ދެހާސް ސާދަވަނަ އަހަރުގެ ފެށުމެކެވެ. ދިވެހީންގެ މޫނު މައްޗަށް ހިނިތުންވުމެއް ގެނެސްދޭނެ "ކެރެކްޓާ"އެއް އުފަން ކުރުމަށް ފެށި މަސައްކަތެކެވެ. ކޮސްޓިއުމެއް ތައްޔާރުކޮށް، މުޅިން އާ ކަމެއް ފެށީ ކާމިޔާބީގެ ކޮޅުމައްޗެއް ފެންނަން ނެތީހެވެ. އާ ކަމެއް ފެށުމަކީ "ރިސްކް"އެއް ނަމަވެސް، އުންމީދެއްގައި ރޮބޯމޭން ފެށީ ކުދިކުދި ކަންކަމުގެ ތެރެއިންނެވެ.

ފިހާރަތަކުގެ ޑިސްޕްލޭގައި ޕާފޯމްކުރަމުން މަޑުމަޑުން ރޮބޯމޭން ދިޔައީ "ޝައުގުވެރި" ކެރެކްޓާއަކަށް ވަމުންނެވެ. ދިވެހީންގެ ފޯނުތަކަށް، ދިވެހީންގެ ލޯތަކަށް ރޮބޯމޭން ކުލަވާން ފެށީ ކުދިކުދި އިވެންޓްތަކުންނެވެ. އެ އިވެންޓްތައް ބޮޑެތި އިވެންޓްތަކަށް ބަދަލުވެ، އީދު ޝޯތަކަށްވެސް ބަދަލުވިއެވެ. ވަކިން ހާއްސަކޮށް ހިތާނީތަކާއި، އުފަންދުވަހުގެ ޕާޓީތަކުގެ އެކުވެރިޔަކަށްވެސް ބަދަލުވެ، މުޅި ރާއްޖެއަށް އެނގެން ފެށިއެވެ. 2014 އިން މިއަދާ ހަމައަށް އައި އިރު، "މާވެލް ނުވަތަ ޑިސްނީގެ" ކެރެކްޓާއެއް ފަދައިން ރޮބޯމޭންއަކީ ދިވެހި އެތައް ކުދީންނެއްގެ "ސުޕަ ހީރޯ"އެކެވެ. އޯގާތެރިކަމުގެ ރަމްޒެކެވެ. ދިރިއުޅުމަށް މިސާލު ދައްކައިދޭ ނަމޫނާއެއްވެސް މެއެވެ.

މާސްކުގެ ފުރަގަހުގައި ވާ މީހާ ނޭނގުނު ނަމަވެސް، އެނގޭހާވެސް އެއްޗަކީ ބޮޑު، ނޫނީ ކުޑަވެސް އިވެންޓަކަށް ރޮބޯމޭން ގެންގޮސް، މާޔޫސްވާން ނުޖެހޭނެ ކަމެވެ. މުޅި ކްރައުޑަށްވެސް ރޮބޯމޭން ގެނެސްދޭނީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. ޅަ ކުއްޖެއް، އުމުރުން ދުވަސްވީ މީހެއް އޭގައި އިސްތިސްނާ ނުވާނެއެވެ. ރޮބޯމޭންއަކީ އެތައް ދިވެހީންނެއް ލޯތްބާއި އިހުތިރާމް ދޭ އުފާވެރިކަމުގެ ކެރެކްޓާއެކެވެ. ޕާޓީތަކުގެ ތީމްތައް ރޮބޯމޭންއަށް ހާއްސަ ކުރެއެވެ. އެތައް ކުދީންނެއް ރޮބޯމޭން ރަމްޒުކޮށްދޭ ޓީޝާޓްތަކާއި، ތޮފިތައް، އަދި ޖެކެޓްތައްވެސް ބޭނުންކުރަނީ، ލޯބިވާތީއެވެ.

އެ ލޯބިން މިއަދު ރޮބޯމޭން ހުރީ އުހުގައެވެ. ރިސޯޓު ޕާފޯމަންސްތަކުގެ ތެރެއިންވެސް ގޮސް، އެތައް ބައެއްގެ ލޮލުގައި އަޅައިގެންފިއެވެ. އަމިއްލަ އީޖާދަކަށް ލޯބި ދޭ އެތައް ބަޔަކަށް ރޮބޯމޭންގެ "ރޮބޮޓިކް އެކްސްޕީރިއަންސް" ކަމުގޮސްފިއެވެ. ދިވެހީންނަށް އެކަންޏެއް ނޫނެވެ. މިއަދު ރޮބޯމޭން ހުރީ ޗެކު ރިޕަބްލިކުގެ ބަޔަކު ދިން ދައުވަތަކަށް އެގައުމަށް، ޕާފޯމް ކުރުމަށް ގޮހެވެ. ރާއްޖެ ފަހަނައަޅައި، ތަހުޒީބީ ޔޫރަޕަށް ރޮބޯމޭން ވާސިލުވުން އެއީ ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބީއެވެ.

"މިއީ ދިގު ދަތުރެއްގެ، ބުރަ މަސައްކަތުން ލިބުނު ފުރުސަތެއް. ފުރަތަމަ މާލޭގެ ފިހާރުތަކުގެ ވިންޑޯ އެޑްވަޓައިސްމަންޓްތަކުން ފަށައިގެން މިއަދާ ހަމައަށް ރޮބޯމޭން ކުރި ބުރަ މަސައްކަތުން މިފަދަ ފުރުސަތުތައް މި ލިބެނީ. ހަގީގަތުގަ ރޮބޯމޭންގެ އެ މަސައްކަތް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުން ބަލައިގެންފި. އެ ރައްޔިތުން ދެމުން އަންނަ ލޯތްބާއި އިހުތިރާމު އެއީ ކެރިއަރުގައި ކާމިޔާބީއަކީ. ރޮބާމޭންއަކީ އެތައް ބަޔަކަށް ހިނިތުންވުން ގެނެސްދޭ ސަބަބަކަށްވުން އެއީ ފެށުމުގެވެސް މަގުސަދު. އެ މަގުސަދު ފުރިހަމައަށް ހާސިލްވަމުން އަންނަ ކަމަށް ދެކެން،" ރޮބޯމޭންގެ މެނޭޖަރު އަލީ މިޝައިލް "ވަން" އަށް ބުންޏެވެ.

ރޮބޯމޭންގެ ވިސްނުމަކީ ގައުމީ ކަމެއްގެ ގޮތުގައި އެފަދަ ޕާފޯމަންސްތައް ދެކުމެވެ. ގައުމަށް އިޝްތިހާރެއް ކޮށްދެވެން އޮތް މިފަދަ ފުރުސަތުތަކުން ރަނގަޅު ނަތީޖާއަކަށް އަބަދުވެސް ރޮބޯމޭން ވިސްނާ ކަމަށް މެނޭޖަރު ފާހަގަކުރިއެވެ.

"ރާއްޖެއިން ބޭރަށް ރޮބޯމޭންގެ ހުނަރު ތައާރަފު ވެގެންދާ ހިސާބަކީ މައިލްސްޓޯނެއް. އެހިސާބުން އެ ތަމްސީލުކުރެވެނީ ރާއްޖެ. އިރާދަކުރެއްވިއްޔާ ގައުމަށް ރީތި ނަން ހޯދައިދިނުމުގައި ކުރިއަށް ނުކުމެ، ރޮބޯމޭން މިސާލު ދައްކާނެ. އިންޝާ ﷲ ކުރިއަށް އޮތް ތަނުގައިވެސް ފުރުސަތު ތަކަށް އިންތިޒާރުކުރާނެ. އަދި މި ފުރުސަތުގެ ބޭނުންހިފައި ގައުމަށް ރީތި ނަމެއް ހޯދުމަށް މަސައްކަތް ކުރާނެކަންވެސް ޔަގީން،" މެނޭޖަރު ބުންޏެވެ.

ބުރަ މަސައްކަތެކެވެ. އިންޑިވިޖުއަލް ހުނަރެއް ބޭނުންކޮށް، ދިވެއްސަކު ހޯދަމުން އަންނަ ކާމިޔާބީ ބަލައިގަންނަން ޖެހެނީ ހެޔޮ ހިތުންނެވެ. މިއަދާ ހަމައަށް ރޮބޯމޭން ފެނުނީ ލޯބި ލިބެމުން ދިޔަ، އޯގާތެރިކަމުގެ ކެރެކްޓާއެއްގެ ގޮތުގައެވެ. ލޯބިވާން ހަނދާން ކޮށްދީ، ތަފާތު އުފާވެރިކަމެއް އަބަދުވެސް ރޮބޯމޭން ގެނެސްދެއެވެ. އެ އިހުސާސް އެތައް ބަޔަކަށް ކަމުދިޔުންވީ ރޮބޯމޭންގެ ކާމިޔާބީއަށެވެ. ހުނަރެއްގެ ބޭނުން އެންމެ ހެޔޮކޮށް ހިފޭނީ ހެޔޮ ހިތަކައިގެންކަން ރޮބޯމޭން އަންނަނީ ސާބިތު ކޮށްދެމުންނެވެ.