މިއަހަރުގެ ނޮވެމްބަރު އެކާވީހުން ޑިސެމްބަރު އަށާރަޔަށް ކުޅެވޭ ވޯލްޑްކަޕަކީ މިހާތަނަށް ބޭއްވޭ އެންމެ ޚަރަދު ބޮޑު ވޯލްޑްކަޕެވެ. އެންމެ އަގުބޮޑު ވޯލްޑްކަޕެވެ. ބޮޑުތަނުންނެވެ. މިއަހަރުގެ ވޯލްޑްކަޕަށް ގަތަރުން 220 ބިލިޔަން ޑޮލަރު ޚަރަދުކޮށްފިއެވެ. މިއީ 1930 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމަޔަށް މިހާތަނަށް 21 ވޯލްޑްކަޕް ބޭއްވިފައިވާއިރު އެހުރިހާ ވޯލްޑްކަޕަކަށް އެއްކޮށް ހިނގާފައިވާ ޚަރަދަށްވުރެވެސް ބޮޑު ޚަރަދެކެވެ. ކުޑަކުޑަ ހިސާބެއް ހަދައިލަމާބަހީއެވެ. އެމެރިކާގައި 1994 ވަނަ އަހަރު ބޭއްވުނު ވޯލްޑްކަޕުން ފެށިގެން ރަޝިޔާގައި 2018 ވަނަ އަހަރު ބޭއްވުނު ވޯލްޑްކަޕުގެ ނިޔަލަށް ކުޅެވުނީ ޖުމްލަ 7 ވޯލްޑްކަޕެވެ. މި 7 ވޯލްޑްކަޕަށް ޚަރަދު ކުރެވިފައިވަނީ ޖުމްލަ 44.3 ބިލިއަން ޑޮލަރެވެ. ތަފާތު މިހިރަގެން ފެންނަނީއެވެ.

ގަތަރު ވޯލްޑްކަޕަށް 220 ބިލިޔަން ޑޮލަރު ހޭދަވާއިރު ނުވަތަ ވީއިރު މީގެކުރިން ވޯލްޑްކަޕެއް ބޭއްވުމަށް އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ 2014 ވަނަ އަހަރުގެ ވޯލްޑްކަޕް ބޭއްވުމަށް ބްރެޒީލުންނެވެ. އެއީ 15 ބިލިޔަން ޑޮލަރެވެ. ރަޝިޔާގައި 2018 ގެ ވޯލްޑްކަޕް ބޭއްވުމަށް އެގައުމުން ޚަރަދުކުރީ 11.6 ބިލިއަން ޑޮލަރެވެ. ޖަޕާނާއި ދެކުނު ކޮރެޔާއިން 2002 ގެ ވޯލްޑްކަޕް ބޭއްވުމަށް ޚަރަދުކުރީ 7 ބިލިޔަން ޑޮލަރެވެ. ޖާމަނީން 2006 ގެ ވޯލްޑްކަޕް ބޭއްވުމަށް ހޭދަކުރީ 4.3 ބިލިޔަން ޑޮލަރެވެ. ދެކުނު އެފްރިކާއިން 2010 ގެ ވޯލްޑްކަޕް ބޭއްވުމަށް ޚަރަދުކުރީ 3.6 ބިލިއަން ޑޮލަރެވެ. އަދި ފްރާންސުން 1998 ގެ ވޯލްޑްކަޕް ބޭއްވުމަށް ޚަރަދުކޮށްފައިވަނީ 2.3 ބިލިޔަން ޑޮލަރެވެ. އެމެރިކާއިން 1994 ގެ ވޯލްޑްކަޕް ބޭއްވުމަށް ޚަރަދުކުރީ 0.5 ބިލިޔަން ޑޮލަރެވެ.

މިހާތަނަށް ހުރިހާ ވޯލްޑްކަޕަކަށް އެއްކޮށް ހިނގާފައިވާ ޚަރަދަށްވުރެ ދެގުނަ ނުވަތަ ތިންގުނަ ބޮޑުކޮށް ޚަރަދުކޮށްގެން ގަތަރުގައި ބާއްވާ ވޯލްޑްކަޕުގެ އިންތިޒާމުތައް ފުރިހަމަވެފައި މޮޅުވާނޭތާއެވެ. އެކަންކަން އެނގޭނީ މުބާރާތް ފެށުނީމައެވެ. ފިނިގަދަކަމުން ސްޓޭޑިއަމްގެ ތެރޭގައި ޖެކެޓްލާންވެސް ޖެހިދާނޭކަން ނޭނގެއެވެ. ގަތަރަކީ އަރަބި އިސްލާމީ ގައުމަކަށްވާތީ ބަނގުރާ ވިއްކުން އާއްމު ތަންތަނުގައި މަނަލެވެ. އެކަމަކު ވޯލްޑްކަޕް ދުވަސްވަރު ބަނގުރާ ގަނެ ވިއްކައި ބޮވޭނޭ ޚާއްސަ އޭރިޔާތަކެއް ވަނީ ކަނޑައަޅައިފައެވެ. ވޯލްޑްކަޕުގެ ދުވަސްވަރު ގަތަރުގެ ވެރިރަށް ދޯހާގެ ހަމަދު އިންޓަރނޭޝަނަލް އެއަރޕޯޓަށް ދުވާލަކު ތޭރަސަތޭކަ ފްލައިޓް ޖެއްސޭވަރަށް އެތަންވެސް ވަނީ ބޮޑުކޮށް އަޕްގްރޭޑް ކުރެވިފައެވެ. އެތައް ސަތޭކަ އައު ހޮޓަލެއް ވަނީ ބިނާކުރެވިފައެވެ.

ވޯލްޑްކަޕް މިފަހަރު ކުޅެވެނީ ވިންޓަރގައެވެ. ފިނިމޫސުމުގައެވެ. ފިނި މޫސުމޭ ބުންޏަކަސް ގަތަރަށް ސުނޯ ފައިބައި މީސްތަކުން ހީކަރުވައި މިޒާތަކުން އުޅޭކަށް ނުޖެހޭނެއެވެ. ދެންވެސް ހޫނުވާނެއެވެ. ވިންޓަރގައި ގަތަރުގެ ހޫނުމިން ސަމަރއަށްވުރެ ތިރިވާނީ ކުޑަ ތަންކޮޅެކެވެ. އެހެންވީމާ ދެންވެސް ޔޫރަޕުގެ ނިސްބަތުން ގަތަރުގެ ހޫނުމިން ވަރަށް މަތިވާނެއެވެ. މިކަން ހައްލުކުރުމަށް ގަތަރުން ކުރާކަމަކީ ވޯލްޑްކަޕުގެ މެޗުތައް ކުޅެވޭ ހުރިހާ ސްޓޭޑިއަމެއްވެސް އެއަރކޮންޑިޝަން ކުރުމެވެ. މިއީ ވަރަށްވެސް ބޮޑު ޚަރަދެކެވެ. މުޅިން އައު 8 ސްޓޭޑިއަމް ބިނާކުރުމަކީ ކުޑަ ޚަރަދެއް ނޫނެވެ. މިދައްކަނީ އެއަރކޮންޑިޝަން ކުރެވިފައިވާ އެންމެ ޒަމާނީ ސްޓޭޑިއަމްތަކުގެ ވާހަކައެވެ. މިއީ މިހާތަނަށް އެއްވެސް ވޯލްޑްކަޕެއްގައި އަދި އެހެން މުބާރާތެއްގައިވެސް ކޮށްފައިނުވާ އައުކަމެކެވެ. އެހެންވީމާ ޚަރަދު ބޮޑުވާނެތާއެވެ.

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް އާއްމުގޮތެއްގައި މިހާތަނަށް ބާއްވަމުން އައީ ދުނިޔޭގެ އުތުރުބިތުގެ ގައުމުތަކަށް ހޫނު މޫސުމުގައެވެ. ސަމަރގައެވެ. އެއީ ޖޫންމަހުގެ ފަހުކޮޅުން ސެޕްޓެމްބަރުގެ ފަހުކޮޅަށް އަންނަ މޫސުމެވެ. މިހާތަނަށް 21 ވޯލްޑްކަޕް ބޭއްވިފައިވާއިރު އެއިން ކޮންމެ ވޯލްޑްކަޕެއްވެސް ބޭއްވުނީ ހޫނު މޫސުމުގައެވެ. ސަމަރގައެވެ. އެހެންނަމަވެސް ގަތަރުގައި މިފަހަރުގެ ވޯލްޑްކަޕް ބާއްވަނީ ދުނިޔޭގެ އުތުރުބިތުގެ ގައުމުތަކަށް ފިނި މޫސުމުގައެވެ. ވިންޓަރގައެވެ. ވިންޓަރއަކީ ޑިސެމްބަރާއި ޖަނަވަރީޔާއި ފެބްރުއަރީ، މި ތިން މަހެވެ. މިއީ ފިނި މޫސުމުގެ ފުރަތަމަ ވޯލްޑްކަޕެވެ. ވިންޓަރގައި ވޯލްޑްކަޕް ބޭއްވުމުގެ ސިއްރަކީ ސަމަރގައި ގަތަރުގެ ހޫނުކަން ޔޫރަޕުގެ ކުޅުންތެރިންނަށް ބަރުދާސްތު ނުކުރެވޭނެތީއެވެ. ކުޅުންތެރިންގެ ސިއްހަތަށް ވިސްނައިގެންނެވެ.

މެދުއިރުމަތީގެ ގައުމެއްގައި ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ބޭއްވުމަކީ ފީފާގެ ވައުދުތަކުގެ ތެރެއިން ވަރަށް ޒަމާންވީ ވައުދެކެވެ. މިވައުދު މިއަހަރު ހަގީގަތަކަށް މިވަނީއެވެ. ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް މިފަހަރު ބާއްވަނީ ގަތަރުގައެވެ. މެދުއިރުމަތީގައެވެ. ހުޅަނގު އޭޝިޔާ ސަރަހައްދުގައެވެ. ގަތަރުގައި ވޯލްޑްކަޕް ބާއްވަން ފީފާއިން ނިންމީ 2010 ވަނަ އަހަރުގައެވެ. އެގޮތަށް ނިންމިއަސް ފީފާގެ އޭރުގެ ރައީސް ސެޕް ބްލެޓަރ މިހާރު ވިދާޅުވަނީ ފީފާއަށް ހެދިފައިވަނީ ގޯހެއްކަމުގައެވެ. ގޯހަކަށް ވިޔަސް ނުވިޔަސް މިއީ މެދުއިރުމަތީގައި ބޭއްވޭ ފުރަތަމަ ވޯލްޑްކަޕެވެ. އޭޝިޔާގައި ބޭއްވޭ ދެވަނަ ވޯލްޑްކަޕެވެ. މީގެ ބަރާބަރު ވިހި އަހަރު ކުރިން 2002 ވަނަ އަހަރުގެ ވޯލްޑްކަޕް ބޭއްވުނީ އޭޝިޔާގައެވެ. އިރުމަތީ އޭޝިޔާއިން ދެކުނު ކޮރެޔާއާއި ޖަޕާނުގައެވެ.