ޒަމާނުއްސުރެން ރާއްޖޭގައި އުފެދިފައި އޮތް ބިދޭސީންގެ މައްސަލަ ދެން ހައްލު ކުރެވޭނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީ ހައްޔަރު ކޮށްގެން ކަމަށް އިކޮނޮމިކު މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒް މިހެން ވިދާޅުވީ، ރަށްރަށުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވެ، ވައްކަމާއި މާރާމާރީތަކާއި، މަސްތުވާތަކެތީގެ ވިޔަފާރި އާއި މީހުންގެ ތަކެއްޗަށް ގެލުންދޭ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން ކަމާ ގުޅުންހުރި މުއައްސަސާތައް އެ ކޮމިޓީއަށް ހާޒިރު ކޮށްގެން މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، އެ މައްސަލަ ހައަލު ކުރުމަށް މިހާރު ދިމާވެފައިވާ ގޮންޖެހުމަކީ އެކަމުގެ ބޮޑު ކަމަށް ބަލައި އެކަމަށް ހުރި ރިސޯސްގެ ދަތިކަން ކަމަށެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ގަވައިދަށް އެޅުވުމަށް މީގެ ކުރިން އިކޮނޮމިކު މިނިސްޓްރީން ކުރިއަށްގެންދިޔަ މަސައްކަތް ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، އެކަމަށްޓަކައި ގަލޮޅު ދަނޑުގައި ހުޅުވާލި ފުރުސަތުގައި 43787 ބިދޭސީން އެކަމަށް ކުރިމަތިލި ކަމަށެވެ. އޭގެ ތެެރެއިން 13000 މީހުން ގަވާއިދާ އެއްގޮތަށް ބަދަލު ކުރެވިފައިވާ ކަމަށާއި، ވޮލަންޓަރީ ރިޕެކްޓްރިއޭޝަންގެ ތެރެއިން 9000 މީހުން ފުރައިގެން ގޮސްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންވީމަ ދެބައިކުޅަ އެއްބަޔަށް މިވަނީ ސޮލިއުޝަނެއް ގެނެވިފައި، ބާކީބައިގައި ދިމާވި މައްސަލަތަކެއް އެބަހުރި، ފުރަތަމަ ކަމަކީ އަޅުގަނޑުމެން އެ މަސައްކަތް ފެށިކަހަލަ ގޮތަކަށް ކޮވިޑްގެ ހާލަތު ދިމާވެގެން ވަރަށް ބޮޑަށް އެމަސައްކަތް އޮތީ ހުއްޓުވައިލެވިފައި، ވޮލަންޓަރީކޮށް ރިޕެތްރިއޭޝަން ވި ފަރާތްތައް ފިޔަވައި،"

މިނިސްޓަރު ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭމީހުން ގަވައިދުގެ ތެރެޔަށް ވެއްދުމަށް އެމީހުންގެ ފިންގާ ޕްރިންޓް ނަގައި، ވެރިފިކޭޝަންތަކެއް ހަދަން ޖެހޭ ކަމަށާއި، އެކަން ވެރިފައިކޮށް، ޕޮލިސް ރިޕޯޓެއް ހަދައިގެން އިމިގްރޭޝަންގެ ކުލިއަރެންސް ހޯދުމަށްފަހު، ބަނގްލަދޭޝް މީހުން ނަމަ ބަނގްލަދޭޝް އެމްބަސީއަށް ގޮސް، ޕާސްޕޯޓް ހަދަން ހަތަރުމަސްދުވަސް ނަގާ ކަމަށެވެ. ރަސްމީކޮށް އެމީހުން ރެގިއުލަރައިޒޭޝަން ތެރެއަށް ވަންނަނީ އެހިސާބުން ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭ ކަމަށް މިހާރު ފާހަގަ ކުރެވެނީ ވިއްސަކަށްހާސް މީހުން ކަމަށެވެ. ނަމަވެސް އެ އަދަދު އެއަށްވުރެ އިތުރު ވުމަކީ އެކަށީގެންވާކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

"މި މީހުން ހައްޔަރު ކޮށްގެން މިހާރު މިކަން ކުރިއަށް ގެންދެވެން މިއަންނަނީ، އެއީ ވޮލަންޓަރީކޮށް ރެގިއުލަރައިޒް ކުރަން އަދި ރިޕެޓްރިއޭޓު ކުރަން ހުޅުވާލައިގެން ވާނެވަރު މިއޮތީވެފައިހެން އަޅުގަނޑަށް ހީވަނީ،"

މިނިސްޓަރު ވިދާޅުވީ، އެއްވެސް ގައުމަކަށް ނިސްބަތްވާ އެއްލަކައަށްވުރެންގިނަ މީހުން ރާއްޖޭގައި ނުތިބެވޭނެ ކަމަށް ގާނޫނުގައިވެސް ބުނާ ކަމަށެވެ.

ބަނގްލަދޭޝް މީހުންނަށް ބަލާއިރު، ރަސްމީ ސިސްޓަމްގެ ތެރޭގައި ނުވަދިހަހާއެއްހާ މީހުން ތިބިއިރު، ލިޔެކިޔުމެއް ނެތް މީހުންގެ އަދަދު ތޭވީސްހާހަށްވުރެން އިތުރު ވެދާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ނޭނގޭ އަދަދެއް އޮތުމަކީ ވެސް އެކަށީގެންވާކަމެއް، އެެހެންވީމަ އެ އަދަދު އެއްލައްކައަށްވުރެން އެބަ މައްޗަށްދޭ، އެހެންވީމަ މިދިޔަ ތިންއަހަރު ދުވަހު ބަންގްލަދޭޝަކުން މީހުންނެއް އެތެރެއެއް ނުވޭ، ދެން ރާއްޖޭގައި ވިޔަފާރިވެރިންގެ ޑިމާންޑް ކޮންމެވެސް ސަބަބަކާހެދި ވަރަށް ބޮޑަށް ބަނގްލަދޭޝަމީހުންނަށް އޮވޭ އެހެންކަމުން ވާގޮތަކީ އަން ޑޮކިއުމެންޓް މީހުން ޑޮކިއުމެންޓް ވާކަށް ބޭނުމެއް ނުވޭ، އެއީ މުސާރައަކަށް ދިއުމަށްވުރެން، ގަޑިއިރަށް އެމީހުންނަށް ދިވެހިން ދޭ އަދަދު ބޮޑު ކަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ މައްސަލައިގައި މިހާރު އޮތީ ފިޔަވަޅު ނޭޅޭ މައްސަލަ ކަމަށެވެ.

"މި މީހުން ހައްޔަރު ކޮށްގެންވެއްޖެއްޔާ ވިހިހާސް މީހުން ހައްޔަރު ކުރަން ދެތިން މިލިޔަން ރުފިޔާގެ ފެސިލިޓީ އެބަ ގާއިމުކުރަން ޖެހޭ، މީހަކު ހައްޔަރު ކުރާއިރަށް، މިމަޖިލީހުގެ ހިއުމަންރައިޓްސް ކޮމިޓީ އާއި ހިއުމަންރައިޓްސް ކޮމިޝަނުން އެބަ ބަލާ، އެެހެންކަމުން އެއީ އަގުބޮޑު ފެސިލިޓީއެއް،"

މިނިސްޓަރު ވިދާޅުވީ ލިޔެކިޔުން ނުހުންނަ މައްސަލަ ތަކުގައި ބިދޭސީން ހައްޔަރުކުރުމުގެ ކަންތައް މަތިކޮށްފައި އޮންނަނީ އިމިގެރޭޝަނާ ކަމަށާއި، އެ ތަނުގައި ހުރީ 48 މީހުންގެ ފެސިލިޓީއެއް ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފުލުހުން ހައްޔަރު ކުރި ނަމަވެސް އެމީހުންގެ މައްޗަށް ޖިނާއީ ކުށެއް ނެތްނަމަ 24 ގަށޑިއިރުގެ ތެރޭގައި ދޫކޮށްލަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް 300 އާއި 500 އާ ދެމެދުގެ ޖާގައިގެ ފެސިލިޓީއެއް ގުޅިފަޅުގައި ގާއިމު ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ ބަޖެޓްގައި ނެތް ކަމަކަށް ވާތީ ދަތި ވަނީ ކަމަށާއި، އެމްޓީސީސީގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން އެތަން ދޮޅުމަސްތެރޭގައި ނިންމަން މިހާރު ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެ ތަނުގައި ބަންދު ކުރާ މީހުންނަށް ބޮޑު ހަރަދެއް ހިނގާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ކެއުމާއި ކަންތައްތަކަށް މަހެއްގެމައްޗަށް މީހަކަށް 18000 ރުފިޔާ ހަރަދުވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެއީ 20،000 މީހުން ހައްޔަރު ކުރާ ނަމަ މަހެއްގެ މައްޗަށް 300 މިިޔަން ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.