ދިވެހި ނޫސްވެރިންގެ ޖަމިއްޔާ, މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ އަހަރީ އާންމު ޖަލްސާގައި އާ ރައީސަކު އިންތިހާބުކުރުމަށް އެޖެންޑާކޮށްފިއެވެ.
އެމްޖޭއޭގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހު ހަވީރު ސްޓެލްކޯގެ ސެމިނާ ރޫމުގައެވެ.
އެމްޖޭއޭގެ އަހަރީ އާންމު ޖަލްސާގައި އެ ޖަމިއްޔާގެ ހުސްވެފައިވާ ރައީސްގެ މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންތިހާބު ކުރިއަށްގެންދިއުމަށް ވަނީ އެޖެންޑާކޮށްފައެވެ. އޭގެ އިތުރުން އެ ޖަލްސާގައި އެމްޖޭއޭގެ އަސާސީ ގަވާއިދު އިސްލާހުކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.
އެމްޖޭއޭގެ ރައީސްކަމުގެ މަގާމު ހުސްވެފައިވަނީ އެ މަގާމު އަދާކުރައްވަމުން ގެންދެވި މުހައްމަދު ހަމްދޫން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އޭނާ އަދާކުރައްވަމުން އަންނަ ފުލްޓައިމް ވަޒީފާ އާއި އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް ހުރިގޮތުން ޖަމިއްޔާގެ ރައީސްގެ ޒިންމާ އަދާކުރުމަށް އެކަށީގެންވާ ވަގުތު ދެވެން ނެތް ކަމަށް ވިދާޅުވެ, ހަމްދޫން މަގާމުން އިސްތިއުފާދެއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ނުވަވަނަ ދުވަހުއެވެ.
އެމްޖޭއޭގެ އަސާސީ ގަވާއިދަށް ގިނަ އިސްލާހުތަކެއް ވަނީ ހުށަހަޅައިފައެވެ. އެގޮތުން ބައެއް އިސްލާހުތަކުގެ ތެރޭގައި ހިންގާ ކޮމިޓީގެ މުއްދަތު ހަތަރު އަހަރަށް އިތުރުކުރުން ހިމެނެއެވެ. މިހާރު އޮންނަ ގޮތުން ނަމަ, ހިންގާ ކޮމިޓީގެ މުއްދަތަކީ ދެ އަހަރެވެ.
އޭގެ އިތުރުން ހިންގާ ކޮމިޓީގައި މުއައްސިސުން ނުހިމެނޭ ގޮތަށް އިސްލާހު ހުށަހަޅާފައިވެއެވެ. އޭގެ ބަދަލުގައި އަންހެން ދެ މެންބަރަކާއި އާންމު މެންބަރުންގެ ތެރެއިން އެއް މެންބަރަކު ހިންގާ ކޮމިޓީގައި ހިމެނޭ ގޮތަށް އިސްލާހުގައިވެއެވެ. އަދި ހިންގާ ކޮމިޓީއަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓު، ސިއްރު ވޯޓަކަށް ބަދަލުކުރުމަށް ވެސް ހުށަހަޅާފައިވެއެވެ.
އެމްޖޭއޭއަކީ ނޫސްވެރިކަމަށާއި ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް އުފައްދާފައިވާ ނޫސްވެރިންގެ ޖަމިއްޔާއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު