ދައުލަތުގެ މީޑިއާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގައި ހިންގި ކަމަށް ތުހުމަތު ކުރާ 100 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓާ ޕްރައިސަސް ކޮމިޓީ (އެސްއޮއީ) އިން ބަލަން ނިންމައިފިއެވެ.
އިއްޔެ ބޭއްވި އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގައި މި މައްސަލަ ބަލަން ކޮމިޓީއަށް ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނިހާދުއެވެ.
މި މައްސަަލަ ހުށަހަޅުއްވަމުން މެންބަރު ނިހާދު ވިދާޅުވީ ޕީއެސްއެމަށް ތުހުމަތު ކުރެވޭ 100 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއްގެ ވާހަކަ ދެކެވެމުން އަންނައިރު، އެ ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓް އުވާލައި އެ މަސައްކަތް އައުޓްސޯސްކުރަން ނިންމާފައިވާ ކަމަށެވެ. މިފަދަ އެތައް ކަމެއްގެ ވާހަކަ ޕީއެސްއެމްއާ ގުޅިގެން ދެކެވެމުން ދާތީވެ، ވީ އެންމެ އަވަހަކަށް އެ މައްސަލަ ކޮމިޓީން ބެލުމަށް ހުށަހަޅުއްވާކަމަށެވެ.
"އެއީ އެފަދަ ކަމެއް ހިނގާ ނަމަ، އަޅުގަނޑުމެން މޮނީޓާ ކުރަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރާތީ،"
މެންބަރު ނިހާދު ހުށަހެޅުއްވި ގޮތަށް ކޮމިޓީން މި މައްސަލަ ބެލުމަށް ތާއީދު ކުރެއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ އެވެ. އެ ހުށަހެޅުން ފާސްވީ ކޮމިޓީގެ އިއްތިފާގުންނެވެ.
އެހެންކަމުން 100 މިލިއަން ރުފިޔާގެ ހިޔާތާނުގެ ތުހުމަތުތަކާ ގުޅޭ ގޮތުން ކަން ހިނގާފައިވާ ގޮތް ހޯދުމަށް ކޮމިޓީން ނިންމިއެވެ.
ކޮމިޓީގެ އެ ނިންމުމާ ގުޅިގެން އެ ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ މައްސަލައާ ގުޅޭ ލިޔުންތައް ހޯދުމަށް ޕީއެސްއެމްއަށް ސިޓީ ފޮނުވާނެ ކަމަށެވެެ.
ޕީއެސްއެމުން ބުނީ، ފާއިތުވި 14 މަސްދުވަހުގެ މަސައްކަތުގެ ފެންވަރާއި ލަނޑުދަނޑިތައް ކުންފުނިން އެދޭ ވަރަށް އޮޑިޓް ޑިޕާޓްމަންޓަށް ހާސިލުވެފައި ނުވާ ކަމަށެވެ. އަދި އެ ޑިޕާޓްމެންޓުން ދަނީ ކުންފުނީގެ މުވައްޒަފުންނަށް އަމާޒުކޮށް ތުހުމަތުތަކެއް ކުރަމުން ކަމަށެވެ. އެހެންވެ ކުންފުނީގެ އޮޑިޓިން މަސައްކަތް އައުޓްސޯސް ކުރަން ނިންމާފައިވާ ކަމަށް ޕީއެސްއެމުން ބުންޏެވެ.
އެކަމާ ގުޅިގެން އިންޓާނަލް އޮޑިޓިން ޑިޕާޓްމެންޓް އުވާލީ 100 މިލިއަން ރުފިޔާގެ ހިޔާނާތް ފޮރުވަން ކަމަށް ޕީއެސްއެމްގެ ޗީޕް އިންޓާނަލް އޮފިސަރު އަހުމަދު ފަޒީލް ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު