ޚަބަރު

މުސްލިމުންގެ ކިބައިން މައާފަށް އެދުމަށް އެމްޑީއޭ އިން ބީޖޭޕީއަށް ގޮވާލައިފި

މުހައްމަދު އިޝާން

އިންޑިއާގެ ވެރިކަންކުރާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) ގެ ތަރުޖަމާނު، ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލައިގައި މުޅި އިސްލާމީ އުންމަތުގެ ކިބައިން މައާފަށް އެދުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ބީޖޭޕީއަށް ގޮވާލައިފިއެވެ.

އެމްޑިއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އެކަލޭގެފާނުގެ އަބުރުފުޅަށް ހުތުރުވާގޮތަށް، ބީޖޭޕީގެ ތަރުޖަމާނު ނުޕްރު ޝްރަމާ ދެއްކި ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"މިކަމުގައި މުޅި މުސްލިމް އުންމަތުގެ ކިބައިން މައާފަށް އެދި، މިފަދަ ނޭއްގޭނީ އަމަލުތައް ތަކުރާރު ނުވާނެކަމުގެ ޔަގީންކަން ދިނުމަށް ބީޖޭޕީއަށް އަޅުގަނޑުމެން ގޮވާލަމެވެ..،" އެމްޑީއޭއިން ބުންޏެވެ.

ރަސޫލާއަށް ފުރައްސާރަކުރި މައްސަލައާ ގުޅިގެން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އާދަމް ޝަރީފު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފައިވާތީ އެކަން ވެސް އެމްޑީއޭ އިން ވަނީ ކުށްވެރިކޮށްފައެވެ. އަދި އެ މައްސަލަ މަޖިލީހުން ބޭރުކުރުމަށް ވޯޓުދެއްވި އެންމެހައި މެމްބަރުން ތައުބާވެ، ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް އެމްޑީއޭއިން ވަނީ ގޮވާލައިފައެވެ.

"ކީރިތި ރަސޫލާއަކީ މާތްﷲ މި ބިންމައްޗަށް ފޮނުއްވި އެންމެ މާތް، އެންމެ ތާހިރު އިންސާނާ ކަމުގައި ވީހިނދު، އެކަލޭގެފާނަށް ފުރައްސާރަ ކުރުމުގެ ގޮތުން ކުރެވޭ ކޮންމެ އަމަލަކީ، އަޅުގަނޑުމެން މުސްލިމުންގެ ހިތާއި ރޫހާ ދެކޮޅަށް ކުރެވޭ ހަނގުރާމައެއް،" އެމްޑީއޭއިން ބުންޏެވެ.

ރަސޫލާއަށް ފުރައްސާރަކުރި މައްސަލަ ދިވެހި ސަރުކާރުންނާއި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކުން ވެސް ވަނީ ކުށްވެރިކޮށްފައެވެ.

ރަސޫލާއަށް ފުރައްސާރަކުރި މައްސަލައާ ގުޅިގެން ބީޖޭޕީން ވަނީ އެޕާޓީގެ އިސްތަރުޖަމާނު ނުޕުރު ޝަރުމާ އާއި ޕާޓީގެ މީޑިއާ އިންޗާޖުގެ ގޮތުގައި ހުންނެވި ނަވީން ކުމާރު ޕާޓީގެ މަގާމުތަކުން ސަސްޕެންޑުކޮށްފައެވެ.