ޚަބަރު

ނުވަ އަހަރު ސަސްޕެންޝަންގައި ތިބި ތިން މީހަކަށް 1.9 މިލިއަން ރުފިޔާ ދޭން އަމުރުކޮށްފި

އަލީ ޔާމިން

ނުވަ އަހަރު ވަންދެން ވަޒީފާ އިން ސަސްޕެންޑް ކޮށްފައި ތިބި ތިން މީހަކަށް 1.9 މިލިއަން ރުފިޔާ ދައްކަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މައްޗަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފިއެވެ.

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މަސައްކަތް ކުރި އެ ތިން މުވައްޒަފުން ސަސްޕެންޑްކުރީ އެތަނުގެ ކުދިންތަކަކަަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، 2013 ވަނަ އަހަރުއެވެ. އެ މައްސަލައިގައި އެމީހުންނަށް ދައުވާކުރި ނަމަވެސް 2017 ވަނަ އަހަރު ކުރިމިނަލް ކޯޓުން ނިންމީ އެމީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.

އެ ތިން މީހުން މިދިޔަ އަހަރުގެ މެއި މަހު ވަޒީފާއިން ވަކިކުރުމުން، ވަޒީފާ އަނބުރާ ހޯދުމަށާއި ގެއްލުނު މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް ހޯދަން އެ މީހުން ދައުވާ ކުރުމުން ޓްރައިބިއުނަލުން މިދިޔަ ހަފުތާގައި އަމުރުކުރީ އެމީހުންނަށް ވަޒީފާ ދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ނަމަވެސް ނުވަ އަހަރު ވަންދެން ސަސްޕެންޝަންގައި ތިބި މުއްދަތުގެ މުސާރަ ދޭންޖެހޭނެ ކަމަށެވެ.

ޓްރިބިއުނަލުން އަންގާފައިވަނީ، އޭގެ ތެރެއިން އެކަކަށް، އަށް ލައްކަ ވުރެ ގިނަ ރުފިޔާ އާއި ރޯދަ މަހުގެ އިނާޔަތަށްވާ 25،000 ރުފިޔާ އާއި އަދުލުވެރި ބަދަލެއްގެ ގޮތުން އިތުރު 32،000 ރުފިޔާ ދިނުމަށެވެ.

ދެވަނަ މީހާއަށް ފަސް ލައްކަ ރުފިޔާ އާއި ގެ ރޯދަ މަހުގެ އިނާޔަތަށްވާ 25،000 ރުފިޔާގެ އިތުރުން އަދުލުވެރި ބަދަލެއްގެ ގޮތުން 20،000 ރުފިޔާ ދިނުމަށް އެންގި އިރު، ތިން ވަނަ މީހާއަށް 499،000 ރުފިޔާ އާއި ރޯދަ މަހުގެ އިނާޔަތަށްވާ 25،000 ރުފިޔާ ގެ އިތުރުން އަދުލުވެރި ބަދަލެއްގެ ގޮތުން 20،000 ރުފިޔާ ދޭން ވަނީ އަންގާފައެވެ.

އެ މައްސަލާގައި ތުުހުމަތު ކުރެވުނު ހަތަރު ވަނަ މީހާ ސަސްޕެންޑް ކޮށްފައިނުވި ނަމަވެސް އޭނާވެސް ވަނީ މިދިޔަ އަހަރު ވަޒީފާ އިން ވަކިކޮށްފައެވެ. އޭނާއަށް ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ގާއިމު ނުކުރާތީ 17،000 ބަދަލުގެ ގޮތުގައި ދިނުމަށް ޓްރައިބިއުނަލުން ވަނީ އަމުރުކޮށްފައެވެ.