތުން ކުނޫޒުގައި ސިލްސިލާކޮށް އޭރުގެ އިދިކޮޅު ފަރާތްތަކުން ބާއްވަމުންދިޔަ ޖަލްސާތަކުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.