މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ކައުންސިލް އިންތިހާބު އަންނަ އޯގަސްޓް މަހުގެ ހައެއްގައި ބާއްވަން ނިންމައި މަގާމުތަކަށް ކުރިމަތިލުމުުގެ ފުރުސަތު ހުުޅުވާލައިފިއެވެ.
އެކަމާ ބެހޭގޮތުން މައުލޫމާތުދިނުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި އެ ޕާޓީގެ ސްޕޯކްސްޕާސަން އަސްރާ އަހުމަދު ވިދާޅުވީ، އެޕާޓީގެ ރައީސްކަމުގެ މަގާމާއި ހަ ނާއިބު ރައީސުންގެ އިތުރުން އަންހެނުންގެ ގޮފީގެ ރައީސް އާއި ނާއިބު ރައީސް އާއި ޒުވާނުންގެ ގޮފީގެ ރައީސް އާއި ނާއިބު ރައީސް ކަމުގެ މަގާމާއި، ދާއިރާތަކުުގެ ރައީސުންނާއި ނާއިބު ރައީސުން ހިމެނޭ ގޮތަށް 185 މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެއިން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.
އެޕާޓީގައި މިހާރު އޮތީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިންތިހާބު ކުރި ވަގުތީ ކައުންސިލެކެވެ.
އަސްރާ ވިދާޅުވީ، އިންތިހާބުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެ ކަމަށާއި އޭގެ އިތުރުން އެ ޕާޓީގެ އޮފީސް ގ. ޕޫލްޑްރީމުން ވެސް ފޯމު ބަލައިގަންނާނެ ކަމަށެވެ.
މަގާމުތަކަށް ކުރިމަތިލެވޭ ޝަރުތުތަކުގެ ތެރޭގައި އެޕާޓީގެ މެންބަރަކަށް ވުމާއި، އުމުރުން 18 އަހަރު ފުރިފައިވުމާއި، އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއްް ކޮށްފައިވާ މީހަކު ކަމުުގައި ނުވުމާއި، ޕާޓީގެ ސުލޫކީ އެއްވެސް މައްސަލައެއް ސާބިތުވެފައިނުވުން ހިމެނެއެވެ.
އަސްރާ ވިދާޅުވީ، މަގާމުތަކަށް ކުރިމަތިލާން ހުޅުވާލާފައިވަނީ މިމަހުގެ 27 ގެ ނިޔަަލަށް ކަމަށާއި، އެ ތާރީހާ ހަމަައަށް އަލަށް އެ ޕާޓީއަށް ވަންނަ ފަރާތްތަކަށްވެސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުގެ ނަން އިއުލާންކުރުމަށްފަހު ޖުލައި މަހުގެ ހަތަކުން ފެށިގެން ހުރިހާ ފަރާތްތަކަށް ކެމްޕެއިން ކުރުމަށް މަސް ދުވަހުގެ މުއްދަތެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެ ޕާޓީގެ އިލެކްޝަން ކޮމިޓީގެ މެންބަރު އިސްމާއީލް އިމްރާން ރުޝްދީ ވިދާޅުވީ، މި އިންތިހާބުގައި ވޯޓުލާ މީހުންގެ ލިސްޓެއްގެ ގޮތުގައި ބަލާނީ ޕާޓީގެ ދަފްތަރަށް ކަމަށެވެ. އަދި ވަގުތީ ކައުންސިލް ހޮވީ އިލެކްޓްރޯނިކް ވޯޓުން ނަމަވެސް، މި އިންތިހާބު ބާއްވާނީ ވޯޓު ފޮށި ބަހައްޓައިގެން ވޯޓު ކަރުދާސް ބޭނުންކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު