ޚަބަރު

މިހާރު ނޫހުގެ އޮފީހަށް ވަދެ ބިރުދެއްކި މައްސަލަ ފުލުހުން ބަލަން ފަށައިފި

މުހައްމަދު ޖަމްޝަތް ވަހީދު

"މިހާރު" ނޫހުގެ އޮފީހަށް ބަޔަކު ވަދެ ބިރުދެއްކި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

މިހާރު ނޫހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ނޫހާއި އެ ނޫހުގައި މަސައްކަތް ކުރަމުން އަންނަ ނޫސްވެރިންގެ އަގު ވައްޓާލުމަށް ބަޔަކު ސާބިތު ނުހިފޭ ވާހަކަތަކެއް ފަތުރަމުން އަންނަ ކަމަށެވެ. އަދި އެ ނޫހުގެ މުވައްޒަފުންނަށް ބުލީ ކުރުމާއި ނޫސްވެރިންނަށް ކުރިމަތިވާ ފުރައްސާރައާއި ބިރުވެރިކަން ބޮޑުވެފައި ވާ ކަމަށާއި އެ ނޫހުގެ އޮފީހަށް ގޮތް ނޭނގޭ މީހުން ވަދެ ބިރުދެއްކުމުގެ އަމަލެއް ދާދިފަހުން ހިނގާފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. މިހާރު ނޫހުން ވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅައިފަ އެވެ.

ފުލުހުން މިއަދު ބުނީ މިހާރު ނޫހުގެ އޮފީހަށް ބަޔަކު ވަދެ އިންޒާރު ދީފައިވާ މައްސަލައާ ގުޅިގެން ސިޓީއެއް އިއްޔެ ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެ ސިޓީއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ.

މިހާރު ނޫހުން އިތުރަށް ބުނީ އެ ނޫހުގައި ލިޔާ އާޓިކަލްތައް، އޭގެ ހަގީގަތް އޮޅުވާލައިގެން، ސުވާލު އުފެދޭ ގޮތަށް ސޯޝަލް މީޑިއާ ޕޯސްޓްތައް ހަދައިގެންވެސް، އެ ނޫހާއި ނޫސްވެރިންނާ މެދު ނަފުރަތު އުފައްދަން ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މީގެ ކުރިން އެކަންކަމާ ގުޅިގެން އެ ނޫހުގެ ފަރާތުން އެއްވެސް ފިޔަވަޅެއް އަޅައިފައި ނުވިޔަސް، ކަންކަން އިތުރަށް ގޯސްވެ ނޫސްވެރިންނަށް ނުރައްކާވާ ހިސާބަށް ގޮސްފައި ވާތީ، އެ ނޫހާއި އެ ނޫހުގައި މަސައްކަތް ކުރާ އެއްވެސް ނޫސްވެރިޔަކާ ބެހޭ ގޮތުން ސާބިތު ނުހިފޭ އެއްވެސް ވާހަކައެއް ދައްކައިފިނަމަ، ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ބަޔާނުގައި ބުންޏެވެ.

މިހާރު ނޫހުގެ ބަޔާނުގައި އިތުރަށް ބުނީ އެ ނޫހުގެ ނޫސްވެރިން މަސައްކަތް ކުރަނީ ރާއްޖޭގެ ގާނޫނުތަކާއި ނޫސްވެރިކަމުގެ ކޯޑް އޮފް އެތިކްސްގެ ތެރޭގައި ކަމަށެވެ.