ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ގަތަރުގައި ފެށެން ދެންއޮތީ ހައެއްކަ މަހަށްވުރެވެސް ކުޑަ ދުވަސްކޮޅެކެވެ. މުބާރާތް ކައިރިވަމުން އަންނަވަރަކަށް މީސްތަކުންގެ ޝައުގުވެރިކަން އަންނަނީ މަތިވަމުން ބޮޑުވަމުންނެވެ. ފުޓްބޯޅައިގެ ބޮޑެތި ބާރުތަކުގެ ތެރެއިން އިޓަލީ މިފަހަރު ނުފެންނާނެއެވެ. އެހެންނަމަވެސް ފާހަގަކުރެވޭ ހުރިހާ ބޮޑެތި އެހެން ބާރުތައް ފެންނާނެއެވެ. ތަށި އުފުލައިލުމަށް ވާންކުރާނެއެވެ. އެހެންވީމާ ވާދަވެރިކަން ހަބޭސްވާނެއެވެ. ކޮންމެ ބަޔަކުވެސް ފައިނަލްގައި ކުޅެފާނެއެވެ. ބޮޑެތި ޝޮކްތައް ފެނިދާނެއެވެ. ޑެންމާކް ކަހަލަ ގައުމެއް އެންމެން ސިއްސުވައިލަފާނެއެވެ. އެންމެފަހުން 2020ގެ ޔޫރޯ ސެމީފައިނަލްގައިވެސް ކުޅުނު ފަދައިންނެވެ. އެހެނިހެން މުބާރާތްތަކޭ އެއްފަދައިން މިފަހަރުވެސް ފެވަރިޓެއް އެބައޮތެވެ. ނުވަތަ ފެވަރިޓުން އެބަތިއްބެވެ.

ވޯލްޑްކަޕްގެ މުޅި ތާރީޚުގައިވެސް ވިދިވިދިގެން ދެފަހަރަށް ތަށި އުފުލާލެވިފައިވަނީ އެންމެ ގައުމަކަށެވެ. ބްރެޒިލް ވަނީ 1958 ވަނަ އަހަރު ތަށި ކާމިޔާބުކޮށް އޭގެ ހަތަރު އަހަރު ފަހުން 1962 ގައިވެސް އެތަށި ދިފާއުކޮށްފައެވެ. އެހިސާބުން ސިލްސިލާ ނިމުނީއެވެ. ފްރާންސަކީ 2018 ގައި މިމުބާރާތް ކާމިޔާބުކޮށްފައިވާ އެންމެ ފަހުގެ ޗެމްޕިއަނެވެ. މިފަހަރު ގަތަރުގައި ފްރާންސަށް މިތަށި ދިފާއު ކުރެވިދާނެއެވެ. އެންމެ ވަރުގަދަކަމަށް ފެންނަނީވެސް ފްރާންސެވެ. ވޯލްޑްކަޕުގެ ކާމިޔާބީއަށް ދެއަހަރު ފަހުން ކުޅެވުނު ޔޫރޯގައި ފްރާންސް ފެނުނީ އެއަށްވުރެ ތަންކޮޅެއް ދެރަވަރުކޮށެވެ. އެކަމަކު ފާހަގަކޮށްލަންޖެހޭ ނުގުތާއަކީ ޔޫރޯ 2020 ގެ އެއްވެސް މެޗެއްގެ ފުރިހަމަ ވަގުތުގައި ފްރާންސް ބަލިވެފައިނެތްކަމެވެ.

ޔޫރޯ ކޮލިފައިންގެ މެޗެއްގައި 2019 ވަނަ އަހަރުގެ ޖޫންމަހު ތުރުކީ އަތުން ރަށުން ބޭރުގައި ބަލިވިފަހުން ފުރިހަމަ ވަގުތުގައި އެއްވެސް މެޗަކުން ބަލިނުވެ ފްރާންސް ވަނީ 28 މެޗު ހަމަކޮށްފައެވެ. ގޯލްކީޕަރު އަދި ކެޕްޓަން ހޫގޯ ލޮރިސް އަދިވެސް ފެންނަނީ ވަރުގަދަ ފާރެއްގެ ގޮތުގައެވެ. މިޑްފީލްޑަރު އެންގޯލޯ ކާންޓޭއަކީ ވަރުބަލިކަމެއްނެތި ދުވާ އަހެއްފަދަ ކުޅުންތެރިއެކެވެ. ކީލިއަން އެމްބާޕޭޔާއި ކަރީމް ބެންޒޭމާއަކީ ކޮންމެ ހަރުފަތެއްގައިވެސް ނަތީޖާ ކަށަވަރުކޮށްދޭނެ ފޯވާޑުންނެވެ. ރަޝިޔާ ވޯލްޑްކަޕެކޭ އެއްފަދައިން ނޮކައުޓް ފިޔަވަހީގައި މިފަހަރުވެސް ފްރާންސަށް ފަސޭހަ ރާސްތާއެއް ނުލިބޭނެއެވެ. އެކަން އެހެން އޮތަސް ޑިޑިއޭ ޑޭޝޯންގެ ފްރާންސަކީ މިފަހަރު އެންމެންވެސް އެންމެ ޖެހިލުންވާ އެންމެ ވަރުގަދަ ޓީމެވެ.

މިފަހަރު ދެވަނަ ފެވަރިޓެއްގެ ގޮތުގައި ފާހަގަ ކުރެވެނީ އިންގްލެންޑެވެ. އެންމެ ފަހުގެ ވޯލްޑްކަޕުގެ ސެމީފައިނަލްގައި ކުޅުނެވެ. އެންމެ ފަހުގެ ޔޫރޯގެ ފައިނަލްގައިވެސް ކުޅުނެވެ. ތަށި އުފުލަންޏާ މިފަހަރު އިންގްލެންޑަށް އޮތީ އެއްދަރަޖަ މައްޗަށް ޖައްސައިލުމެވެ. މިކަން ކުރުމަށް ނުކުންނައިރު ވަރުގަދަ އެޓޭކަރުން އެބަތިއްބެވެ. މައްސަލަޔަކީ ޑިފެންސެވެ. ކޯޗު ގަރެތު ސައުތުގޭޓުގެ ފިކުރަކީ އެއީއެވެ. ޔޫރޯގެ ފައިނަލުގައި އިޓަލީއާ ދެކޮޅަށް ޑިފެންސިވް ކުޅުމެއް ކުޅެން މަޖްބޫރުވީވެސް އެހެންވެގެންނެވެ. ބަލިވުމުގެ މައިގަޑު ސިއްރަކީވެސް އެއީއެވެ. ބައެއް މީހުންގެ ނަޒަރުގައި އިންގްލެންޑުގެ މިހާރުގެ ސްކޮޑުގެ ރަންޒަމާން ފާއިތުވަނީއެވެ. މިއީ ތައްޓެއް ހޯދުމަށް މި ސްކޮޑަށް ލިބޭނޭ ފަހު ފުރުސަތެވެ. މިފަހަރު ނުކުރެވުނިއްޔާ ދެން ނުކުރެވުނީއެވެ.

މިފަހަރުވެސް އެބަޔަކީ ބްރެޒިލް އާއި އާޖެންޓީނާއެވެ. މި ދެބައިމީހުންވެސް ދެކުނު އެމެރިކާގެ ކޮލިފައިން ބުރު ކަޑައްތުކުރީ މާބޮޑު ދާއޮހޮރުވުމަކާ ނުލައި ދާދިފަސޭހަކަމާއެކުގައެވެ. އެންމެފަހު ވޯލްޑްކަޕުގައި މި ދެޓީމަށްވެސް ރަޝިޔާގައި ދިމާވީ ބަދުނަސީބު ގޮތްތަކެކެވެ. އެހެންވީމާ އެކުށްތައް ތަކުރާރުނުވާނޭހެން ކަންކަން މިފަހަރު ތަރުތީބުކުރާނެއެވެ. ކުރަން ބޭނުންވާނެއެވެ. އާޖެންޓީނާއަށްވުރެ އުނދަގޫ ގްރޫޕެއްގައި މިފަހަރު އޮތީ ބްރެޒިލްއެވެ. ބްރެޒިލްއާއެކު ގްރޫޕް ޖީގައި ތިބީ ސާބިޔާއާއި ސުވިޒަލެންޑާއި ކެމެރޫނެވެ. ގްރޫޕް ފަހަނަޅައި ނޮކައުޓް ބުރަށް ދެވޭއިރު ބްރެޒިލްގެ ގިޔަރު ދަށްވުމުގެ ފުރުސަތު އޮންނާނެއެވެ. އެބައޮތެވެ. އެހެންވީމާ ތަޖުރިބާކާރުންގެ ނަޒަރުގައި ފައިނަލަށް ދިއުމުގެ ފުރުސަތު މި ދެޓީމުގެ ތެރެއިން އެންމެ ބޮޑީ އާޖެންޓީނާއަށެވެ.

ބެލްޖިއަމަކީ މިފަހަރުވެސް ވާންކުރާނޭކަމަށް ބެލެވޭ ބާރެކެވެ. އެކަމަކު ބެލްޖިއަމްގެ ރަންޖީލު މިހާރުވަނީ ދަބަރަށް ބަދަލުވާން ފަށައިފައެވެ. މުހިއްމު ތަރިން އެތިބީ އުމުރުގެ ގޮތުން ނުބައި ހިސާބުގައެވެ. ހަޒާޑް އޮއްސެނީއެވެ. ޑިބްރޫނާގެ ވިދުން އަދިވެސް ހަމަ އެންމެ ގަދަފަދައެވެ. އެންމެފަހުގެ ވޯލްޑްކަޕާއި ޔޫރޯގެ ހިތްދަތިކަމަށްފަހު ޖާމަނީ އެއޮތީ އައު އުސްމިނަކަށް ވާސިލްވާން މަޖުބޫރުވެފައެވެ. އެންމެފަހުގެ ޔޫރޯގެ ދެވަނަ ބުރުގައި ޗެކް ރިޕަބްލިކް އަތުން ބަލިވުމުގެ ހިތްދަތިކަން ފިލުވައިލުމަށް ހޮލެންޑުވެސް އެއޮތީ ކެތްމަދުވެފައެވެ. ސްޕެއިނާއި ޕޯޗުގަލްއަކީވެސް ފާހަގަކުރެވޭ ދެޓީމެވެ. ޕޯޗުގަލްގައި ކްރިސްޓިއާނޯ ރޮނާލްޑޯޔާއި ބްރޫނޯ ފެނާންޑެޒް ފަދަ ސުޕަރ ސްޓާރުން އެބަތިއްބެވެ. ނަސީބު އެހީވެއްޖެނަމަ މިއީ ޕޯޗުގަލްގެ ފަހަރަކަށްވެސް ހެދިދާނެއެވެ.