(30 މެއިގެ އަދަދާ ގުޅޭ)

ހުޅަނގުގެ ޖުމްހޫރިއްޔަތުގައި ޙާކިމަކު ހޮވަނީ ޤައުމުގެ އެންމެންނެވެ. އާންމުންނާއި ޚާއްޞުންގެ ހަމަހަމަ ބައިވެރިވުމުގައެވެ. ނަމަވެސް އިސްލާމީ ޖުމްހޫރިއްޔާގައި ޢާންމުންގެ މަންދޫބުން ކަމުގައިވާނީ ޤައުމުގައި ތިއްބަވާ ތަޢުލީމާއި ތަރުބިޔަތާއި ތަޖްރިބާ ލިބިވަޑައިގެންފައިވާ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީންނެވެ. ޤައުމުގެ ފިކުރީ އިސްފަންތީގެ ބޭކަލުންނެވެ. ޙަޤީޤަތަށް ދަންނަވާނަމަ ޤައުމުގައި ތިއްބަވާ ޤާބިލު އަފްރާދުންނާއި އެބޭފުޅުންގެ ޤާބިލިއްޔަތު އެނގިވަޑައިގަންނަވާނީވެސް އެފަންތީގެ ބޭކަލުންނަށެވެ. މިގޮތުން ބަލާއިރު ހުޅަނގުގެ ޖުމްހޫރިއްޔާގެ އިންތިޚާބީ އުސޫލަށްވުރެ ހަރުދަނާވެފައި ރަނގަޅީ އިސްލާމީ އުސޫލެވެ. މި މައިގަނޑު ނަމުގައި ބަޙުޘެއް ބާއްވައިފިކަމުގައިވާނަމަ ޤައުމުގެ ވިސްނުންތެރީންގެ ތާއީދު ލިބޭނީ އިސްލާމީ ފިކުރަށްކަމީ ކަށަވަރުކަމެކެވެ.

ޝައްކެއްނެތެވެ. ޢިލްމުވެރީންގެ ރައުޔާއި ޖާހިލުންގެ ވިސްނުން އެއްވެސް ޙާލެއްގައި އެއްވަރެއް ނުވާނެއެވެ. ކީރިތި ޤުރްއާނުގެ الـــزّمــــــر ސޫރަތުގެ ނުވަވަނަ އާޔަތުން އެކަން އެނގެއެވެ. އެ އާޔަތުގެ މާނައިގައި މިވަނީ މިދަންނަވާ ފަދައިންނެވެ.

"ދަންނަ މީހުންނާއި، ނުދަންނަ މީހުން ހަމަހަމަވާނެ ހެއްޔެވެ؟ ނަސޭހަތް ލިބިގަންނަކަން ކަށަވަރީ ބުއްދީގެ އަހްލުވެރީންނެވެ." (الـــزّمــــــر: 9)

ހުޅަނގުގެ ޖުމްހޫރިއްޔަތުގައި އޮންނަނީ އިންތިހާދަރަޖައިގެ ވިސްނުންތެރި އަދި އެހައިމެ ޢިލްމުވެރި ޝަޚްޞިއްޔަތްތަކުގެ ރައުޔާއި ނުކިޔަވައި ވަލުބުޑުނުކަނޑައިތިބޭ ޖާހިލުންގެ ރައުޔާވެސް އެއްވަރުކުރުމެވެ. ޢާންމުގޮތެއްގައި ޤައުމުތަކުގައި ގިނައިން ތިބެނީ ވިސްނުންތެރީންނާއި ޢިލްމުވެރީންނެއް ނޫނެވެ. އެހެންކަމުން ހުޅަނގުގެ ޤައުމުތަކުގައި ވަރަށްގިނަފަހަރަށް ކުށް ނަޒަރިއްޔާތައް ޢާންމުވެއެވެ. އެކަމުގެ ސުންޕާކަން ވަބާއީ ބަލިމަޑުކަމެއްގެ ސިފައިގައި މުޅިދުނިޔެއަށްވެސް ނޭދެވޭ އަސަރު ފޯރުވަމުންދެއެވެ. އެއްޖިންސުން ކާވެނިކުރާން ހުއްދަ ދިނުމުގެ ޤާނޫނާއި، ބަނގުކެއުމާއި ބަނގުރާ ބުއިމުގެ ޞިއްޙީ ގެއްލުންތައް އެނގިއެނގިތިބެމެ އެތަކެތި ކައިބޮއިހެދުން ހުއްދަކުރުމާ މިފަދަ ގޮތްގޮތުންނެވެ. ސަލާމަތްބުއްދި ލާޒިމުކުރާ ގޮތުގައިވެސް މީހަކާ މަޤާމެއް ޙަވާލުކުރާއިރު އެމީހަކީ ތަޢުލީމާއި ތަމްރީނު ލިބިހުރި ވިސްނުންތެރި މީހަކުކަމުގައި ވާންޖެހެއެވެ. ޙަވާލުކުރާ މީހުން އެކަން ބަލާންވާނެއެވެ.

ކައުސާހިބާ صـلّــى اللّــه عـلـيــه وسـلّـــم ގެ ޙަދީޘްފުޅަކުން އިރްޝާދު ލިބޭގޮތުގައި ކޮންމެ މީހަކީވެސް ޒިންމާދާރުވާންޖެހޭ މީހެކެވެ. ޖަވާބުދާރީވާންޖެހޭނެ މީހެކެވެ. ކޮންމެ މީހަކާވެސް އެމީހެއްގެ ބެލުމުގެ ދަށުގައިވާ މީހުނާ ބެހޭގޮތުންނާއި ކަންކަމާ ބެހޭގޮތުން ސުވާލު ކުރެވޭނެއެވެ. އެހެންކަމުން މުޖްތަމަޢެއްގެ ބެލެނިވެރިކަމާ ނުވަތަ ބެލެހެއްޓުންތެރިކަމާ ޙަވާލުކުރާންވާނީ ހިނދުކޮޅު ނައިސް ބުއްދި ސަލާމަތުންތިބޭ މީހުންނާއެވެ. އަޚްލާޤީގޮތުންވެސް އަރައިއަރަފޯދޭ ފާހަގަކުރެވޭ ރަނގަޅު މީހުންނާއެވެ. އިސްލާމީ ޖުމްހޫރިއްޔަތުގައި ރިޢާޔަތްކުރެވިފައިވަނީ މިކަންކަމަށެވެ. އިސްލާމްދީނުގައި ޢިލްމު ޙާޞިލު ކުރުމަކީ ވާޖިބެއްގެ ދަރަޖައިގައިވާ ކަމެކެވެ. އާދެ ކިފާޔަތުގެ ފަރުޟެކެވެ. އެހެންކަމުން ސައްތައިންސައްތަ ތަޢުލީމު ޢާންމުވެފައިވާ އަދި ޢާންމުންނާއި ޚާއްޞުންގެ އެންމެންނަށްވެސް ދީނުގެ އުޞޫލީ މަޢުލޫމާތު ލިބިފައިވާ ޤައުމުތަކުގައި އެންމެންނަށްވެސް ވޯޓުދިނުމާއި މަންދޫބަކަށްވުމާއި މަންދޫބުން ހޮވުމުގައި ބައިވެރިވުމުގެ ޙައްޤު ދެވިދާނެއެވެ. އެހެންނޫންނަމަ ނޫނެވެ.

ވެރިޔަކާ ވެރިކަން ޙަވާލުކުރުމަށްޓަކައި އެމީހަކަށް ބައިޢަތު ހިފާންޖެހެއެވެ. ބައިޢަތު ޢަޤްދުކުރުމުގައި މަޝްވަރާކުރެވުން ލާޒިމެވެ. އާދެ، މުސްލިމުންގެ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީންގެ މަޝްވަރާއެވެ. މިކަމާބެހޭގޮތުން عـمــر رضـى اللّــه عــنـــه އިރްޝާދު ދެއްވައިފައިވެއެވެ. "މީހަކު މުސްލިމުންގެ މަޝްވަރާއާ ނުލައި މީހަކަށް ބައިޢަތު ހިފިކަމުގައިވިޔަސް އެމީހަކަށް ބައިޢަތު ހިފުމެއްނެތެވެ." (ބުޚާރީ) عـلــى مـــرتـضـــى رضـى اللّــه عــنـــه ވިދާޅުވެފައިވެއެވެ. "ވަންހަނާގައި ބައިޢަތެއް ނުހިފެވޭނެއެވެ. މުސްލިމުންގެ ރުހުމާ ޚިލާފަކަށްވެސް ބައިޢަތެއް ނުހިފޭނެއެވެ." (ތާރީޚު ޠަބަރީ: 2، ޞ: 696) އެހެންކަމުން މުސްލިމުންގެ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީންގެ މަޝްވަރާއަކީ ލާޒިމުކަމެކެވެ. މަޝްވަރާއާ ނުލައި ހިފެވޭ ބައިޢަތަކީ އަނިޔާއެކެވެ. ބޭއިންސާފެކެވެ.

އިސްވެދިޔަތާނގައި ކުރެވިފައިވާ ހުރިހައި ބަޙުޘުތަކެއްގެ ޚުލާޞާއަށް ވިސްނައިލުމުން އެނގޭގޮތުގައި އިސްލާމީ ޖުމްހޫރިއްޔާގައި ނުވަތަ ސަރުކާރު ހިންގުމުގެ އިސްލާމީ ނިޒާމުގައި ސަރުކާރެއް ޤާއިމުކުރެވޭނީ އިންތިޚާބަކުންނެވެ. އިންތިޚާބުގައި އިސްދައުރެއް އަދާކުރައްވާނީ އުންމަތުގެ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީންނެވެ. ސަލާމަތްބުއްދި ލާޒިމުކުރާގޮތުގައި މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީންގެ ތެރޭގައިވެސް ޤައުމުގެ ހުރިހައި ކަންކޮޅުތަކެއްގެ މަންދޫބުން ޝާމިލުވެވަޑައިގަންނަވާން ޖެހޭނެއެވެ. ޙާކިމު ނުވަތަ އަމީރު މަސައްކަތްކުރައްވާންވާނީ މުސްލިމުންގެ މަޝްވަރާގެ މަތީންނެވެ. ވެރިކަމުގެ މުޅި ނިޒާމު ވާންޖެހޭނީ ޝޫރާއީ ނިޒާމެއް ކަމުގައެވެ. ހުރިހައިކަމެއް ނިމެމުންދާންވާނީ މަޝްވަރާއިންނެވެ. އިސްލާމީ ޖުމްހޫރިއްޔާއަކީ ޝޫރާއީ ނިޒާމަކަށް ކިޔާ ނަމެކެވެ. އެނިޒާމަކީ ރަސްކަމާއި ގޮށްމުށުބާރުގެ ނިޒާމާ ކުޑަވެސް ގުޅުމެއްނެތް ނިޒާމެކެވެ. އަދި ކީއްތޯއެވެ؟ އިދިކޮޅު ނިޒާމެކެވެ.

ކުރީންވެސް ތަފްސީލުކޮށް ވާހަކަ ދެކެވިފައިވާ ފަދައިން ބައެއްމީހުންނަށް ހީވެފައި އޮންނަނީ މަޝްވަރާކުރައްވާން އަމީރަށް ޙުކުމް އައިސްފައިއޮތްކަމުގައިވިޔަސް އަމީރު ޝޫރާއަށް ތަބާވެވަޑައިގަންނަވާން ޖެހިވަޑައިނުގަންނަވާނެ ކަމުގައެވެ. (وَشَـــاوِرْهُـــــــمْ فِـــى الأَمْـــــــرِ فَــإِذَا عَــــزَمْـتَ فَــتَـــــوَكَّـــلْ عَـــلَـــى اللّــه) ނަމަވެސް މިއާޔަތް މާނަކުރާންޖެހޭނީ أميـــرالمـؤمـنــيـن عـلــى رضـى اللّــه عــنـــه ގެ އަރިހުން ރިވާވެގެން އައިސްފައިވާ ބަސްފުޅުގެ އަލީގައެވެ. عـلــى ގެފާނު ވިދާޅުވެފައިވެއެވެ. ކައުސާހިބާ صـلّــى اللّــه عـلـيــه وسـلّـــم ގެ އަރިހުގައި ސުވާލު ދެންނެވުނެވެ. فَــإِذَا عَــــزَمْـتَ فَــتَـــــوَكَّـــلْ عَـــلَـــى اللّــه ގެ މަޠްލަބަކީ ކޮބައިތޯއެވެ. އިތުރު ސާހިބާ صـلّــى اللّــه عـلـيــه وسـلّـــم ޖަވާބު ދެއްވިއެވެ. ޢަޒުމަކީ އަމީރު މުސްލިމުންގެ ފިކުރީ ބޭކަލުންނާ މަޝްވަރާ ކުރެއްވުމާއި އެއަށްފަހު އެ މަޝްވަރާއަށް ތަބާވެވަޑައިގެންނެވުމެވެ. (ތަފްސީރު އިބްނު ކަޘީރު)

ބައެއް ފަރާތްޕުޅުތަކުން ހިތްޕުޅު ހަމަޖެހިވަޑައިނުގެންފާނެއެވެ. އެކަމަކު ޙަޤީޤަތަށް ދަންނަވާނަމަ އިސްލާމީ ފިޤުހު ޖުމޫދުގެ ޝިކާރަކަށްވެފައިވާތާ ދުވަސްތަކެއް ވެއްޖެއެވެ. މިޒަމާނުގެ އިސްލާމީ ފަޤީހުންގެ ޖުމޫދުގެ އެއްމިސާލަކީ ޝޫރާއާމެދު ދެކެވަޑައިގަންނަވާގޮތެވެ. އެފަދަ ބޭކަލުންގެ ނަޒަރުގައި ޝޫރާގެ ނިޒާމަކީ ހުސްއެކަނި މުސްތަޙްސަން ކަމެކެވެ. އެދެވިގެންވާ ނުވަތަ ރުހުންލިބޭނެ ޒާތުގެ ކަމެކެވެ. އަމީރު އޭނާގެ ޝޫރާއެއް ނުވަތަ މަޝްވަރާކުރައްވާ ބަޔެއްގެ މަޖިލީހެއް ހައްދަވައިފައި އޮންނާންވާނެއެވެ. އެބަޔަކާ މަޝްވަރާ ކޮށްލައްވަވަންވާނެއެވެ. އެކަމަކު އެހައިތަނުން ދެން އޮންނާނީ އަމީރު ބޭނުންފުޅު ގޮތެކެވެ. ލިބިވަޑައިގެންނެވި މަޝްވަރާއަށް ތަބާވެވަޑައިގެންނެވުން ލާޒިމެއް ނުވާނެއެވެ. މާނައަކީ ހުރިހައި ކަމެއްގައިވެސް ޝޫރާގެ މަޝްވަރާ ބޮލާލައިޖައްސަވައިފައި އަމީރުގެ އަމިއްލަފުޅު ރައުޔަށް ކަންކުރެއްވެވިދާނެއެވެ. ޤައުމުގެ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީންގެ މަޝްވަރާއާމެދު ތަށަށްކިޔަނީމަރިޔަނބުހޭވެސް އައްސަވައިލެއްވުމެއްނެތި ދޫކޮށްލެއްވިދާނެއެވެ. އަޅުގަނޑުގެ ނަޒަރުގައި ޤައުމުގެ ކަމުވޮށިވެގެންވާ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީންނަށް ކުރެވޭ މިޔަށްވުރެ ބޮޑު އިހާނެތިކަމެއް ނޯންނާނެއެވެ. އާދެ އެބޭކަލުން އަޣުލަބިއްޔަތު ދެއްވައިފައިވާ ނުވަތަ އިއްތިފާޤުވެވަޑައިގެންފައިވާ ރައުޔެއް މިގޮތަށް ދޫކޮށްލެއްވެވުމަކީ އެބޭކަލުންނަށް ކުރެވޭނެ އެންމެބޮޑު ތައުހީނެވެ. އެބޭކަލުންގެ މޫނުފުޅުމަތީގައި ތަފާލެއް ޖެހުންފަދަ ކަމެކެވެ.

ތިރުމިޒީގެ ރިވާޔަތެއްގައިވެއެވެ. "ޝައިޠާނާވަނީ އެކަނިހުންނަ މީހާއާއެކުގައެވެ. ދެމީހަކު ބައިވެރިވެއްޖެކަމުގައިވާނަމަ ޝައިޠާނާ ތަންކޮޅެއް ދުރަށްޖެހިލާނެއެވެ." ކީރިތި ސާހިބާ صـلّــى اللّــه عـلـيــه وسـلّـــم ގެ މި ޙަދީޘުފުޅަކީ އަކްސަރިއްޔަތުގެ ރައުޔުގެ އަހަންމިއްޔަތު ސާބިތުކޮށްދޭ ބަސްފުޅެކެވެ. أميـــرالمـؤمـنــيـن عـلــى رضـى اللّــه عــنـــه ވިދާޅުވެފައިވެއެވެ. ކީރިތި ޤުރްއާނާއި ސުންނަތުން އެކަމެއްގެ ޙުކުމް ނުފެންނަ ކަންކަމާމެދު އުންމަތުގެ އަންނާންއޮތް ޖީލުތަކުގެ އަމީރުންނަށް އިތުރު ސާހިބާ صـلّــى اللّــه عـلـيــه وسـلّـــم އަމުރުކުރައްވައިފައިވަނީ އަންނަނިވި ގޮތަށެވެ.

"އަހުރެންގެ އުންމަތުގެ ތަޤްވާވެރީން އެއްކުރާށެވެ. އެއަށްފަހު އެއުރެންގެ ކުރިމައްޗަށް މައްސަލަ ހުށަހަޅާށެވެ. އެކެއްގެވެސް އެކަނި ރައުޔަކީ ނިންމުންތަކުގެ އަސާސަކަށް ނުހަދާށެވެ." އިތުރު ސާހިބާގެ މި ޙަދީޘުފުޅުން އެނގޭގޮތުގައި ޝޫރާގެ ވަކި މެމްބަރެއްގެ އެކަނި ރައުޔަކީވެސް ޚުދު އަމީރުގެ ގިނިކަންޏާ ރައުޔަކީވެސް ކަންކަން ނިންމުމުގެ އަސާސަކަށް ނެހެދޭނެއެވެ.

ކީރިތި ޤުރްއާނުގެ آل عـمـــــران ســورة ގެ 159 ވަނަ އާޔަތާ ބެހޭގޮތުން އިސްވެދިޔަ ތާނގައިވެސްވަނީ ވާހަކަ ދެކެވިފައެވެ. ހަމައެފަދައިން އެ އާޔަތުގެ ތަފްސީރާ ބެހޭގޮތުން عـلــى ގެފާނުގެ އަރިހުން އައިސްފައިވާ ރިވާޔަތަށްވެސް ވަނީ އަލިއަޅުވައިލެވިފައެވެ. އެއީ މަޝްވަރާގެ އަހްލުވެރީންނާ މަޝްވަރާކުރުމާއި އެ މަޝްވަރާއަށް ތަބާވުން ލާޒިމުކަމުގައި އައިސްފައިވާ ބަސްފުޅެކެވެ. މަޝްވަރާއަށް ތަބާވުމަކަށްވާނީ ޝޫރާގެ އިޖްމާޢަށް ނުވަތަ އަކްސަރިއްޔަތަށް ނުވަތަ އިއްތިފާޤުވުމަށް ތަބާވުން ލާޒިމު ކަމުގައިވުމެވެ.

ސަރުކާރަށް ފާޑުކިޔުމުގެ މިނިވަންކަމާއި އިދިކޮޅު ޕާޓީތަކުގެ ދައުރު އަދާކުރުމުގެ ދޮރު ހުޅުވިފައިވުމާއި ސަރުކާރާ މުނާޤަޝާކުރުމުގެ ޙައްޤަކީ ޖުމްހޫރިއްޔަތެއްގެ ތަނބުތަކެވެ. މިކަންކަމާ ނުލައެއް ޖުމްހޫރިއްޔަތެއްގެ ސިފައެއްވެސް ނުޖެއްސޭނެއެވެ. އިސްލާމްދީނަށް ނަޒަރު ހިންގާއިރުވެސް ހެޔޮކަންކަމަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމަކީ ކީރިތި ޤުރްއާނާއި ކައުސާހިބާ صـلّــى اللّــه عـلـيــه وسـلّـــم ޙަދީޘުފުޅުތަކުގައި އެކަންކަމަށް ބާރުއަޅުއްވައިފައިވާ ކަންކަމެވެ. އިސްލާމީ ދައުލަތެއް އުފެއްދުމުގެ މަޤްޞަދުތަކުގެ ތެރެއިން މުހިންމު އެއްމަޤްޞަދަކީ ހެޔޮކަންކަމަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމެވެ. އެހެންކަމުން އިސްލާމީ ކޮންމެ ދައުލަތެއްގައިވެސް ސަރުކާރު ހިނގަމުންދާގޮތް ބަލައި އިޙްތިސާބުކުރާ މަޙްކަމާއެއް ހުންނާންޖެހެއެވެ. އިސްލާމީ ދުނިޔޭގައިވަނީ މި މައުޟޫޢުގައި ވަރަށްގިނަ ލިޔުންތަކެއް ލިޔެވިފައެވެ. "الـحسبــه فــى الإســـــلام" މި މައިގަނޑު ނަމުގައި ސުމާރެއްނެތްހައިގިނަ އަގުހުރި ލިޓްރެޗަރތަކެއްވަނީ އުފެދިފައެވެ.

މިދެންނެވި މަޙްކަމާގެ ވާޖިބަކަށްވާނީ މުސްލިމުންގެ އާދަކާދަޔާއި އަޚްލާޤާމެދު ފާރަވެރިވުމެވެ. ސަރުކާރުގެ އެކިކަންކަން ހިނގާގޮތާއި ފުރަދާނައިންނާއި ވަލިއްޔުލްޢަމްރު މަސައްކަތްކުރައްވާގޮތް ތޫނު ލޮލަކުން ބަލައި ޖަވާބުދާރީ ކުރުވުމެވެ. އިސްލާމީ މުޖްތަމަޢު އިސްލާމްދީނުގެ އަޚްލާޤީ ނިޒާމާ އިސްލާމީއަގުތަކާ ފޭވަމުންދިޔަ ނުދިނުމެވެ. ހަމައެފަދައިން ސަރުކާރަށް ފާޑުވިދާޅުވެ ރަނގަޅުމަގު ދައްކަވަމުން ގެންދެވުމަކީ މުސްލިމުންގެ ދަންނަބޭކަލުންގެވެސް ވަރަށްބޮޑު ވާޖިބެކެވެ. ވެރީންނަށް ގޯސްކޮށް ކަންތައް ކުރެއްވެވެމުން ގެންދެވޭކަމުގައިވާނަމަ ސީދާމަގަށް މަގުދެއްކެވުމަކީވެސް ޢިލްމުވެރީންގެ ވާޖިބެކެވެ. ވެރީންނަށް ހެއްދެވޭ ގޯސްތައް އެބޭފުޅުންނަށް ފާހަގަކޮށްދެއްވުމުގައި ސާބިތުކަމާއެކު ތިއްބެވުމަކީ ޢިލްމުވެރީންގެ ވާޖިބެކެވެ. އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތްކުރުމާއި ކެތްތެރިވުމަށް ވަޞިއްޔަތްކުރަމުން ގެންދިޔުމަކީ މުއުމިނުންގެ ސިފައެވެ. (الـعـصـــر)

މިމާތް އާޔަތުން މަފްހޫމު ނެގޭގޮތުން އީމާންކަމުގެ އަހްލުވެރީންގެ ގޮތަކަށްވާނީ އަބަދުވެސް ޙައްޤު ފާޅުކުރުމާއި ޙައްޤުގެ މަގަށް ބާރުއަޅައި ވަކާލާތުކުރަމުން ގެންދިޔުމެވެ. ޙައްޤު ފާޅުކުރުމުގެ މަގަށްއެޅޭ ހުރަސްތަކާއި އުނދަގޫތައް ދަފަރާކޮށް ގިރާކުރުމުގައި އެކަކު އަނެކަކަށް ހިތްވަރުދެމުން ގެންދިޔުމެވެ. އިޙްތިސާބީ މަޙްކަމާގެ މަސްއޫލިއްޔަތަކީ މުންކަރާތްތައް އަޅައިނުފައި ނަހީކުރަމުން ގެންދިޔުމެވެ. ހުސްއެކަނި ރައްޔިތުންގެ ކިބަޔަކުން ނޫނެވެ. ރައްޔިތުންނެކޭ އެއްފަދައިން ތަފާތެއްނެތި ސަރުކާރުން ހިންގާ ކަންކަމަށްވެސް ފާރަވެރިވެ ޖަވާބުދާރީ ކުރުވަމުން ގެންދިޔުމެވެ. ޝަރްޢާ ޚިލާފު ކޮންމެކަމަކާމެދުވެސް ސީދާ އިންޒާރުކޮށް އިޢުތިރާޟުކުރަމުން ގެންދިޔުމެވެ. ސަރުކާރުން ކުރާކަންކަމާމެދު އިޢުތިރާޟުކޮށް ފާޑުކިޔަމުން ގެންދިޔުމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. އިސްލާމީ ސަރުކާރުން ޢާންމު ރައްޔިތުންނާއި ޤައުމުގެ ކަމުވޮށިވެގެންވާ ޚާއްޞުންނަށް ފާޑުކިޔުމުގެ ހުއްދަނުދީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅަމުންގެންދާ ކަމުގައިވާނަމަ އެސަރުކާރަކީ ގޮށްމުށުބާރުން ހިންގާ ސަރުކާރެކެވެ. އަނިޔާވެރި ސަރުކާރެކެވެ. އެފަދަ ސަރުކާރަކަށް އިސްލާމީ ސަރުކާރެކޭ ނުކިޔޭނެއެވެ. އިސްލާމީ ނިޒާމުގެ ސަރުކާރުތަކަކީ ފާޑުކިޔުމުގެ ހުއްދަދޭ ސަރުކާރުތަކެވެ. އެފާޑުކިޔުމަކީ ރަނގަޅު ނޫން އަދި ޙަޤީޤަތާ ޚިލާފު ފާޑުކިޔުމެއް ކަމުގައިވިޔަސް ކެތްތެރިކަމާއެކު ބަރުދާސްތުކުރަމުންގެންދާ ސަރުކާރުތަކެވެ. ފާޑުކީ މީހާއާމެދު ފިޔަވަޅު އަޅައިގެން ނުވާނެއެވެ. ފާޑުކިޔުމުގެ "ކުށުގައި" ވަޒީފާއިން ވަކިކޮށްގެން ނުވާނެއެވެ.

(ނުނިމޭ)