ދުނިޔޭގެ ގައުމުތަކުގައި މަގުބޫލުވަމުން އަންނަ ގްރީން ކޮންކްރީޓް ނުވަތަ ލޯ ކާބަން ކޮންކްރީޓް އެސްޓީއޯއިން އިއްޔެ ތައާރަފުކޮށްފިއެވެ.
ގްރީން ކޮންކްރީޓަކީ އާދައިގެ ކޮންކްރީޓް ނުވަތަ ކޮންވެންޝަނަލް ކޮންކްރީޓްއާ އަޅައިބަލާއިރު، ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރު ކުޑަކޮށްދީ އަދި ހައިޑްރޭޝަންގެ ހޫނު އާދައިގެ ކޮންކްރީޓަށްވުރެ ވަރަށް ބޮޑަށް ދަށް ކޮންކްރީޓެކެވެ.
ގްރީން ކޮންކްރީޓް ގަންނަން ބޭނުންވާ ފަރާތްތަކަށް އެސްޓީއޯއިން މިހާރު ވަނީ ފުރުސަތު ހުޅުވައިލައިފައެވެ.
އެސްޓީއޯއިން ބުނީ، ރާއްޖެއަށް ގްރީން ކޮންކްރީޓް ތައާރަފުކުރުމަކީ، ކާބަން ނިއުޓްރޯލް ގައުމަކަށް ރާއްޖެ މިސްރާބު ޖަހާފައިވާ މިދަނޑިވަޅުގައި އެކުންފުނިން އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.
ގްރީން ކޮންކްރީޓަކީ ރީސައިކަލްކޮށްފައިވާ ރޯމެޓީރިއަލް ބޭނުންކޮށްގެން އުފައްދާ ކޮންކްރީޓެކެވެ. މި އުފެއްދުމަކީ އާދައިގެ ކޮންކްރީޓާއި ހިލާފަށް ކާބަންޑައިއޮކްސައިޑް މަދުން ބޭރުކޮށް އުފައްދާ ކޮންކްރީޓެކެވެ. މިގޮތުން އާދައިގެ ކޮންކްރީޓްގެ ބަދަލުގައި ހްރީން ކޮންކްރީޓް ބޭނުންކުރުމުގެ ސަބަބުން ދިހަ ޕަސަންޓާއި 15 ޕަސަންޓާ ދެމެދުގެ އަދަދަކަށް ކާބޮންޑައި އޮކްސައިޑް ބޭރުކުރާ މިންވަރު ދަށްކޮށްދެއެވެ.