އެމްޑީޕީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެމްޑީޕީ ކޮންގްރެސް 2022 އަށް ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާ ކަމަށެވެ. އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ހަމަވާނީ މިމަހުގެ 30 ވަނަ ދުވަހު ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

އިސްލާހު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ގޫގުލް ފޯމެއް ފުރައިގެންނެވެ. އެއް މާއްދާއަށްވުރެ ގިނަ މާއްދާއަށް ނުވަތަ އެއް އިސްލާހަށްވުރެ ގިނަ އިސްލާހު ހުށަހަޅާ ނަމަވެސް އިސްލާހު ހުށަހަޅާ މާއްދާ އެނގޭނެހެން އެއް ފޯމަކުން ހުށަހަޅަން ޖެހޭނެކަމަށް އެމްޑީޕީން ބުންޏެވެ. އަދި އިސްލާހުގެ ޕީޑީއެފް އަދި ވޯޑް ފައިލްވެސް އިސްލާހާއެކު އެޓޭޗްކުރުމަށް ވަނީ އެދިފައެވެ.

އެމްޑީޕީގެ ކޮންގްރެސް އޮންނާނީ އަންނަ އޮގަސްޓް މަހުގެ 19 ގައެވެ. ކޮންގްރެސްގައި ބައިވެރިވެވެނީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފްތަރުގައި ތިބި މެންބަރުންނަށެވެ. އެމްޑީޕީން ވަނީ އީސީގެ ދަފްތަރުގައި އެ ޕާޓީގެ މެންބަރުންތަކެއް ނެތް މައްސަލަ ފެންމަތިވެ، އެކަމުގެ ޝަކުވާ އީސީއަށް ހުށަހަޅައިފައެވެ.

އޮގަސްޓު މަހު ބާއްވާ ކޮންގްރެސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ މުހައްމަދު ނަޝީދު ގާނޫނުއަސާސީއަށް ގެންނަން ބޭނުންފުޅުވާ ބަދަލުތައް ހުށަހެޅުއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.

އެ ކޮންގްރެސްގެ ރިޔާސަތު ބަލަހައްޓަވާނީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ.