ރާއްޖޭގައި މަރުގެ އަދަބާ ގުޅޭ ގޮތުން އަމަލު ކުރަމުންދާ ސިޔާސަތަށް މި ސަރުކާރުން ބަދަލު ގެނަސްފައިނުވާ ކަމަށާއި މި ސަރުކާރުންވެސް ދަމަހައްޓާނީ ކުރީގެ ސަރުކާރުތަކުން ދަމަހައްޓަމުން އައި ސިޔާސަތު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭ ގޮތުން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، މީގެ 895 އަހަރު ކުރިން ދިވެހިން ތިބި ދީން ދޫކޮށް އިސްލާމްދީން ހިޔާރުކުރީ އިސްލާމްދީނުގެ މާތްކަމާއި މަތިވެރިކަމަށް އިސްލާމީ ޝަރުއުގެ ފުރިހަމަކަމާއި ތެދުކަން ހިތުން ގަބޫލުކޮށްގެން ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން އިސްލާމްދީނަށް ބޯލަނބައިގެން ތިބޭތާ 900 އަހަރުވެފައިވާއިރު، އިސްލާމްދީނުގެ ހުކުމްތައް އިސްތިސްނާއެއް ނެތި ގަބޫލު ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ޝަރުއީ ކޯޓުތަކުން ނިންމާ މަރުގެ ހުކުމްތައް ތަންފީޒު ކުރުމާ ގުޅޭ ގޮތުން، ވޭތުވެދިޔަ ބައި ގަރުނެއްހާ ދުވަހު ދިވެހި ދައުލަތުން ގެންގުޅެމުން އަންނަ ސިޔާސަތަކީ އެކަމާ ގުޅޭ ގޮތުން މިހާރުވެސް އަމަލުކުރަމުން އަންނަ މޮރިޓޯރިއަމް ދެމެހެއްޓުން ކަމަށެވެ.
"މިއީ މި ސަރުކާރުން އުފަންކުރި ސިޔާސަތެއް ނޫން، މިއީ ޒަމާނުއްސުރެ މިރާއްޖޭގައި އަމަލު ކުރަމުން އައި ގޮތް،" މިނިސްޓަރު ވިދާޅުވިއެވެ.
ވޭތުވެދިޔަ ތަނުގައި ސިޔާސީ ބޭނުމުގައި އެކި ސަރުކާރުތަކުން އެކި ފަހަރު އެކި ގޮތަށް އެކި ތަންތަނުގައި މަރުގެ ހުކުމާ ގުޅުވައިގެން ވާހަކަ ދައްކާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މި މައްސަލައިގައި އަމަލުކުރާ ސިޔާސަތަށް ދެވަނަ ޖުމްހޫރިއްޔާގެ އެެއްވެސް ސަރުކާރަކުން އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށެވެ.
އިމްރާން އެގޮތަށް އިޝާރާތް ކުރެއްވީ މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރިއަށްގެންދިޔަ މަަސައްކަތްތަަކަށް އިޝާރާތް ކުރައްވައެވެ.
އެގޮތުން އެ ވެރިކަމުގައި ޖަނަވަރީ 23، 2014ގައި ސުޕްރީމް ކޯޓުން މީހަކު މަރަން ހުކުމްކޮށްފި ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ހޯމް މިނިސްޓްރީން ވަނީ އަމުރުކޮށްފައެވެ. އެއީ އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ސޮއިކުރައްވާ ނެރުއްވި އަމުރަކުންނެވެ. އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައްވުމަށްވެސް އެ އަމުރުގައިވެއެވެ.
މަރުގެ ހުކުމް ތަންފީޒުކުރުމަށް ކުރަންޖެހޭ ހުރިހާ އިންތިޒާމްތަކެއް ސެޕްޓެމްބަރު 2017ގެ ނިޔަލަށް ނިމޭނެކަމުގެ ޔަގީންކަން ރައީސް ޔާމިންގެ ވެރިކަމުގައި އުމަރު ނަސީރަށްފަހު ހޯމް މިިނިސްޓަރުކަމަށް ވަޑައިގެންނެވި އަޒްލީން އަހުމަދުވެސް ދެއްވިއެވެ. ނަމަވެސް ވެރިކަން ނިމުނުއިރުވެސް މަރުގެ ހުކުމް ތަންފީޒުކޮށްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު