އިންޑިއާގެ އެހީގައި މޯލްޑިވްސް ކަސްޓަމްސް ސާވިސް (އެމްސީއެސް)ގެ އޮފިސަރުން ތަމްރީނު ކުރަން ނިންމައިފިއެވެ.

މި މަހުގެ ހަވަނަ ދުވަހުން ފެށިގެން އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހަށް މުމްބާއީގައި އޮންނަ އެ ތަމްރީނު ޕްރޮގްރާމްގައި 30 ކަސްޓަމް އޮފިސަރުން ބައިވެރިވާނެއެވެ.

އިންޑިއާ ހައި ކޮމިޝަނުން އިއްޔެ ބުނީ، އެ ތަމްރީނު ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގެ ކަސްޓަމް އޮފިސަރުންގެ ގާބިލުކަން އިތުރު ވެގެންދާނެ ކަމަށެވެ.

އެ ތަމްރީނުގައި ބައިވެރިވާ ކަސްޓަމް އޮފިސަރުން ވަޔާއި ކަނޑުގެ ކަސްޓަމްސް ބޯޑަރުތަކުގައި ގާނޫނު ތަންފީޒު ކުރުމުގެ މައުލޫއަށް ބިނާކޮށް، ހިންގާ ހަތަރު ހަފުތާގެ ތަމްރީނެއްގައި ބައިވެރިވެ އިންޓަރެކްޓިވް ސެޝަންތަކާއި ކަމާބެހޭ ވުޒާރާތަކަށް ޒިޔާރަތްކުރާނެއެވެ.

ރާއްޖޭގެ ކަސްޓަމް އޮފިސަރުން އިންޑިއާއަށް ފުރުމުގެ ކުރިން މުމްބާއީގެ ނެޝަނަލް އެކެޑެމީ އޮފް ކަސްޓަމްސް، އިންޑައިރެކްޓް ޓެކްސް އަދި ނާކޮޓިކްސް (އެންއޭސީއައިއެން) އާ ގުޅިގެން ތަމްރީނުތަކެއް އިއްޔެ ވަނީ ބާއްވައިފައެވެ. އެއީ އެއް ދުވަހަށް ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ.

އެ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި އިންޑިއަން ހައިކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރު ރޯހިތު ރިތޭޝް އާއި ކަސްޓަމްސް ސާވިސްގެ ކޮމިޝަނާ ޖެނެރަލް އަބްދުالله ޝަރީފް ބައިިވެރިވެވަޑައިގަތެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރޯހިތު ވިދާޅުވީ، މިހާތަނަށް މުމްބާއީގެ އެންއޭސީއައިއެން އިން ބޭއްވި ތަމްރީން ޕްރޮގްރާމްތަކުގެ ހުރިހާ އިވެންޓެއްގައި ރާއްޖޭގެ ކަސްޓަމްސް އޮފިސަރުންގެ ބައިވެރިވެފައިވާ ކަމަށާއި ކަސްޓަމްސް ކޯޕަރޭޝަން އެމްއޯޔޫއެއްގައި 2019 ވަނަ އަހަރުު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ސޮއި ކުރެއްވި ކަމަަށެވެ.

ރޯހިތު ވިދާޅުވީ، އިންޑިޔާ އާއި ރާއްޖެއާއި ދެމެދު ކަސްޓަމްސް ދާއިރާގެ ގުޅުން ފާއިތުވި އަހަރުތަކުގައި ވަރުގަދަވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ 100 ކަސްޓަމްސް އޮފިސަރުން މިހާތަނަށް އިންޑިއާއިން ތަމްރީނު ހަދާފައިވާ ކަމަށެވެ.