މިފަހަރުގެ ވޯލްޑްކަޕުގައި ފަސް ގައުމެއް އެފްރިކާ ބައްރު ތަމްސީލު ކުރާނެއެވެ. މި ފަސް ގައުމުގެ ތެރެއިން އެފްރިކާއަށް ފަޚުރާއި ޝަރަފު ގެނެސްދޭނެ ކަމަށް އެންމެ ބޮޑަށް ހީކުރެވޭ ގައުމަކީ ސެނެގޯލެވެ. އެއީ އެފްރިކާ ބައްރުގެ އެންމެފަހުގެ ޗެމްޕިއަންވެސްމެއެވެ. ޔޫރަޕާއި ދެކުނު އެމެރިކާ ނަގާފައި ދެން އެންމެ ވަރުގަދަ ކޮންޓިނެންޓަކީ އެފްރިކާއެވެ. ޔޫރަޕުގެ ވަރުގަދަ ލީގުތަކުގައި އެފްރިކާގެ ތަރީން ވަރަށްވެސް ގިނައެވެ. ވޯލްޑްކަޕް ކާމިޔާބުކުރެވޭ ވަރުގެ ހުނަރު އެފްރިކާގައި އެބަހުއްޓެވެ. އެކަމަކު މިހާތަނަށް އެފްރިކާގެ ގައުމުތަކަށް އެކަން ވޯލްޑްކަޕުގައި ދެއްކިފައެއް ނުވެއެވެ. ފަހަކަށް އައިސް ކޮންމެ ވޯލްޑްކަޕެއް ފެށުމުގެ ކުރިންވެސް މިއީ އެފްރިކާގެ ފަހަރޭ އެމީހުން ބުނެއެވެ. އެކަމަކު ނިމިގެންދަނީ އެފްރިކާ ރޮއްވާލައިފައެވެ.

މިފަހަރަކީ ވޯލްޑްކަޕުގައި ކެމެރޫން ކުޅޭ 8 ވަނަ ފަހަރެވެ. ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ކެމެރޫން މަޝްހޫރުވެފައި އޮންނަނީ އިންޑޮމިޓަބަލް ލަޔަންސްގެ ނަމުންނެވެ. މާނަޔަކީ ބަލިވުމެއްނެތް ސިންގާތަކެވެ. އެފްރިކާގެ ހަގީގީ ޓެލެންޓް އެންމެ ބޮޑަށް ވޯލްޑްކަޕުގައި ދައްކައިދިނީވެސް މީގެ 32 އަހަރު ކުރިން ކެމެރޫނެވެ. އިޓަލީގައި 1990 ވަނަ އަހަރު ބޭއްވުނު ވޯލްޑްކަޕުގެ ކުއާޓަރ ފައިނަލުގައި ކެމެރޫން ވަނީ ކުޅެފައެވެ. ލަނޑުޖަހައިފައި ކޯނަރު ދަނޑި ކައިރިއަށް ދުވެފައިގޮސް ފޫކޮޅު ތަޅުވަތަޅުވައިފައި ކެމެރޫންގެ ފޯވާޑް ރޮޖަރ މިލާ ދެއްކި ހިތްގައިމު ނެށުންތައް ތާރީޚުގެ ތެރެއަށް ވަނީ ވަދެގެން ގޮސްފައެވެ. އޭގެފަހުން އެޒާތުގެ ކަމެއް ކެމެރޫނަށް ތަކުރާރެެއް ނުކުރެވެއެވެ. ވޯލްޑްކަޕުގެ މެޗަކުން ކެމެރޫން މޮޅުނުވާތާވެސް ވިހި އަހަރު ވެއްޖެއެވެ.

މިފަހަރުގެ ވޯލްޑްކަޕުގައި ކެމެރޫން ހިމެނެނީ ގްރޫޕް ޖީގައެވެ. ބްރެޒިލް ހިމެނެނީވެސް މި ގްރޫޕުގައެވެ. މީގެކުރިން ކެމެރޫނާއި ބްރެޒިލް ވޯލްޑްކަޕުގައި ބައްދަލުކުރި ދެފަހަރުވެސް ބޮޑު ފަރަގަކުން މޮޅުވެފައިވަނީ ބްރެޒިލްއެވެ. އެންމެ ފުރަތަމަ 1994 ގެ ވޯލްޑްކަޕުގައެވެ. އެފަހަރު ތިނެއް ސުމަކުންނެވެ. ދެން 2014 ގެ ވޯލްޑްކަޕުގައެވެ. އެފަހަރު ހަތަރެއް އެކަކުންނެވެ. ބަލިވުމެއްނެތް ސިންގާތައް ލަދުވެތި ގޮތްގޮތަށް ވަނީ ބަލިވެފައެވެ. ކޮންމެއަކަސް މިފަހަރުގެ ވޯލްޑްކަޕަށް ކެމެރޫން ނުކުންނައިރު ކެމެރޫންގެ ފުޓްބޯޅަ އަައު ހަރުފަތަކަށް ގެންދިޔުމާ ހަވާލުވެގެންތިބީ ފުޓްބޯޅައިގެ ލެޖެންޑުންނެވެ. އެތާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ވެރިޔަކީ ކުރީގެ ތަރި ސެމުއެލް އެޓޫއެވެ. ގައުމީ ޓީމުގެ ކޯޗަކީ ކުރީގެ ތަރި ރިގޮބަރޓް ސޯންގެވެ.

ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ގާނާ މަޝްހޫރުވެފައި އޮންނަނީ ބްލެކް ސްޓާރސްގެ ނަމުންނެވެ. މާނަޔަކީ ކަޅު ތަރިތަކެވެ. މިފަހަރަކީ ވޯލްޑްކަޕުގައި ގާނާ ކުޅޭ ހަތަރުވަނަ ފަހަރެވެ. ގާނާގެ އެންމެ ކާމިޔާބު ފަހަރަކީ 2010 ގެ ވޯލްޑްކަޕެވެ. އެފަހަރު ކުއާޓަރ ފައިނަލުގައި ކުޅުނެވެ. ސެމީއާ ވަރަށް ގާތްކުރިއެވެ. ގާނާއަށް ސެމީއަށް ނުދެވުނީ އުރުގުއާއީގެ ލުއިސް ސުއަރެޒްގެ ސަބަބުންނެވެ. މިފަހަރުގެ ވޯލްޑްކަޕުގައިވެސް ސުއަރެޒްގެ އުރުގުއާއީ އަކީ ގާނާއަށް އޮތް ހުރަހެކެވެ. މި ދެޓީމުވެސް ހިމެނެނީ ގްރޫޕް އެޗްގައެވެ. ގާނާގެ ޓީމުގައި މިފަހަރު ހިމެނޭ ދުނިޔޭގެ ފެންވަރުގެ ތަރިޔަކީ އާސެނަލްގެ ތޯމަސް ޕާރޓޭއެވެ. މި ގްރޫޕުގައި ދެކުނު ކޮރެޔާއާއި ޕޯޗުގަލްވެސް ހިމެނޭތީ ގްރޫޕް ފިޔަވަހި ފަހަނަޅައި ގާނާއަށް ދެވުމާމެދުވެސް ޝައްކެވެ.

ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ސެނެގޯލް މަޝްހޫރުވެފައި އޮންނަނީ ޓެރަންގާ ލަޔަންސްގެ ނަމުންނެވެ. މާނަޔަކީ ޓެރަންގާގެ ސިންގާތަކެވެ. ޓެރަންގާއަކީ ސެނެގޯލްގެ ޚާއްސަ ނަމެކެވެ. މެހުމާންދާރީ އަދާކުރުމާއި އޯގާތެރިކަމާއި އެކުވެރިކަމުގެ ގޮވައްޗޭ ބުނުމުގެ މާނާގައި ބޭނުންކުރެވޭ ނަމެކެވެ. މިއީ ޓެރަންގާގެ ސިންގާތައް ވޯލްޑްކަޕުގައި ކުޅޭ ތިންވަނަ ފަހަރެވެ. ސެނެގޯލްގައި މިފަހަރު ހިމެނެނީ މުޅިންވެސް ތަރިންނެވެ. ސާޑިއޯ މާނޭ އާއި ޚާލިދު ކުލިބާލީ އަދި އެޑުއާޑް މެންޑީ ފަދަ ތަރިންނެވެ. ސެނެގޯލްގެ ކޯޗު އަލިއޫ ސީސޭއަކީ އެފްރިކާގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކޯޗެވެ. ސެނެގޯލް މިފަހަރު ހިމެނެނީ ގަތަރާއި އިކުއެޑޯރާއި ހޮލެންޑާއެކު ގްރޫޕް އޭގައެވެ. ގްރޫޕް ފިޔަވަހީގައި ސެނެގޯލަށް ދައްޗެއް ނެތެވެ. މައްސަލަތައް އޮންނާނީ ނޮކައުޓްބުރު ފެށުނީމައެވެ.

ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ޓިއުނީޝިޔާގެ ގައުމީ ޓީމު މަޝްހޫރު ވެފައި އޮންނަނީ ކާރތޭޖް އީގަލްސްގެ ނަމުންނެވެ. މާނަޔަކީ ކާރތޭޖުގެ ބާޒުތަކެވެ. ކާރތޭޖަކީ އެންމެ އިހުޒަމާނުގައި ޓިއުނީޝިޔާގައި އޮތް ވަރަށް ވަރުގަދަ ސަހަރެކެވެ. އުތުރު އެފްރިކާގައި ރޯމަނުން ކޮންޓްރޯލްކުރި އެންމެ މުހިއްމު ކޮލޮނީއަކީވެސް އެއީއެވެ. މިފަހަރު މިއީ ކާރތޭޖުގެ ބާޒުތައް ވޯލްޑްކަޕުގައި ކުޅޭ ހަވަނަ ފަހަރެވެ. ގްރޫޕް ފިޔަވަހި ފަހަނަޅައި ދުވަހަކުވެސް ނުދެވެއެވެ. މޮޅުވެފައިވަނީވެސް އެންމެ ދެ މެޗަކުންނެވެ. އެއީ 1978 ގައި މެކްސިކޯއަތުންނާއި 2018 ގައި ޕެނަމާ އަތުންނެވެ. މިހާރުގެ ޓިއުނީޝިޔާއަކީ ދުވަސްވީ ކުޅުންތެރިން ގިނަ ޓީމެކެވެ. ތަރިންނަކީ ވަހަބީ ޚަޒްރީޔާއި ޔޫސުފް މަސްކާނީއެވެ. ޓިއުނީޝިޔާ ހިމެނެނީ ގްރޫޕް ޑީގައެވެ. ފްރާންސާއި ޑެންމާކުވެސް ހިމެނޭ ގްރޫޕުގައެވެ. ވީމާ ގްރޫޕް ފިޔަވަހިން ސަލާމަތްވުންވެސް ދުރެވެ.

ބައިނަލްއަގުވާމީ ފުޓްބޯޅައިގައި މޮރޮކޯގެ ގައުމީ ޓީމު މަޝްހޫރުވެފައިވަނީ އެޓްލަސް ލަޔަންސްގެ ނަމުންނެވެ. މާނަޔަކީ އެޓްލަސްގެ ސިންގާތަކެވެ. އެޓްލަސްއަކީ މޮރޮކޯގެ ތެރެއިން ދެމިގެންދާ ފަރުބަދަ ސިލްސިލާއެއްގެ ނަމެވެ. އެ ފަރުބަދަ ސިލްސިލާ ހިމެނޭ ޖަންގަލީގައި އެޓްލަސް ސިންގާގެ ނަންދެވިފައިވާ މާވަރުގަދަ ސިންގާތަކެއް އުޅުނެވެ. އެޔަށް ނިސްބަތްކޮށްފައި މޮރޮކޯގެ ޓީމަށް އެޓްލަސް ލަޔަންސޭ ކިޔަނީއެވެ. ކޮންމެއަކަސް މިފަހަރަކީ އެޓްލަސްގެ ސިންގާތައް ވޯލްޑްކަޕުގައި ކުޅޭ ހަވަނަ ފަހަރެވެ. އެންމެ ބޮޑު ކާމިޔާބީއަކީ 1986 ގައި ދެވަނަ ބުރެވެ. މިފަހަރު އަޝްރަފް ހަކީމީ އާއި ހަކީމް ޒިޔަކް ފަދަ ވަރުގަދަ ތަރީން އެބަތިއްބެވެ. އެކަމަކު ގްރޫޕް އެފްގައި ބެލްޖިއަމާއި ކްރޮއޭޝިއާވެސް ހިމެނޭތީ ގްރޫޕް ފިޔަވައި ފަހަނަޅައި ކުރިއަށް ދިޔުން މޮރޮކޯއަށް ފަސޭހައެއް ނުވާނެއެވެ.