1980 ވަނަ އަހަރުގެ ޙާދިޘާއެކެވެ. އެދުވަސްވަރު އަޅުގަނޑު މަސައްކަތްކުރީ ވޮޝިންގޓަން ޑީ.ސީ.ގެ ކައިރީގައި އޮންނަ އަސްކަރީ ކޭމްޕެއްކަމުގައިވާ ފޯޓްމެޑުގައެވެ. އަޅުގަނޑުގެ އަންހެނުންނަކީ އެތާގެ ޢަސްކަރީ ކޭމްޕެއްކަމުގައިވާ ފޯޓްމެޑުގައެވެ. އަޅުގަނޑުގެ އަންހެނުންނަކީ އެތާގެ އަސްކަރީ އަސްފަތާލުގެ ޑޮކްޓަރެކެވެ. އަޅުގަނޑުގެ މަސްއޫލިއްޔަތަކީ ފޯޓްމެޑް ހައިސުކޫލުގެ ނުވަވަނަ ކިލާހުން ފެށިގެން ބާރަވަނަ ކިލާހާ ހަމައަށް ހިސާބު ކިޔަވައިދިނުމެވެ. އަޅުގަނޑު ދުވާލަކު ފަސްގަޑިއިރު ކިޔަވައިދެމެވެ. ޖޭމްސްއަކީ އެއިން ކިލާހެއްގެ ދަރިވަރެއްނޫނެވެ.
ޖޭމްސް އެއްދުވަހަކު އަޅުގަނޑުގެ ދަރިވަރަކު ގާތު ބުންޏެވެ. އަހަންނަށް މިސްޓަރ އަހުމަދާ ބައްދަލުވެވޭނެ ގޮތް ހަދައިދީފާނުހެއްޔެވެ؟ އެދަރިވަރު އަޅުގަނޑު ގާތު އެވާހަކަ ބުންޏެވެ. އަޅުގަނޑު ވަރަށް ފަސޭހަ ގޮތަކަށް އަޅުގަނޑާ ބައްދަލުވެވޭ ގޮތް ޖޭމްސްއަށް ހަމަޖައްސައިދިނީމެވެ. ޖޭމްސް އަޅުގަނޑާ ބައްދަލުވާން އައިސް އެންމެ ފުރަތަމަވެސް ސުވާލު ކުރާން ފެށީ އިސްލާމްދީނާ ބެހޭ ގޮތުންނެވެ. އަޅުގަނޑު ކުރުގޮތަކަށް އެސުވާލުތަކުގެ ޖަވާބުދިނީމެވެ. ހަމައެއާއެކު ޖޭމްސްއާ ސުވާލު ކުރީމެވެ. ތިޔައީ ތިމާވެށީގެ ޢިލްމުގެ ކޯހާ ބެހޭ ސުވާލުތަކެއް ހެއްޔެވެ؟ ޖޭމްސް ޖަވާބު ދިނެވެ. ނޫނެކެވެ. މީގެ ހަފުތާއެއްހައި ދުވަސްކުރީން އަޅުގަނޑަށް އިސްލާމްދީނާ ބެހޭ ފޮތެއް ފެނުނެވެ. ސްކޫލުގެ ލައިބްރަރީންނެވެ. އެފޮތް ކިޔައިލުމުން އަޅުގަނޑުގެ ހިތުގައި އިސްލާމްދީނާމެދު ޝައުޤުވެރިކަން އުފެދުނީއެވެ.
އެއްދުވަހަކު ޖޭމްސް އަޅުގަނޑުމެންގެ މިސްކިތެއް ބަލައިލާން ދާހިތްވާ ވާހަކަ ބުނެފިއެވެ. އަޅުގަނޑު ފޯޓްމެޑުގެ ކައިރީގެ ރަށެއްކަމުގައިވާ ލައުރެލްގެ މިސްކިތަށް އޭނާ ގެންދިޔައީމެވެ. އެމިސްކިތަކީ ކުރީގެ ގެއެކެވެ. މުސްލިމުން އެގެ ގަނެގެން މިސްކިތެއްގެ ގޮތުގައި ބޭނުންކުރަނީއެވެ. އަޅުގަނޑުމެން ނަމާދުކުރަނީ ސީދާ މާތްﷲއަށް ކަން އެނގުމުން ޖޭމްސް ވަރަށް އުފާވިއެވެ. ނަމާދުގައި އެއްވެސް ކަހަލަ މިޔުޒިކެއްގެ އެހީ ނުހޯދާކަމާއި ފުރިހަމަ ހަމަހިމޭންކަމާއި މަޑުމޮޅިކަމާއެކު މާތްﷲގެ ޙަޟްރަތަށް ކުއްތަންވެ މުނާޖާ ދަންނަވާކަން އެނގުމުންވެސް އޭނާ ވަރަށް ހިތްހަމަޖެހުނެވެ. ޖޭމްސްއަށް އަސަރުކުރުވި އެހެން ސަބަބުތަކަކީ މިސްކިތާއި ނަމާދުގެ ސާދާކަމެވެ. މިސްކިތުގައި އެއްވެސް މީހެއްގެ ކުރެހުމެއްވެސް އެއްވެސް މީހެއްގެ ފޮޓޯއެއްވެސް ނެތްކަމެވެ. އެހެންކަމުން ޖޭމްސްއަށް ޔަޤީންވީ މުސްލިމުން އަޅުކަން ކުރަނީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ނޫންކަމެވެ. ހުސްޠާހިރުވަންތަ މާތްﷲއަށް ކަމެވެ.
އެދުވަސްވަރު އެތައް ފަހަރަކު އަޅުގަނޑުގެ ހިތަށް އަރަމުން ފައިބަމުން ދިޔައެވެ. ޖޭމްސްއަކީ ސޯޅައަހަރުގެ ޒުވާނެކެވެ. އެމެރިކާގެ ޤާނޫނުގައިވާ ގޮތުން ބާލިޣުނުވާ ކުޑަކުއްޖެކެވެ. އަޅުގަނޑަށް ވިސްނައިލެވުނެވެ. ޖޭމްސްގެ މައިންބަފައިންނަށް އަޅުގަނޑަށް ވަރަށް ބޮޑެތި މައްސަލަތަކެއް ކުރިމަތި ކުރުވިދާނެއެވެ. ޚާއްޞަކޮށް ފޯޓްމެޑަކީ ޢަސްކަރީ ކޭމްޕެކެވެ. އެތަނާ ގުޅިގެން ހުންނަނީ ނޭޝަނަލް ސެކިއުރިޓީ އެޖެންސީއެވެ. މުޅި އެމެރިކާގައި ހިނގާ ޖާސޫސީ ޙަރަކާތުގެ މައި މަރުކަޒެކެވެ. ޖޭމްސް އަޅުގަނޑު ގާތު ބުނެފައިވާ ގޮތުގައި އޭނާގެ ބައްޕައަކީ ނޭޝަނަލް ސެކިއުރިޓީ އޭޖެންސީގެ އޮފިސަރެކެވެ. އެހެންކަމުން ކޮންމެފަދަ ކަމަކާވެސް އަޅުގަނޑަށް ކުރިމަތިލާން ޖެހިދާނެއެވެ. މިހުރިހާ ކަމެއް އަޅުގަނޑުގެ ސިކުނޑިއަށް އުނދަގޫ ކުރަމުން ގެންދިޔައެވެ. ކޮންމެވެސް ވަރަކަށް ފިކުރުބޮޑުވެސްކުރުވައެވެ.
އަޅުގަނޑާއި ޖޭމްސްއާ ދެމީހުން އާދައިގެ މަތީން ބައްދަލުވަމުން ގެންދިޔައީމުއެވެ. އެއްދުވަހަކު ޖޭމްސް އަޅުގަނޑު ގާތު ބުނެފިއެވެ. "އަޅުގަނޑު އިސްލާމްވާން ބޭނުމެވެ." އަޅުގަނޑު ބުނީމެވެ. އިސްލާމްވުމަކީ ވަރަށް ސާދާ އަދި ވަރަށް ފަސޭހަކަމެކެވެ. އެހެންކަމުން އިސްލާމްވެވިދާނެއެވެ. އެކަމަކު އިސްލާމްވުމަށްފަހު އަލުން ކުފުރުވުމަކީ މާތްﷲގެ ޙަޟުރަތުގައި ވަރަށް ބޮޑު ފާފައެކެވެ. އެކަލާނގެ ރުހިވޮޑިނުގަންނަވާކެމެވެ. އެހެންކަމުން ރަނގަޅުވާނީ އަދިވެސް އިތުރަށް އިސްލާމްދީން އުނގެނުމެވެ. ދީނާމެދު ފިކުރު ހިންގައި ހިތުގައި އުފެދޭ ސުވާލުތަކުގެ ޖަވާބު ހޯދުމެވެ. އިސްލާމްދީން ހިތުގައި ފުރިހަމައަށް ބިންވަޅުނެގި، ދީނާމެދު ޔަޤީންކަން ލިބޭންދެން މަޑުކުރުމެވެ.
ހަފުތާއެއްހައި ދުވަސްވެސް ނުވަނީސް ޖޭމްސް އަނެއްކާވެސް އިސްލާމްވާން އެދި ވާހަލަ ދައްކަންފަށައިފިއެވެ. އެފަހަރު އަޅުގަނޑު އޭނާއަށް ޝަހާދަތުގެ ދެކަލިމަފުޅު ކިޔައިދީފީމެވެ. މާތްﷲގެ ރަޙުމަތްފުޅުން އޭނާ އިސްލާމްވެއްޖެއެވެ. ޖޭމްސް އިސްލާމްވުމުން އަޅުގަނޑުމެން ދެމީހުންގެ ކޮނޑުގައި އިތުރު އެތައް ޒިންމާތަކެއް އެޅުނެވެ. އޭގެތެރެއިން އެއްކަމަކީ ކޮންމެ އާދީއްތަ ދުވަހަކު ޖޭމްސް އޭނާގެ ގެއިން މިސްކިތަށް ގެނައުމެވެ. އެހެނިހެން މުސްލިމުންނާއެކު މެންދުރުނަމާދު ކުރުމަށްޓަކައެވެ. އަޅުގަނޑު ކޮންމެ އާދީއްތަ ދުވަހު މެންދުރު ނަމާދަށްފަހު އޭނާއަށް އަލިފުބާ ދަސްކޮށްދޭންވެސް ފަށައިފީމެވެ. ޖޭމްސް އަލިފުބާ ދަސްކުރާން ވަރަށް ޝައުޤުވެރިވިއެވެ. މާގިނަ ދުވަހެއްނުވެ އޭނާ ޢަރަބިބަހުން ޤުރުއާން ކިޔަވާން ފަށައިފިއެވެ. އޭނާ ވަރަށް އަވަހަށް ބަންގިވެސް ދަސްކޮށްފިއެވެ. މިސްކިތުގެ މުދިމަކަށް ވެއްޖެއެވެ. އައުމުސްލިމަކު ބަންގި ދިނުމަކީ ވަރަށް އަސަރުގަދަ ކަމެކެވެ.
އާދައިގެ މަތިން އެއްދުވަހަކު އަޅުގަނޑު ޖޭމްސް ބަލައި އޭނާގެ ގެއަށް ހިނގައިޖައީމެވެ. އޭނާ ބޭރަށް ނުކުތްތަން ފެނިފައި އަޅުގަނޑު ވަރަށް ބޮޑަށް ސިހުނެވެ. ޖޭމްސް ހުރީ ރީތި ޢަރަބި ހެދުމެއްގައެވެ. ޖޭމްސްގެ އަވަށްޓެރި ކިޔަވާކުދީންނާއި، އޭނާގެ މައިންބަފައިން ކުރީއްސުރެ އަންނަނީ އަޅުގަނޑާއި ޖޭމްސްއާ ބެހޭ ގޮތުން ޗުކުޗުކު އަޅުވަމުންނެވެ. އެހެންކަމުން އޭނާ އަޅުގަނޑުގެ ކާރުގެ ކައިރިއަށް އައުމުން ބޭއިޚްތިޔާރުގައިއަޅުގަނޑު އޭނާއާ ދިމާއަށް ބުނެފީމެވެ. "ޖޭމްސްއެވެ. ހެދުން ބަދަލުކުރުމުގެ ބޭނުމެއް ނެތެވެ. އެމެރިކާ މީހުންގެ ޢާއްމު ހެދުމުގައިވެސް ނަމާދު ކުރެވިދާނެއެވެ." އަޅުގަނޑު ޖެހިލުންވީކަން ޖޭމްސް ވަގުތުން ވިސްނައިގަތެވެ. އޭނާ އަޅުގަނޑާ ދިމާއަށް ބުންޏެވެ. "ސަރ އަޙުމަދެވެ. ސާރގެ އީމާންކަން ވަރަށް ބަލިކަށްޓެވެ." އަޅުގަނޑު އޭނާއާ ސުވާލުކުރީމެވެ. "ތިޔަ ހެދުމުގައި ހުއްޓައި ފެނުމުން ބައްޕަމެން ނުޤަބޫލުވެއެއް ނުލައްވާހެއްޔެވެ؟" އޭނާ ޖަވާބުދިނެވެ."އަޅުގަނޑުގެ ބައްޕަވެސް މަންމަވެސް މިމައްސަލައިގައި އަޅުގަނޑަކާ ނުރުހުންވެވަޑައެއް ނުގަންނަވައެވެ. އަދި ކީއްތޯއެވެ، އަޅުގަނޑުގެ މަންމަ ކޮންމެ ދުވަހަކުވެސް އެހެން މީހުންނާ ވަކީން އަޅުގަނޑަށް ޙަލާލު ކާއެއްޗެހި ތައްޔާރުކޮށްދެއްވައެވެ." އެވާހަކަ އިވުމުން އަޅުގަނޑަށް އާހިތްވަރެއް ލިބުނެވެ. މާތްﷲ ޞުބުޙާނަހޫ ވަތަޢާލާއަށް ޝުކުރު ދެންނެވީމެވެ.
ޖޭމްސްއަކީ އޭރު ހައިސުކޫލުގެ ކިޔަވާ ކުއްޖެކެވެ. އޭނާއަކީ އެކުވެރީންގެ ތެރޭގައި ވަރަށް މަޤުބޫލު ކުއްޖެކެވެ. އެދުވަސްވަރު އެއްދުވަހަކު ޖޭމްސް އަޅުގަނޑު ގާތު ބުންޏެވެ."އަޅުގަނޑުގެ ނަން ބަދަލުކޮށް އިސްލާމީ ނަމެއް ކިޔާން ބޭނުމެވެ." އަޅުގަނޑު އޭނާއަށް ވިސްނައިދެވޭތޯ މަސައްކަތްކުރީ އޭނާ އިސްލާމީ ނަމަކަށް ނަން ބަދަލުކޮށްފިނަމަ އާނަން އަޑު އިވޭ އިރަށް އޭނާގެ އެކުވެރީން އޭނާއާ ގުޅުން ކަނޑައިލާނެކަމެވެ. ބައްދަލުވެ އުޅުންވެސް ހުއްޓައިލާނެކަމެވެ.
އަޅުގަނޑު ބުނީމެވެ. "ޖޭމްސްއެވެ. މިހާރު އެމެރިކާގެ ނަމުގައި ފަސޭހަކަމާއެކު ކުދިންނާ މިލިގެން އެއްހިތްވެގެނެ އުޅެވޭނެއެވެ. އެކުދިންނާ ހަމައަށް އިސްލާމީ އަގުތައްވެސް ގެންގޮސްދެވޭނެއެވެ. އަޅުގަނޑުގެ ވާހަކަ އަޑުއިވުމުން ޖޭމްސް އަނެއްކާވެސް ބުނެލީ އަޅުގަނޑުގެ އީމާންކަން ބަލިކަށި ވާހަކައެވެ. ކޮންމެއަކަސް އޭނާ ބޭނުންވީ އިސްލާމީ ނަމެކެވެ. އޭނާ ޚިޔާރުކުރި ނަމަކީ ޖޭމްސް ޙުސައިން އަބީބާއެވެ.
ޖޭމްސް ހައިސުކޫލުގެ ކިޔެވުން ނިންމައިލިއެވެ. ސްކޫލް ނިމުމުން އޭނާ އުޅުނީ ވަގުތީ ގޮތުން މަސައްކަތެއް ލިބޭތޯއެވެ. ކޮލެޖުގެ ޚަރަދުތަކަށް ފައިސާ އެއްކުރުމުގެ ގޮތުންނެވެ. ހުޅަނގުގައި އޮންނަ ވަރަށް ރަނގަޅު އާދައެކެވެ. މައިންބަފައިންނަކީ މާލީ ގޮތުން ފޯރުންތެރި ބަޔަކަށް ވިޔަސް މަތީ މަޤާމުތަކުގައި ތިބިބަޔަކު ކަމުގައި ވިޔަސް ޒުވާނުން އެކުދީންގެ ކޮލެޖުގެ ޚަރަދުތަކަށް އަމިއްލަ މަސައްކަތުން ފައިސާ ހޯދައެވެ. އެގޮތުން ހުސްވަގުތުތަކުގައި ކޮންމެވެސް މަސައްކަތެއް ކުރެއެވެ. އެމަސައްކަތަކީ ކިތަންމެ އާދައިގެ ދެރަ މަސައްކަތެއްކަމުގައި ވިޔަސް އެމަސައްކަތެއް ކުރާކަށެއް ފަހެއް ނުޖެހެއެވެ. ވަރަށް އާދައިގެ މަސައްކަތެއް ލިބުނަސް ފަޚުރުވެރިވެއެވެ. އެކުދީން ކުރާ މަސައްކަތުގެ ވާހަކަ މައިންބަފައިންނާއި، އަވަށްޓެރިންނާއި ރަޙްމަތްތެރީންނަށް ވަންހަނާ ކުރާކަށްވެސް ނުއުޅެއެވެ. ޙަޤީޤަތުގައި ޒުވާން ފުރައިގައި ކަމެއްނެތި ހިލޭ ތިބުމުގެ ބަދަލުގައި މަސައްކަތެއްގައި އަވަދިނެތި އުޅުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. ވަރަށްގިނަ ކަތި ފިޔަވަޅުތަކަކުން ސަލާމަތްވާނެކަމެކެވެ. ޝައިޠާނާގެ ދަންތުރަތަކުގައި އެންމެ ފަސޭހައިން ޖެހެވެނީ މަސައްކަތެއް ނުކޮށް، ބޭކާރުވެގެން އުޅޭ ޒުވާނުންނެވެ.
އަޅުގަނޑުގެ އަންހެނުން އެދުވަސްވަރު އެމެރިކާގެ އާރމީން ވަކިވެ، މެރީ ލޭންޑުގެ ލައުރެލް ސަރަހައްދުގައި އޭނާގެ ހެލްތު ސެންޓަރެއް ހުޅުވައިފިއެވެ. އޭނާ ޖޭމްސްއަށް އެތާނގެ އިސްތިޤްބާލިއްޔާއިން ވަޒީފާ ދީފިއެވެ. އެދުވަސްވަރަކީ އަޅުގަނޑުގެ އަންހެނުން އޭނާގެ ހެލްތު ސެންޓަރ އަލަށް ހުޅުވި ދުވަސްވަރެވެ. އެހެންކަމުން ބަލިމީހުން ލިބެނީ ތަންކޮޅެއް މަދުންނެވެ. ޖޭމްސްއަށް ވަރަށް ގިނަ ހުސްވަގުތު ލިބެއެވެ. އޭނާ އެވަގުތުގެ ބޭނުން ހިފީ އިސްލާމީ ފޮތްތައް މުޠާލިޢާ ކުރުމަށެވެ.
ޖޭމްސް ކޮންމެ އަހަރަކު ޢީދު ފާހަގަ ކުރަނީވެސް އަޅުގަނޑުމެންނާއެކުގައެވެ. މާތްﷲގެ ފަޟުލުވަންތަކަމުން އެއްއަހަރަކު އަޅުގަނޑު ރަމަޟާން މަސް އެކަށް ހޭދަކުރީ މައްކާއާއި މަދީނާގައެވެ. ޢީދުކުރީ މައްކާގައެވެ. އެކަމާ އަޅުގަނޑު ވަރަށް ހިތްހަމަޖެހުނެވެ. އުފާވިއެވެ. ނަމަވެސް ޖޭމްސް އެކަނިވެރި ވާނެތީ އެކަމާ ވަރަށް ވިސްނާން ޖެހުނެވެ.
އަޅުގަނޑު އެނބުރި އެމެރިކާއަށް ގޮސް މިސްކިތުގެ ރަހުމަތަތެރީން ކުރެން ޚަބަރު އަހައިލިއިރު ޖޭމްސް ރޯދަމަހުގެ ހުރިހާ ޕްރޮގްރާމްތަކެއްގައި ވަރަށް ބޮޑަށް ޙަރަކާތްތެރިވިއެވެ. އިސްނަގައިގެން ކަންކަމުގައި ބައިވެރިވިއެވެ. ރަމަޟާން މަހުގެ ފަހުދިހައިގައި މިސްކިތުގައި އިޢުތކާފުވެސް ކުރިއެވެ. ޙަޤީޤަތުގައި އަޅުކަމާ ބެހޭ އެތައް ކަމެއްގައި އޭނާ ހުރީ އަޅުގަނޑުމެންނަށްވުރެވެސް ކުރީގައެވެ.
ޖޭމްސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކޮލެޖަށް ވަދެއްޖެއެވެ. އޭނާ ބީ.އޭ ފާސްކުރީ އިސްލާމީ ތާރީޚުވެސް ހިމަނައިގެންނެވެ. ޖޭމްސް އަކީ އޭނާގެ ކޮލެޖުގެ އިސްލާމީ ކިޔަވާ ކުދީންގެ ޖަމްޢިއްޔާގެ އެންމެ އިސް މެންބަރެކެވެ. ކޮލެޖުގައި އުޅެމުން އޭނާ މީހަކާވެސް އިނދެފިއެވެ. އޭނާ ކާވެނިކުރީ އިންޑިޔާގެ ޤަދަރުހުރި މުސްލިމު އާއިލާއެއްގެ އަންހެންކުއްޖަކާއެވެ. ޖޭމްސްގެ އަންހެނުންނަކީވެސް ވަރަށް ދީންވެރި ކުއްޖެކެވެ. އެހެންކަމުން އެދެމީހުން ޑިގްރީ ނިންމުމަށްފަހު ޝިކާގޯގެ ޔުނިވަރސަލް އިސްލާމިކް ސުކޫލުގައި ޓީޗަރުންގެ ގޮތުގައި މަސައްކަތް ކުރާން ފަށައިފިއެވެ.
އަޅުގަނޑާ ޖޭމްސް އާ އެންމެ ފަހުން ބައްދަލުވީ އިސްނާ ކޮންފަރެންސްގެ ދުވަސްވަރުގައެވެ. ޝިކާގޯއިންނެވެ. އެފަހަރު އަޅުގަނޑަށް ޖޭމްސް ފެނުނުއިރު އޭނާހުރީ ޚާއްޞަ އިސްލާމީ ހެދުމެއްގައެވެ. ބޮލުގައި ވަރަށް ބޮޑު ފަގުޑިޔެއްވެސް އޮތެވެ. އޭނާ ފެނުމާއެކު އަޅުގަނޑު އޭނާގެ ފަގުޑިއަށް ޢިޝާރާތްކޮށްފައި "މިޔޯ"އޭ ބުނެލީމެވެ. ޖޭމްސް ޖަވާބު ދިނެވެ. "ސަރ އަހުމަދެވެ. އޯގާވެރިކަމާއެކު ތިޔަ ވާހަކަ ހުއްޓައިލައްވާށެވެ. މިކަމާ އެއްޗެކޭ ވިދާޅުނުވާށެވެ." އަޅުގަނޑަށް ވިސްނުނެވެ. މާޝާﷲއެވެ! ޖޭމްސް ވަނީ ކޮންމެވެސް ޒިކުރުވެރީންގެ ޖަމާޢަތަކާވެސް ގުޅިފައެވެ.
ގާތްގަނޑަކަށް ވިހިއަހަރު ފަހުން އަޅުގަނޑު ޖޭމްސްގެ ޢާއިލާއާ އީ-މެއިލުގެ ޒަރީޢާ އިން ގުޅައިލީމެވެ. ޖޭމްސްއަކީ އޭރު އެމެރިކާގެ ޝިކާގޯގެ ވަރަށް މަޝްހޫރު އިސްލާމީ އިދާރާއެއްގެ އެޑިޓަރެކެވެ. އެއިދާރާގެ ނަމަކީ "އިޤްރައު އިންޓަރނޭޝަނަލް އެޑިޔުކޭޝަނަލް ފައުންޑޭޝަން"އެވެ. އެތާނގެ މަސައްކަތަކީ އިސްލާމީ ފޮތްތަކާއި މަޖައްލާތައް ޝާޢިއު ކުރުމެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށާއި ޣައިރު މުސްލިމުންނަށް ފޮތްތަކާއި މަޖައްލާތައް ފޮނުވައިދިނުމެވެ. އެއިދާރާގެ އީމެއިލް އެޑްރެސް ތިރީގައި މިވަނީއެވެ.
ޖޭމްސްގެ އެބޭބެ ޑޮކްޓަރ އަމީރުއަލީ ސާހަބު އަކީވެސް އިސްލާމީ އިދާރާއެއްގެ ބާނީއެކެވެ. އެތާނގެ މެނޭޖިން ޑިރެކްޓަރެވެ. އެއިދާރާގެ ނަމަކީ އިސްލާމިކް އިންފޮމޭޝަނަ އެންޑް އެޑިއުކޭޝަނެވެ. އެތަންވެސް ހުންނަނީ އެމެރިކާގެ ޝިކާގޯގައެވެ. މުޅި ދުނިޔޭގައިވެސް މުސްލިމުންނަށާއި ޣައިރު މުސްލިމުންނަށް އިސްލާމީ އަދަބިއްޔާތުގެ އުފެއްދުންތައް ހިލޭ ބެހުމަކީ އެތާނގެ މަސައްކަތެވެ. އެމެރިކާގެ ޖަލުތަކުގައި ހިންގޭ ތަބްލީޣީ ޙަރަކާތްތަކުން އިސްލާމްވާ އައު މުސްލިމުންނަށް ތައުލީމާއި ތަރުބިއްޔަތު ދިނުމަށްވެސް އެއިދާރާއިން ވަރަށް ކުލަގަދަ ޚިދުމަތްތަކެއް ކުރެއެވެ. އެއިދާރާގެ އީ-މެއިލް އެޑްރެސް ތިރީގައި މިދަންނަވަނީއެވެ.
ޖޭމްސްގެ އަންހެނުން މަސައްކަތްކުރަނީ އޭނާގެ ބައްޕަގެ އިސްލާމިކް އިންފޮރމޭޝަން އެންޑް އެޑިއުކޭޝަންގައެވެ. ޖޭމްސްގެ މުޅި ޢާއިލާ ހިތާއި ރޫޙުން މަސައްކަތް ކުރަމުން ގެންދަނީ އިންސާނިއްޔަތަށްޓަކައެވެ. އިސްލާމްދީން ކުރިއަރުވައި އާލާކުރުމުގެ މަތިވެރި މާތް މަޤްޞަދުގައެވެ. މިއީ އަޅުގަނޑުމެން ހަހުރަކުރަން އެކަށީގެންވާ ކަމެކެވެ. ނަމޫނާއަކަށް ހަދާން ޖެހޭ ވެސް ކަމެކެވެ.
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު