ޓެނިސް

ރޮލަން ގަރޮސް: ޒްވެރޭފްއަށް އަނިޔާވެ މެޗު ދޫކޮށްލަން ޖެހުމުން ނަޑާލް ފައިނަލަށް

ފްރެންޗް އޯޕެން، ރޮލަން ގަރޮސްގެ ފިރިހެން ޑިވިޝަންގެ ފައިނަލްގެ ފުރަތަމަ ޖާގަ ރަފޭލް ނަޑާލް ހޯދައިފިއެވެ.

ނަޑާލަށް ފައިނަލުގެ ޖާގަ ލިބުނީ ޖަރުމަނުގެ އެލެކްސެންޑާ ޒްވެރޭފްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްގެންނެވެ. އެ މެޗު ފޯރިގަދަކޮށް ދަނިކޮށް، ދެވަނަ ސެޓުގެ ތެރޭގައި ޒްވެރޭފްއަށް ވަނީ ބޮޑު އަނިޔާއެއް ވެފައެވެ. މެޗުގެ 12 ވަނަ ގޭމުގައި ޒްވެރޭފް ވެއްޓި އޭނާގެ ކަނާތު ފައިގެ ކުޑަހުޅަށް އަނިޔާވެ މެޗު ދޫކޮށްލަން ޖެހުނެވެ.

ޒްވެރޭފް ކޯޓު ދޫކޮށް ދާން ޖެހުނީ ދަނޑިގަނޑުގައެވެ. މެޗު އެހިސާބަށް ދިޔަ އިރު ފުރަތަމަ ސެޓު ނަޑާލް ގެންގޮސްފައި އޮތީ 7-6 އިންނެވެ. އަނެއް ސެޓު ހުއްޓާލަން ޖެހުނު އިރު އޮތީ ޓައި ބްރޭކަށް ގޮސްފައެވެ. އެއީ 6-6 އިން އެއްވަރު ވެގެންނެވެ.

ދުނިޔޭގެ ތިންވަނަ އަށް ސީޑު ކޮށްފައިވާ ޒްވެރޭފް ފަޔަށް އަނިޔާވުމުން ކޮންމެވެސް ވަރަކަށް ފަރުވާ ހޯދައި، އަލުން ކޯޓަށް އެރުމުން ސަޕޯޓަރުންގެ ފަރާތުން ވަނީ ހިތްވަރު ދީފައެވެ.

މިރޭގެ މެޗުން ކާމިޔާބުވުމުން ނަޑާލް ބުނީ ޒްވެރޭފްއަށް ލިބުނު އަނިޔާގެ ސަބަބުން ދެރަވި ކަމަށާއި ޒްވަރޭފްގެ ފަރާތުން މިހާތަނަށް މުބާރާތުގައި ފެންނަމުން އައީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ކަމަށެވެ.

ނަޑާލް މިހާތަނަށް 13 ފަހަރު ފްރެންޗް އޯޕަން ހޯދާފައިވާ އިރު، ފައިނަލުގައި އޭނާ ޖެހޭ ކުޅުންތެރިއެއް އެނގޭނީ ކޭސްޕާ ރޫޑާއި މަރިން ސިލިޗް މިހާރު ކުޅޭ ސެމީ ނިމުމުންނެވެ.