މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭ ގޮތުން ގެންގުޅޭ ސިޔާސަތުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ސުވާލުކުރުމަށް އެޖެންޑާކޮށްފިއެވެ.

މިނިސްޓަރު އިމްރާނާ މި ސުވާލު ކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ އިދިކޮޅު ޕީޕީއެމްގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގެވެ.

މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭ ގޮތުން ސުވާލުކުރުމުގެ ކުރިން ރާއްޖޭގެ ސުޕްރީމް ކޯޓުން މަރުގެ ހުކުމް ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ހުކުމް ތަންފީޒުކުރުމަށް އިސްލާމީ ޝަރީއަތުގައިވާ ގޮތުގެމަތިން ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަވާ ގައިދީންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމާމެދު މި ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ އޮޅުން ފިލުވުމުމުގެ ގޮތުން ސުވާލުކުރެއްވުމަށްވެސް ތޯރިގު ވަނީ ހުށަހަޅުއްވައިފައެވެ.

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމާމެދު ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ކޮބައިތޯ ބެލުމަށް 2019 ވަނަ އަހަރުވެސް މިނިސްޓަރު އިމްރާން، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ތޯރިހު ހުށަހެޅުއްވިއެވެ. ނަމަވެސް އެ މައްސަލަ މަޖިލީހުން އެޖެންޑާ ކޮށްފައެއް ނުވެއެވެ.

ގަސްދުގައި މީހަކު މެރުމުގެ ކުށް ތަހުގީގުކުރުމާއި އެ ކުށުގެ އަދަބު ތަންފީޒުކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދު ހޯމް މިނިސްޓްރީން ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވަނީ އޭޕްރިލް 27، 2014 ގައެވެ.

އެ ގަވާއިދުގައިވާ ގޮތުން މަރުގެ އަދަބު ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން އެ މައްސަލައެއް ބެލުމަށްފަހު މަރުގެ ހުކުމް އިއްވައިފި ނަމައެވެ. އަދި މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން، ކުށް ސާބިތުވެފައިވާ މީހާއާއި މަރާލެވިފައިވާ މީހާގެ ވާރިސުންނާ ދެމެދު މީޑިއޭޓްކުރަންވާނެ ކަމަށާއި މީޑިއޭޓް ކުރުމުގެ ދައުރު އަދާކުރާނީ އިސްލާމިކް މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ކަމަށްވެސް ބުނެފައިވެއެވެ.

ގަވާއިދުގައި ބުނާ ގޮތުން މަރުގެ ހުކުމް އިއްވާފައިވާ މީހާގެ މައްޗަށް ހަތް ދުވަސް ތެރޭގައި އެ ހުކުމް ތަންފީޒުކުރަން ޖެހޭނެއެވެ. އަދި އެ މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރީ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަކުރުމަށްފަހުކަން ބަޔާންކޮށް ޕްރޮސިކިއުޓާ ޖެނެރަލް، ކޮމިޝަނަރު އޮފް ޕްރިޒަން އަދި އުއްތަމަ ފަނޑިޔާރު ރައީސުލްޖުމްހޫރިއްޔާއަށް އަންގަންވާނެ ކަމަށް ބުނެފައިވެއެވެ.

މަރުގެ ހުކުމް އިއްވާފައިވާ މީހާގެ ހުކުމް ފަސްކުރެވޭނެ ހަލާތްތައްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން 18 އަހަރު ނުފުރޭ ކުދިންނާއި މާބަނޑު މީހުންނާއި ބަލިހާލު ދެރެވެފައިވާ މީހުންނަށް އިއްވާފައިވާ މަރުގެ ހުކުމްފަސް ކުރެވޭނެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި މަރުގެ ހުކުމް ތަންފީޒުކުރައްވާނެ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ. އަދި މަރުގެ ހުކުމް ތަންފީޒު ކުރުމަށް މާފުށީ ޖަލުގައި ހާއްސަ މަރުކަޒެއްވެސް ހެދިއެވެ. ނަމަވެސް ދައުރު ނިމިގެންދިޔަ އިރުވެސް އެކަން ތަންފީޒުކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި އެންމެ ފަހުން މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ 1953 ގައި މުހައްމަދު އަމީންގެ ވެރިކަމުގައެވެ.