ގއ. ވިލިނގިލީގައި ހިނގި ނުރައްކާތެރި ލޯންޗު އެކްސިޑެންޓުގައި އަނިޔާވެ ހާލު ސީރިއަސްވި މީހާ އިތުރު ފަރުވާއަށް އިންޑިއާއަށް ފޮނުވާލައިފިއެވެ.
ދެ މީހަކު މަރުވި އެ އެކްސިޑެންޓް ހިންގީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ އިރާކޮޅު ލޯންޗު ވިލިނގިއްޔަށް ވަންނަން އުޅުމުގެ ތެރޭގައި ނެރުގެ ފައިކައްޓަށް އަރައިގެންނެވެ. އެކްސިޑެންޓުގައި މަރުވީ ގއ. ވިލިނގިލީ ދޫރެސް، މިސްބާހު އަބްދުލް މުހުސިންއާއި ނ. ލަންދޫ، އުރަހަ، އަހުމަދު ޝާފިއުއެވެ.
ފަސް މީހުންނާއެކު ދަތުރުކުރި އެ ލޯންޗުން ސަލާމަތްވި ތިން މީހުންނަށް ގއ. އަތޮޅު ހޮސްޕިޓަލުން ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް އެ ރޭ ދަންވަރު ވަނީ މާލެ ގެނެސްފައެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިސަރު ހައްވާ އަފީފާ މިއަދު "ވަން" ވިދާޅުވީ، އައިސީޔޫގައި ފަރުވާދިން 30 އަހަރުގެ މީހާ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލާފައިވާ ކަމަށެވެ. އަދި އޭނާ ރާއްޖެއިން ބޭރަށް ފޮނުވާލީ ހާލު ސްޓޭބަލްވުމުން ކަމަށް ވިދާޅުވިއެވެ.
ނަމަވެސް އޭނާ ފޮނުވާލީ ކޮން ގައުމަކަށް ކަމެއް އަދި ފޮނުވާލި ދުވަހެއް ވިދާޅެއްނުވެއެވެ.
އަފީފާ ވިދާޅުވީ، އެކްސިޑެންޓުގައި މާލެ ގެނައި އަނެއް ދެ މީހުންނަށް ފަރުވާ ދިނުމަށްފަހު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު