ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް 3000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް މިމަހު 14 އިން ފެށިގެން އުވާލަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
ގާނޫނުގައި ބުނާ ގޮތުން ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރި ވެވޭނީ 3000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާ ގޮތަށް 3000 މެމްބަރުން ހަމަކުރި ނަމަވެސް ފަހުން މެމްބަރުން ކެނޑުމުގެ ސަބަބުން 3000 މެންބަރުން ހަމަނުވާ ހަތަރު ސިޔާސީ ޕާޓީއެއް އީސީން ވަނީ ފާހަގަކޮށްފައެވެ.
އެއީ ދެވަނައަށް ރާއްޖޭގައި އުފެއްދި ސިޔާސީ ޕާޓީ ޑީއާރުޕީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެންމެ ފަހުން އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އާއި މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ)ގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު "ވަން" އަށް މިއަދު ވިދާޅުވީ، މިމަހު 14 ގެ ނިޔަލަށް އެ ޕާޓީތަކަށް 3000 މެމްބަރުން ހަމަ ކުރުމަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން މިމަހު 14 އަށް 3000 ހަމަނުކުރެވޭ ޕާޓީތައް ގާނޫނުގައި ބުނެފައިވާގޮތުގެ މަތިން އުވާލުމުގެ މަސައްކަތް ފައްޓަވާނެ ކަމަށްވެސް ފުއާދު ވިދާޅުވިއެވެ.
އެ ޕާޓީތަކަށް 3000 މެމްބަރުން ހަމަކުރުމަށް އީސީން ނޯޓިސް ފޮނުވާފައިވާ އިރު، އެ ނޯޓިސްގައިވާ ގޮތުން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އަދަދު ހަމަނުކުރެއްވިއްޖެ ނަމަ، އެ ޕާޓީތައް އުވޭނެއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން އެމްއާރުއެމްގެ އޮފިޝަލް އާދަމް އަބްދުލް އަލީމް މިއަދު ވިދާޅުވީ، މިމަހުގެ 14ގެ ނިޔަލަށް އެ ޕާޓީއަށް 3000 މީހުން ހަމަކުރުމަށް އީސީން ފުރުސަތު ދީފައިވާ ކަމަށެވެ. އަދި އެ ފުރުސަތުގައި އެ ޕާޓީއަށް 3000 މީހުން ހަމަކޮށް، ފޯމު އީސީއަށް ފޮނުވާފައިވާނެ ކަމަށް ވިދާޅުވިއެވެ.
އެމްޓީޑީގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ، 3000 މީހުން ހަމަކުރަން އެ ޕާޓީއަށްވެސް އީސީން ދިނީ މިމަހުގެ 14 ނިޔަލަށް ކަމަށާއި ނަމަވެސް މިހާރު އެ އަދަދަށް މީހުން ހަމަކޮށް، ފޯމުތައް އީސީއަށް ފޮނުވާފައިވާނެ ކަމަށެވެ.
ނަމަވެސް ޑީއާރުޕީ އާއި އެމްއެލްއެސްޑީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ވިދާޅުވީ، އެއްވެސް ޕާޓީއެއް އުވާލުމަށް އީސީން ނޯޓިސް ފޮނުވާފައި ނުވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު