އާސިޔާ އާޒިމާ އުޅޭ އެޕާޓްމެންޓަށް ވަދެ އޭނާގެ ކަރުގައި ހިފައި އަނިޔާ ދިން ބަންގުލަދޭޝް މީހާ 14،400 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ، 2020 އޭޕްރީލް މަހުގެ އަށްވަނަ ދުވަހުގެ ރޭ 10:00 ހާއިރު ރ.ހުޅުދުއްފާރު/ ރޯޒްވިލާ، އާސިޔާ އާޒީމާ ދިރިއުޅޭ ހ.މެލައިމް ހަތަރުވަނަ ފަންގިފިލާގެ އެޕާޓްމަންޓުގައި ހުއްޓައި ބަންގުލަދޭސް ރައްޔިތެއްކަމުގައިވާ އެމްޑީ ހަސަން މިއާ، އެ އެޕާޓްމަންޓުގެ ދޮރުގައި ޓަކި ޖެހުމުން އާސިޔާ ދޮރު ހުޅުވުމާއެކު، އޭނާ އެތަނަށް ވަދެގަނެ އާސިމާގެ އިސްތަށިގަނޑުގައި ހިފައި އެތަނުގެ ސިޓިންރޫމްގައި ހުރި ސޯފާއަކަށް ކޮއްޕައި ވައްޓައިލުމަށްފަހު އެމީހާގެ ދެއަތުން އާސިޔާގެ ކަރާއި އަނގަމަތީގައި ހިފައި އަނިޔާ ކޮށްފައިވާ މައްސަލައެކެވެ.

މި މައްސަލައިގައި ހަސަން މިއާގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާއަށް ހަސަން މިއާ ވަނީ އިންކާރުކޮށްފައެވެ.

އޭނާ ބުނެފައި ވަނީ، އެތަނުގެ ދޮރުގައި ޓަކި ޖެހުމުން މެޑަމް (އާސިޔާ) ދޮރު ހުޅުވި ކަމަށާއި، އެތަނުގެ އެތެރެއަށް ވަދެ އޭނާ ބިންމަތީގައި އިށީނުމުން ފުލުހުން ގުޅައިގެން ފުލުހުންނާ ހަވާލުކުރާނެ ކަމަށް މެޑަމް ބުނި ކަމަށެވެ. އެއަށްފަހު އޭނާގެ މޯބައިލް ފޯނު މެޑަމް އަތުލި ކަމަށާއި، އެވަގުތު މެޑަމް ސޯފާ މަތީގައި ވެއްޓި އޮށޯންނަ ގޮތަށް އޮއްވައި މޯބައިލް އަތުލާށޭ ކިޔާފައި، މެޑަމްގެ ކަރުގައި އަތްލި ކަމަށެވެ. އެގޮތަށް އަތްލެވުނު ގަޑީގައި މެޑަމް ތަދުވެއޭ ބުނުމުން ދޫކޮށްލާފައިވާނެ ކަމަށްވެސް އޭނާ ބުންޏެވެ. އަދި މެޑަމްގެ ކަރުގައި އަތްލީ އަނިޔާއެއް ދިނުމުގެ މަގްސަދުގައި ނޫން ކަމަށްވެސް ހަސަން މިއާ ބުންޏެވެ.

މި މައްސަލަ ސާބިތުކުރުމަށް ހެކީގެ ގޮތުގައި ދެމީހުންގެ ހެކި ބަހާއި، އޭޑީކޭގެ މެޑިކޯ ލީގަލް ރިޕޯޓު އާސިޔާގެ ފަރާތުން ޝަރީއަތަށް ހުށަހެޅިއެވެ.

އެ މައްސަލައިގައި ހެކިބަސް ދެމުން ޝަރީއަތުގެ މަޖިލީހުގައި އާސިޔާ ބުނެފައިވަނީ ހަސަން މިއާ އަކީ އޭނާ ކުރިން ގެންގުޅުނު ގެސްޓު ހައުސްއެއްގައި މަސައްކަތްކުރި މީހެއް ކަމަށެވެ.

މި މައްސަލައިގައި ހުށަހެޅި ހެކިތަކުން، އަނިޔާއެއް ދިން މައްސަލަ ހަސަން މިއާގެ މައްޗަށް ވަނީ ސާބިތުވެފައެވެ. އެ މައްސަލައިގެ އަދަބަކީ ދެ މަހާއި 12 ދުވަހުގެ މުއްދަތަށް ޖަލަށް ލުމެވެ. ނަމަވެސް އެ އަދަބު ޖޫރިމަނާއަކަށް ބަދަލު ކޮށްދިނުމަށް ހަސަން މިއާގެ ފަރާތުން ކޯޓުގައި އެދުނެވެ. އަދި އެކަމަށް ދައުލަތުން އިންކާރެއްވެސް ކޮށްފައެއް ނުވެއެވެ.

އެހެންކަމުން ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި ދެ މަހާއި 12 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހަސަން މިއާގެ މައްޗަށް ކުރި ޖަލު ހުކުމް ޖޫރިމަނާއަށް ބަދަލަުކޮށް ތިން މަސް ދުވަހުގެ ތެރޭގައި 14،400 ރުފިޔާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް މިދިޔަ ބުރާސްފަތި ދުވަހު ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.