ނޫސްވެރިންނަށް ބިރުދައްކައި ފުރައްސާރަކުރި މައްސަލަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެދި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފިއެވެ.

އެމްއެމްސީން އެގޮތަށް ބުނެފައި މިވަނީ "މިހާރު" ނޫހުގެ އޮފީހަށް ބަޔަކު ވަދެ އެ ނޫހުގެ ނޫސްވެރިންނަށް ބިރު ދެއްކި ކަމަށް ބުނާ މައްސަލަ އާއި "ވީޓީވީ" ނޫސްވެރިޔަކަށް ޕީޕީއެމް/ޕީއެންސީ ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" މުޒާހަރާގައި ބައިވެރިވި މީހަކު ހައްޔަރުކޮށް ވެހިކަލަށް އަރުވަން ދަނިކޮށް އެ ނޫސްވެރިއާގެ ލޮލަށް ފުލުހުން ޕެޕާ ސްޕްރޭ ޖެހި ކަމަށް ބުނާ މައްސަލައާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން މީޑިއާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެކައުންސިލަށް މިހާރު އެންމެ ގިނައިން ލިބެމުންދަނީ މުޒާހަރާ ކަވަރުކުރާ ނޫސްވެރިންނަށް ލިބެމުންދާ އަނިޔާތަކާއި އިންޒާރުތަކާ ގުޅޭ މައްސަލަތައް ކަމަށެވެ.

މީޑިއާ ކައުންސިލުން ބުނީ، މިނިވަންކަމާއެކު އިސްލާމްދީނުގެ އަސްލަކާ ހިލާފުވާނުވާ ގޮތެއްގެ މަތިން ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ނޫސްވެރިންގެ މިނިވަންކަމަކީ ގާނޫނުއަސާސީން ކޮންމެ ފަރުދަކަށް ވެސް ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށެވެ.

އެހެންކަމުން އެ ހައްގުގެ ދަށުން ފާޅުކުރާ ހިޔާލެއްގެ ސަބަބުން މީޑިއާގެ އިދާރާތަކަށް ވަދެ ނޫސްވެރިޔާގެ ފުރާނައަށް ނުރައްކަވާ ހިސާބަށް އިންޒާރުދީ ބިރުދެއްކުމަކީ އެ ކައުންސިލުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

"މިހާރު" ނޫހާއި އެ ނޫހުގެ ނޫސްވެރިންގެ އަގުވައްޓާލަން ބަޔަކު ގަސްދުގައި ސާބިތުނުހިފޭ ވާހަކަތަކެއް ފަތުރެމުގެ ސަބަބުން އެ ނޫހުގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކަވާ ހިސާބަށް ކަންކަން ގޮސްފައިވަތީ އެކަން މީޑިއާ ކައުންސިލުން ވަނީ ކުށްވެރިކޮށްފައެވެ.

ނޫސްވެރިންނަށް ރައްކާތެރިކަން ފޯރުކޮށް ދިނުމާއި އަމާން މާހައުލެއް ފޯރުކޮށްދިނުމުގެ ޒިންމާއަކީ ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި އެނޫން ފަރާތްތަކުގެ ޒިންމާއެއް ކަމަށް މިޑިއާ ކައުންސިލުން ބުންޏެވެ.

މުޒާހަރާ ކަވަރުކުރާ ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން އަނިޔާ އާއި އިންޒާރު ލިބެމުންދާ ކަމަށް ތުހުމަތުކުރާ މައްސަލަތަކަކީ ސީރިއަސް ތުހުމަތުތަކެއްގެ ގޮތުގައި ބަލަން ޖެހޭ މައްސަލަތައް ކަމަށް ވެސް މީޑިއާ ކައުންސިލުން ބުންޏެވެ. އަދި މީޑިއާ ކައުންސިލުން ވަނީ އެ ކައުންސިލަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ މައްސަލަ ބަލައިދިނުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފައެވެ.

"މިހާރު" ނޫހުގެ ނޫސްވެރިންނަށް ބިރު ދެއްކި ކަމަށް ބުނާ މައްސަލަ އާއި "ވީޓީވީ"ގެ ނޫސްވެރިއެއްގެ ލޮލަށް ފުލުހުން ޕެޕާ ސްޕްރޭޖެހި ކަމަށް ބުނާ މައްސަލަ ބަލަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ ބަލަން ގޮވާލައިފައެވެ.

"މިހާރު" ނޫހުގެ އޮފީހަށް ބަޔަކު ވަދެ ބިރުދެއްކި މައްސަލަ ފުލުހުން ވަނީ ބަލަން ފަށައިފައެވެ.