އިންޑިއާގެ ވެރިކަންކުރާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) ގެ ތަރުޖަމާނު، ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމުން އެމްޑީޕީން އެކަން ކުށްވެރިކޮށްފިއެވެ.
ބީޖޭޕީގެ އިސް ތަރުޖަމާނު ނުޕުރު ޝަރުމާ، ރަސޫލާގެ ކައިވެނިފުޅާ ގުޅޭގޮތުން ދޮގު ވާހަކަތައް ދައްކައި، އެކަލޭގެފާނުގެ ޝަހުސިއްޔަތަށް ބަދުބަސް ބުނެ ތައުހީނުކުރުމާ ގުޅިގެން އެކަން ކުށްވެރިކޮށް އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ވާހަކަތަކަކީ އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ އަމަލެއް ކަމަށް އެޕާޓީން ދެކޭ ކަމަށެވެ.
ބީޖޭޕީ ފަދަ ހުރިހާ ދީންތަކަކަށް އިހުތިރާމުކުރާ ޕާޓީއެއްގެ އިސް ފަރާތަކުން މިފަދަ ނާތަހުޒީބީ އަމަލެއް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ވާހަކަތައް ދެއްކި ފަރާތްތަކަށް މިހާރު ފިޔަވަޅު އަޅާފައިވާކަމީ އެމްޑީޕީން ތަރުހީބުދޭ ކަމައް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ބީޖޭޕީގެ އިސް ތަރުޖަމާނު ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަ އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ އިތުރުން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަދި ޕީޕީއެމުން ވެސް ވަނީ ކުށްވެރިކޮށްފައެވެ. އޭގެ އިތުރުން ދިވެހި ސަރުކާރުން ވެސް ވަނީ އެކަން ކުށްވެރިކޮށްފައެވެ.
އެކަން ކުށްވެރިކޮށް ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިސްލާމްދީނުގެ ހަގީގީ ތަބީއަތާއި އުނގަންނައިދިނުންތައް ފުނޑުފުނޑުކޮށްލުމަށް ކުރާ ހުރިހާ ކަމެއް ދިވެހި ސަރުކާރުން ކުށްވެރިކުރާ ކަމަށެވެ.
ބީޖޭޕީގެ އިސް ތަރުޖަމާން ނުޕުރު ޝަރުމާ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަދައްކާފައިވަނީ އިންޑިއާގެ ޓީވާ ޗެނަލެއްގައެވެ.
އެ މައްސަލައާ ގުޅިގެން ބީޖޭޕީން ވަނީ އެޕާޓީގެ އިސްތަރުޖަމާނު ނުޕުރު ޝަރުމާ އާއި ޕާޓީގެ މީޑިއާ އިންޗާޖުގެ ގޮތުގައި ހުންނެވި ނަވީން ކުމާރު ޕާޓީގެ މަގާމުތަކުން ސަސްޕެންޑުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު