ބާސެލޯނާ އަދި ސްޕެއިންގެ ޑިފެންޑަރު ޖެރާޑް ޕީކޭއާއި ކޮލަމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާގެ ލޯބީގެ ގުޅުން ނިމުމަކަށް ގެންނަން ނިންމާފައިވާ ކަމަށް ދެ މީހުން އެކުގައި ނެރުނު ބަޔާނެއްގައި ބުނެފިއެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 11 އަހަރު ވެފައިވާ ދެމީހުންގެ ގުޅުން ނިމުމަކަށް ގެނެސްފައިވާ ސީދާ ސަބަބެއް ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ. ބަޔާނުގައި ބުނެފައިވަނީ މިވަގުތަށް ދެމީހުންގެ ދަރިންނަށާއި ކުރިއަށް އޮތް ދިރިއުޅުމަށްވެސް އެންމެ ރަނގަޅު ގޮތަކީ ވަކިވުން ކަމަށް ފެންނަ ކަމަށެވެ.

ޝަކީރާއާއި ޕީކޭއަށް އެކުގައި ދެ ކުދިން ލިބިފައިވެއެވެ. އެއީ އުމުރުން ނުވަ އަހަރުގެ މިލާންއާއި އުމުރުން ހަތް އަހަރުގެ ޝާޝާއެވެ. ދެމީހުން ލޯބީގެ ގޮތުން ދުރުވާން ނިންމީ މިލާންއާއި ޝާޝާއަށް ވިސްނާފައި ކަމަށް ބަޔާނުގައިވެއެވެ.

ޕީކޭއާއި ޝަކީރާ ވަކިވާން ނިންމާފައިވާ އިރު، ސްޕެއިންގެ ނޫހެއް ކަމަށްވާ އެލް ޕެރިއޮޑިކޯއިން ރިޕޯޓު ކޮށްފައިވަނީ ޕީކޭ ޝަކީރާއަށް ބޭވަފާތެރިވި ކަމަށެވެ. އެގޮތުން ޕީކޭއާ ދުރަށް ދާން ޝަކީރާ ވިސްނީ ޕީކޭ އެހެން އަންހެނަކާއެކު ލޯބީގެ ގުޅުންތަކެއް އޮންނާތީ ކަމަށް ނޫސްތަކުގައި ބުނެފައިވެއެވެ.

ޝަކީރާއާއި ޕީކޭ ލޯބީގެ ގޮތުން ގުޅުނީ 2010 ވަނަ އަހަރު ވޯލްޑް ކަޕްގެ ތެރެއިންނެވެ. އެ ވޯލްޑް ކަޕުގެ ފައިނަލުގައި ޝަކީރާ ޕާފޯމް ކޮށްފައިވާ އިރު، ވޯލްޑް ކަޕް ހޯދީ ޕީކޭގެ ސްޕެއިންއިންނެވެ. ވޯލްޑް ކަޕުގެ ތެރެއިން ޕީކޭއާއި ޝަކީރާ ވާހަކަ ދައްކަން ފެށިކަމަށް އެ ދެމީހުން ކުރިން ބުނެފައިވާ އިރު، ގުޅުން ފެށުނީ ރޮމޭންޓިކް ގޮތަކަށެވެ.