ކަރަންޓާއި ފެނުގެ ބިލުތައް ހިމަނައިގެން ކުންފުނިތަކުން ދޭ ހިދުމަތްތަކަށް، ބިލު ދެއްކުމުގައި ލުއިތައް ދެވޭނެ ހާލަތްތަކާއި ބިލު ނުދެއްކުމުން ހިދުމަތް ކަނޑާލަންޖެހޭ ގޮތްތައް ހިމެނޭ ގަވާއިދެއް ހަދަން ލާޒިމްކޮށް ޔުޓިލިޓީ ރެގިުލޭޓަރީ އޮތޯރިޓީގެ ބިލަށް ސަރުކާރުން އިސްލާހު ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މި ބިލުގެ ބޭނުމަކީ އާންމު ބޭނުންތަކުން ހިދުމަތް ހޯދާ ފަރާތްތަކަށް ބިލުކުރާ މުއްދަތު ތަފާތުވުމުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކަށް ބިލު ދެއްކުމުގައި ދިމާވާ ގޮންޖެހުންތަކަށް ލުއިތަކެއް ހޯދައި ދިނުމެވެ. އަދި އެ ހިދުމަތްތަކަށް ބިލު ކުރުމާ ގުޅިގެން ދިމާވާ މައްސަލަތައް ދެ ފަރާތުގެ ހައްގުތައް ހިމާޔަތްކުރެވޭ ގޮތަށް ހައްލު ކުރުމާއި ބިލިންސައިކަލް ކަނޑައެޅުމާގުޅޭ އުސޫލުތަކާއި ބިލަށް ފައިސާ ދެއްކުމަށް މަދުވެގެން ދޭންޖެހޭނެ މުއްދަތެއް ކަނޑައެޅުމާބެހޭ އުސޫލުތަކައް ގާއިމު ކުރުންވެސް މި ބިލުގެ ބޭނުންތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ބިލު ދެއްކުމުގައި ލުއިތައް ދެވޭނެ ހާލަތްތަކާއި ގޮތްތަކާބެހޭ އުސޫލުތަކާއި ބިލު ނުދެއްކުމުގެ ސަބަބުން ހިނގާ ޖޫރިމަނާ ކަނޑައެޅުމުގެ އުސޫލުތަކާއި ބިލު ނުދެއްކުމުގެ ސަބަބުން ހިދުމަތް މެދުކަނޑާލަންޖެހޭ ހާލަތްތަކަކީ ކޮބައިކަމާއި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެ ހާލަތްތަކުގައި އަމަލުކުރަންޖެހޭ އިޖުރާއަތްތަކާބެހޭ އުސޫލުތަކާއި އެނޫންވެސް އާއްމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދޭ އެންމެހައި ފަރާތްތަކުން އެއް ހަމައަކުން އަމަލު ކުރުމަށްޓަކައި އެކުލަވާލަންޖެހޭ ގަވާއިދު އެކުލަވާލުމަށް މަގުފަހިކުރުންވެސް މި އިސްލާހު ގެންނަ ހުށަހަޅާފައިވާ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.

ޔުޓިލިޓި ރެގިއުލޭޓަރީ އޮތޯރިޓީން އެކުލަވާލަން ވާނެ ކަމަށް ބިލުގައި ކަނޑައަޅާފައިވާ މި ގަވާއިދުގައި ހިމަނަންޖެހޭ ކަންތައްތައް ވެސް ބިލުގައި ވަނީ ހިމަނައިފައެވެ.

އެގޮތުން އެއްމިންވަރެއްގެ ބިލިން ސައިކަލްއެއް ކަނޑައެޅުމާގުޅޭ އުސޫލުތަކާއި ބިލު ދެއްކުމަށް މަދުވެގެން ދޭންޖެހޭނެ މުއްދަތެއް ކަނޑައެޅުމާ ގުޅޭ އުސޫލުތަކާއި ބިލު ދެއްކުމުގައި ލުއިތައް ދެވޭނެ ހާލަތްތަކާއި ގޮތްތައް އެ ގަވާއިދުގައި ބަޔާންކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ބިލު ނުދެއްކުމުގެ ސަބަބުން ހިދުމަތް މެދުކަނޑާލަންޖެހޭ ހާލަތްތަކަކީ ކޮބައިކަމާއި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެ ހާލަތްތަކުގައި ކޮންމެހެން އަމަލު ކުރަންޖެހޭ އިޖުރާއަތްތައް ހިމެނުމަށްވެސް ވަނީ ބިލުގައި ހިމަނައިފައެވެ.

މި ގާނޫނުގެ އެއްވަނަ މާއްދާގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދު، މި ގާނޫނަށް އަމަލު ކުރަންފަށާ ތާރީހުން ފެށިގެން ގިނަވެގެން ތިންމަސް ދުވަހުގެ ތެރޭގައި އެކުލަވާނެ ކަމަށްވެސް ބުނެފައިވެއެވެ.