ސްޕެއިންގެ ލެޖެންޑަރީ ޓެނިސް ކުޅުންތެރިޔާ ރަފޭލް ނަޑާލް ކެރިއަރުގައި 14 ވަނަ ފަހަރަށް ފްރެންޗް އޯޕަން ކާމިޔާބު ކޮށްފިއެވެ.

ރޮލަން ގަރޮސް، ފްރެންޗް އޯޕަން ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މިރޭ ނަޑާލް ހޯދުމާއެކު އޭނާގެ ކެރިއަރުގައި ހޯދި ގްރޭންޑް ސްލޭމް ތަށީގެ އަދަދު ވަނީ 22 އަށް އަރައިފައެވެ. ނަޑާލްއަކީ ދުނިޔޭގެ ތާރީހުގައިވެސް އެންމެ ގިނައިން ގްރޭންޑް ސްލޭމް ތަށި ހޯދި ކުޅުންތެރިޔާއެވެ. އޭނާއާ އެންމެ ގާތުން ވާދަކުރަނީ 20 ގްރޭންޑް ސްލޭމް ހޯދާފައިވާ ނޯވަކް ޖޮކޮވިޗާއި ރޯޖާ ފެޑެރާއެވެ. ނަޑާލް މިފަހަރުގެ ފައިނަލަށް ދިޔައީ ތަށި ދިފާއުކުރަން މިފަހަރުގެ މުބާރާތަށް ނުކުތް ޖޮކޮވިޗް، ކުއާޓާގައި ބަލިކޮށްފައެވެ.

މިރޭ ހޯދި 14 ވަނަ ފްރެންޗް އޯޕަންއާއެކު ނަޑާލް ވަނީ އޭނާގެ ރެކޯޑު އިތުރަށް ފުޅާކޮށްފައެވެ. އޯޕަން އެރާގައި ނަޑާލްއާ ގާތުންވެސް ފްރެންޗް އޯޕަން ކާމިޔާބު ކުރެވިފައިވާ ކުޅުންތެރިޔަކު ނެތެވެ. ނަޑާލްގެ އިތުރުން އޯޕަން އެރާގެ ކުރިން ސިންގަލްސްގެ ފިރިހެން ޑިވިޝަންގައި އެންމެ ގިނަ ކާމިޔާބު ހޯދާފައި އޮތީ އަށް ތަށި ހޯދާފައިވާ މެކްސް ޑެކޫގިސްއެވެ.

ނަޑާލް މިރޭގެ ފައިނަލުގައި ނުކުތީ ނޯވޭގެ ކެސްޕާ ރޫޑާ ދެކޮޅަށެވެ. އެ މެޗު ނަޑާލް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓާއި ދެވަނަ ސެޓު އުމުރުން 36 އަހަރުގެ ނަޑާލް ގެންދިޔައީ 6-3، 6-3 އިންނެވެ. އަދި ފަހު ސެޓު ނަޑާލް ވަނީ ޖޯޝުގައި 6-0 އިން ގެންގޮސް އުމުރުން 23 އަހަރުގެ ރޫޑް ބަލިކޮށްފައެވެ.

މިއަހަރުގެ އޮސްޓްރޭލިއަން އޯޕަންވެސް ނަޑާލް ކާމިޔާބު ކޮށްފައިވާ އިރު، މިއީ 2010 ވަނަ އަހަރަށްފަހު ނަޑާލް ޖެހިޖެހިގެން ދެ ގްރޭންޑް ސްލޭމް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. 2010 ވަނަ އަހަރު ނަޑާލް ވަނީ ފްރެންޗް އޯޕަން އާއި ވިމްބަލްޑަން އަދި ޔޫއެސް އޯޕަން ޖެހިޖެހިގެން ކާމިޔާބު ކޮށްފައެވެ.

މިއަހަރުގެ ފްރެންޗް އޯޕަން އަންހެން ސިންގަލްސް ތަށި ހޯދީ ޕޮލެންޑްގެ އީގާ ސްވިއަޓެކެވެ.