ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި އިންނަވާ ނަމަ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބުނާ ގޮތް ރައީސް ނަޝީދު ހައްދަވަން ޖެހިވަޑައިގަންނަވާނެ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމަށް އޮތް ވަގުތުގައި މަރުގެ ހުކުމް ތަންފީޒުކުރުމަށް ރާއްޖޭގެ ކޯޓުތަކުން ކުރާ ހުކުމްތަކާ ގުޅޭގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ކުރެއްވި ސުވާލުތަކަކީ، ގުޅޭ ސުވާލުތަކެއް ނޫން ކަމަށް މަޖިލިސް ރައީސް ވިދާޅުވުމާ ގުޅިގެންނެވެ.
ޖަލްސާގައި ޖާބިރު ވަނީ މިނިސްޓަރު އިމްރާނާ ތިން ސުވާލެއް ކުރައްވައިފައެވެ.
ގާނޫނުއަސާސީ އުފަންކުރި އިރު، މަރުގެ ހުކުމް ތަންފީޒުކުރުމަށް ރާއްޖޭގައި ހުރި އުނދަގޫތައް ވަރަށް ބޮޑަށް ބެއްލެވި ކަމަށް ވިދާޅުވެ ޖާބިރު ފުރަތަމަ ސުވާލުކުރެއްވީ، މަރުގެ ހުކުމް ތަންފީޒުކުރާވަރުގެ އަދުލުވެރި ހުކުމެއް ރާއްޖޭގައި ނެރެވޭތޯއެވެ.
ދެވަނައަށް ޖާބިރު ކުރެއްވީ ކީރިތި ގުރުއާނުގައި އޮންނަ ގޮތަށް މަރުގެ ހުކުމް ތަންފީޒު ކުރެވޭވަރުގެ އަދުލުވެރި، އިންސާފުވެރި ހުކުމް ރާއްޖޭގެ ފަނޑިޔާރުގެތަކުން ނެރޭތޯއެވެ. އަދި ތިިންވަނަ ސުވާލަކީ މަރުގެ ހުކުމް ތަންފީޒު ކުރުމަށް ފަނޑިޔާރުގެއިން ހުކުމްކުރާ އިރު، މިނިވަން ފަނޑިޔާރުގެއެއް ނެތި އެފަދަ ހުކުމް ކޮށްގެން ތަންފީޒު ކުރަންޖެހޭނެތޯ ކުރެއްވި ސުވާލެވެ.
ޖާބިރު އެ ސުވާލުތައް ކުރެއްވުމުން ޖަވާބުދެއްވުމަށް މިނިސްޓަރު އިމްރާނަށް ފުރުސަތު ދެއްވުމުގެ ބަދަލުގައި މަޖިލިސް ރައީސް ވިދާޅުވީ، ޖާބިރު ކުރެއްވި ސުވާލާއި މިއަދު މިނިސްޓަރާ ކުރި މައިގަނޑު ސުވާލާ ގުޅޭ ކަަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެހެން ވިދާޅުވުމަށްފަހު މިނިސްޓަރާ ސުވާލުކުރެއްވުމަށް ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލް ހަކީމަށް ފުރުސަތު ދެއްވިއެވެ.
އެކަމާ ހިތްހަމަޖެހިވަޑައިނުގެން ގޮނޑިން ތެދުވެވަޑައިގެން އަޑުގަދަ ކުރައްވައި މަޖިލިސް ރައީސަށް ޖާބިރު ވިދާޅުވީ، އޭނާ ސުވާލުކުރެއްވީ މަޖިލިސް ރައީސްއާ ނޫން ކަމަށެވެ. އަދި މިނިސްޓަރު މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭނެ ކަމަށާއި އެކަމަށް މަޖިލިސް ރައީސް ފުރުސަތު ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި މަޖިލިސް ރައީސްގެ މަގާމަށް ރައީސް ނަޝީދު ހޮވިވަޑައިގަތީ މަޖިލިސް މެންބަރުން ވޯޓު ދެއްވައިގެން ކަމަށާއި އެކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބުނާ ގޮތް އަންނި ޖެހޭނެއޭ ހަދަން. ތިޔަ މަގާމަށް ހޮވިވަޑައިގެން ތި އިންނެވީ އަޅުގަނޑުމެން ވޯޓު ދީގެން. އެހެންވީމާ ޖެހޭނީ ބުނާ ގޮތް ހަދަން،" ޖާބިރު ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅިގެން ގިނަ މެންބަރުންތަކެއް ނިޒާމީ މައްސަލަ ނެންގެވިއެެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރޭގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ، މެމްބަރު ޖާބިރުގެ ސުވާލަކީ މިއަދުގެ މައުޟޫއާ ގުޅޭ ސުވާލެއްތޯ ބެއްލެވުމަށް އަދި އެއްފަހަރު ޖާބިރަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެއާއެކު ޖާބިރުގެ ސުވާލު އަޑު އައްސަވާނެ ކަމަށް ވިދާޅުވެ، އެ ސުވާލު ތަކުރާރުކުރެއްވުމަށް މަޖިލިސް ރައީސް ޖާބިރަަށް ފުރުސަތު ދެއްވިއެވެ.
ޖާބިރު އެ ސުވާލުތައް ތަކުރާރުކުރެއްވުމުން މަޖިލިސް ރައީސް ވިދާޅުވީ، އެ ސުވާލަކީ ރާއްޖޭގެ ޝަރުއީ ނިޒާމުގެ ހިންގުން ރަނގަޅުތޯ އަހާ ސުވާލެއް ކަމުން، އެ ސުވާލު ހޯމް މިނިސްޓަރަށް ރައްދު ކުރަންވީތޯ ސުވާލު އުފެދޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު