ޚަބަރު

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގުރާމްގައި ބައިވެރިވާން ހުޅުވާލައިފި

މުހައްމަދު އިޝާން

ދިރާގް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މި އަހަރުގެ އިންޓޭކްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިރާގުން މިއަދު ބުނީ، އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ޒުވާނުން ބާރުވެރި ކުރުމަށް އެކުންފުނިން ކުރިއަށްގެންދާ ސީއެސްއާރުގެ މުހިންމު އެއް އިސްނެގުމެއް ކަމަށެވެ. އަދި އެ ޕްރޮގްރާމްގެ މަގުސަދަކީ ސްޓްރަކްޗާޑް އެޑިއުކޭޝަނަލް ޓްރެއިނިން ޕްރޮގްރާމްތަކުގެ ތެރެއިން ޒުވާނުން ތަރައްގީ ކުރުން ކަމަށެވެ. އަދި ޒުވާނުންގެ ހުނަރުތައް އިތުރުކޮށް، އެ ހުނަރުތައް ކޯޕަރޭޓް މަސައްކަތުގެ މާހައުލަށް އަހުލުވެރިކުރުން ކަމަށެވެ.

މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި މާލެ، ބ. އޭދަފުށީ، ފުވައްމުލަކު ސިޓީ، ލާމު އަތޮޅުގެ އިތުރުން ކުޅުދުއްފުށި ސިޓީގެ އޮޕަރޭޝަން ސެންޓަރުތަކުގައި ވެސް ބައިވެރިވެވޭނެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ 18 އަހަރާއި 30 އަހަރާއި ދެމެދުގެ އޭލެވެލް ފުރިހަމަކޮށްފައިވާ، ފުލްޓައިމް ވަޒީފާއެއް އަދާ ނުކުރާ މީހުންނަށް ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ، އެ ޕްރޮގްރާމްގެ ދަށުން ބައިވެރިންނަށް އެކި ދާއިރާތަކުން ތަޖުރިބާ އާއި ތަމްރީނު ލިބިގެންދާނެ ކަމަށެވެ. އެގޮތުން އެޑްމިނިސްޓްރޭޝަން، ސްޓޯސް އެންޑް ޕްރޮކިއުމަންޓް، ކޯޕަރޭޓް ސާވިސަސް، ފައިނޭންޝަލް އެކައުންޓިން، ކްރެޑިޓް ކޮންޓްރޯލް އެންޑް ކަލެކްޝަންސް އަދި މޮބައިލް ރޭޑިއޯ ނެޓްވޯކްސްގެ ދާއިރާއިން ތަޖުރިބާ ލިބިގެންދާނެއެވެ.

މީގެ އިތުރުން ފިކްސްޑް މޮބައިލް އެންޑް ޓީވީ ކޯ، ކޮންސިއުމާ ސާވިސަސް، ސޭލްސް، މާކެޓް ރިސާޗް އެންޑް އެނަލިސިސް، މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް، އިންފޮމޭޝަން ސިސްޓަމްސް، އަދި ރޯމިން އެންޑް ކެރިއާ ސާވިސަސްގެ ދާއިރާއިން ތަޖުރިބާ ލިބިގެންދާނެ ކަމަށ\ް ދިރާގުން ބުންޏެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހު ނުވަ ދުވަހު ދިރާގުގެ ހެޑް އޮފީހުގައި ކުރިއަށްދާ ވޯކް-އިން އިންޓަވިއުއަށް ސީވީ އާއި ސަޕޯޓިން ޑޮކިއުމެންޓުތަކާ އެކު އައުމަށް ދިރާގުން ވަނީ އެދިފައެވެ. އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ޖޮބް ފެސްޓިވަލުން ވެސް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ މައުލޫމާތު ލިބޭނެ ކަމަށެވެ.

ދިރާގުން އަންނަނީ 2009 ވަނަ އަހަރުން ފެށިގެން ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގަމުންނެވެ. މިހާތަނަށް 228 ފަރާތަކުން އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވެފައިވާ އިރު، އޭގެ ތެރެއިން ބައެއް ފަރާތްތަކުން ދަނީ މިހާރު ދިރާގުގެ އެކި މަގާމުތަކުގައި ވެސް ވަޒީފާ އަދާކުރަމުންނެވެ.