ދެމަފިރިންނަށް އެކަކު އަނެކެއްގެ ފަރާތުން ލިބެންވާ ހިތްހަމަޖެހުން ފުރިއަމައަށް ނުލިބުމަކީ އާއިލާ ރޫޅޭ ސަބަބެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"ހަރުދަނާ އާއިލާ އެއް ބިނާ ކުރުން" މި މައުލޫއަށް މިއަދުގެ ހުކުރު ހުތުބާގައި ވާހަކަ ދައްކާފައިވާ އިރު، ހުތުބާގައި ބުނީ އަންހެނުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ އޭނާއަށް ބަލައިލާ ހިނދު އުފާވެރިކަން ގެނުވާ އަދި އަމުރެއް ކޮށްފިނަމަ ކިޔަމަންވާ އަދި ފިރިމީހާ ނެތް ތަނުގައި އޭނާއަށްޓަކައި އިއްފަތްތެރިވެ ފިރިމީހާގެ މުދަލަށް ރައްކާތެރިވި އަންހެނާ ކަމަށް މާތް ނަބިއްޔާ އަންގަވާފައިވާ ކަމަށެވެ.

ރަސޫލާ މުހައްމަދުއް ސައްލަﷲ އަލައިހި ވަސައްލަމަ ހަދީޝް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ދުނިޔެއަކީ މުދާވެރިކަމެވެ. ދުނިޔޭގައިވާ އެންމެ އަގުހުރި މުދަލަކީ ސޯލިހު އަންހެނާއެވެ"

ހުތުބާގައި ބުނީ، ރަނގަޅު އާއިލާއެއް ބިނާކުރަން އެދޭނަމަ، ކައިވެނި ކުރުމަށް ރަނގަޅު ބައިވެރިޔަކު އިހުތިޔާރުކުރަން ޖެހޭ ކަމަށެވެ. އަދި އިހުތިޔާރުކުރެވޭ އަންހެންމީހާގެ ކިބައިގައި ރަނގަޅު ސިފަތަކެއް ހުންނަން ޖެހޭ ފަދައިން، ފިރިމީހާގެ ކިބައިގައިވެސް ރަނގަޅު ސިފަތަކެއް ހުންނަން ޖެހެއެވެ. މިގޮތުން ދީންވެރި، އޯގާތެރި، ހުލްގު ހެޔޮ މީހަކު، ހަޔާތުގެ ބައިވެރިއަކަށް ހިޔާރުކޮށްފިނަމަ، އެމީހަކަށް ހިތްހަމަޖެހުމާއި ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ ކަމަށް ހުތުބާގައި ބުންޏެވެ.

ތިބާގެ ދަރިޔަކާ ކައިވެނި ކުރުމަށް ދީންވެރި އަހުލާގު ރަނގަޅު މީހަކު އެދިއްޖެނަމަ އެކަން ކޮށްދިނުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅާ ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ ދީންވެރި ހުލްގު ހެޔޮމީހަކު ދެނެގަތުމަށްޓަކައި، އެމީހެއްގެ އާއިލާގެ މީހުންގެ އުޅުމަށް ބަލައިފިނަމަ، އެކަން ގިނަ ފަހަރަށް އެނގޭނެއެވެ. ނަމަވެސް ތިމާ ނުދަންނަ އަދި އެ މީހެއްގެ މައިންބަފައިންނާއި އާއިލާވެސް ނުދަންނަ މީހަކު، ހަޔާތުގެ ބައިވެރިއަކަށް އިހުތިޔާރުކޮށްފިނަމަ، ހިތި ތަޖުރިބާތަކަކާ ކުރިމަތިލާން ޖެހިފައިވަނީ މަދު ފަހަރަކު ނޫން ކަމަށެވެ.

ހުތުބާގައި ބުނީ އަލަށް ޒަވާޖީ ހަޔާތެއް ފަށާ ކޮންމެ މީހަކު ކައިވެނިކުރުމުގެ ކުރިން އެކަމާބެހޭ ގޮތުން އާއިލާގެ ބޮޑެތި މީހުންނާއި ކަމުގެ ތަޖުރިބާ ހުރި ފަރާތްތަކާ މަޝްވަރާކޮށް، އެ ފަރާތްތަކުގެ ލަފަޔާއި މަޝްވަރާ ހޯދުމަކީ މުހިންމު ކަމެއް ކަމަށެވެ.

ހުތުބާގައި ބުނީ، ދެމަފިރުން އެކަކު އަނެކެއްގެ ފަރާތުން ލިބެންވާ އުފަލާއި ހިތްހަމަޖެހުން ފުރިހަމައަށް ނުލިބުމަކީވެސް އާއިލާތައް ރޫޅި ވިއްސިވިހާލިވާ ސަބަބެއް ކަމަށެވެ.

"ބުރަ ދުވަހެއް މަސައްކަތުގައި ހޭދަކޮށް ފިރިމީހާ ނުވަތަ އަނބިމީހާ ގެއަށް އަންނައިރު އަނބިމީހާ ނުވަތަ ފިރިމީހާ ގެއިން ބޭރުގައި ވެދާނެއެވެ. ނުވަތަ ނިދާފައި އޮވެދާނެއެވެ. ހޭލައި އުޅޭނަމަ ފިލްމެއް ބަލަން އިނދެދާނެއެވެ. ހަމަ އެފަދައިން ވަޒީފާގެ ވާޖިބުތައް އަދާކުރުމަށް ގެއިން ބޭރުގައި އުޅުމަށް ފަހު، ގެއަށް އައިސް ގޭގައި އުޅޭ ވަގުތުކޮޅު ހޭދަކުރާތަން ފެންނަނީ ސޯޝަލް މީޑިއާގައި ނުވަތަ ފޯނުކޯލެއްގައި ނުވަތަ ކޮންމެވެސް އެހެން ކަމެއްގައެވެ. އޭގެ ސަބަބުން އާއިލާ އާއި ދަރީންނަށް ދޭންވާ ސަމާލުކަން އޮންނަނީ ނުދެވިފައެވެ،" ހުތުބާގައި ބުންޏެވެ.

ހުތުބާ ނިންމާލަމުން ވަނީ، ދަރީން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމަކީ ދެމަފިރިންގެ ވާޖިބެއް ކަން ހަނދާންކޮށްދީ ހެޔޮގޮތުގައި އާއިލާ ބެލެހެއްޓުމަށް ވަސިއްޔަތްކޮށްފައެވެ.