މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްސީސީ)ގެ ރައީސް ޝަހުބާން ފަހުމީގެ މަގާމުން އިސްތިއުފާ ދިނުމަށް އެ ކައުންސިލްގެ މެމްބަރުން ގޮވާލައިފިއެވެ.

މީޑިއާ ކައުންސިލްގެ ނުވަ މެމްބަރަކު ސޮއިކޮށް މިއަދު ނެރުނު ގަރާރެއްގައި ބުނީ، ޝަހުބާންގެ ހިއްސާ އޮންނަ ކުންފުންޏެއްގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ ތުހުމަތަކީ ރާއްޖޭގެ ބޮޑެތި ގިނަ ނޫސްވެރިންގެ އިތުރުން މީޑިއާ ކައުންސިލްގެ ގިނަ މެމްބަރުން ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

މީޑިއާގެ އަހުލާގީ ހަމަތައް ކަނޑައަޅައި އަދި ބެލެނިވެރި މުއައްސަސާއެއްގެ އެންމެ އިސް މަގާމުގައި ހުންނެވި މީހަކަށް އެފަދަ ތުހުމަތުތަކެއް ކުރެވުމަކީ މުއައްސަސާގެ އަގު ހިފެހެއްޓުމުގެ ގޮތުންވެސް އިސްތިއުފާ ދެއްވަން ޖެހޭ ސަބަބެއް ކަމަށް މީޑިއާ ކައުންސިލްގެ މެމްބަރުން ބުންޏެވެ.

"މިކަމާ ގުޅިގެން މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމިއާ ކުރެވުނު މަޝްވަރާތަކުގައި މަގާމުން އިސްތިއުފާ ދިނުމާ މެދު ވިސްނައިވަޑައިގަތުމަށް އެއްބަސްވެފައިވާ މުއްދަތު މިއަދު ހަމަވި އިރުވެސް އިސްތިއުފާ ދެއްވާފައި ނުވާތީ މިހިނދުން މިހިނދަށް ޝަހުބާން ފަހުމީ އެ މަގާމުން އިސްތިއުފާ ދެއްވުމަށް އަޅުގަނޑުމެން ގޮވާލަން،" މީޑިއާ ކައުންސިލްގެ މެމްބަރުން ނެރުނު ގަރާރުގައިވެއެވެ.

ޝަހުބާންގެ އިތުބާރު ނެތްކަމުގެ ވޯޓެއް މީޑިއާ ކައުންސިލްގެ މެމްބަރުން ވަނީ މޭ މަހުގެ 23 ވަނަ ދުވަހު ނަގައިފައެވެ.

ޝަހުބާން ވަކިކުރުމުގެ މައްސަލަ ކައުންސިލަށް ހުށަހެޅުއްވީ މެމްބަރު މުހައްމަދު ޝާފިއުއެވެ. އަދި އެ ހުށަހެޅުމަށް ތާއީދުކުރެއްވީ މެމްބަރު މުހައްމަދު ޝަފާއު ހަސަނެވެ.

އެމްއެމްސީގެ ގާނޫނު ބުނާގޮތުން ރައީސްގެ މަގާމުގައި ހުރި ކަމުގައިވިޔަސް، އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ މެމްބަރުކަމުގެ މަގާމުން ވަކިކުރުމަށެވެ. އަދި މެމްބަރުކަމުން ވަކިކުރެވޭނީ ކައުންސިލު މެމްބަރުންގެ ތިން ބައިކުޅަ ދެބައި ވޯޓު ލިބިގެންނެވެ. އެއީ 15 މެމްބަރުންގެ ތެރެއިން ދިހަ މެމްބަރުންގެ ވޯޓެވެ.

އެ ބައްދަލުވުމުގައި މެމްބަރުން ބަހުސްކުރުމަށްފަހު ނެގި ސިއްރު ވޯޓުގައި ޝަހުބާން މެމްބަރުކަމުން ވަކިކުރަން ބޭނުންވާ އަދަދަށް ވޯޓު ލިބިފައެއް ނުވެއެވެ. ޝަހުބާން ވަކިކުރުމަށް ފެންނަ ކަމަށް ވޯޓު ދީފައިވަނީ އަށް މެމްބަރެކެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދިނީ ހަތަރު މެމްބަރެކެވެ. ދެ މެމްބަރަކު ޖަލްސާގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ. ޝަހުބާން ވަކި ނުކުރެވި އިތުބާރު އޮތްކަމަށް ނިމުނީ ދެ މެމްބަރުންގެ ވޯޓު މަދުވެގެންނެވެ.

ޝަހުބާންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ތުހުމަތާ ގުޅިގެން އޭނާ ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ފުލުހަށް ވެސް ހާޒިރުކޮށްފައެވެ.

މަނީ ލޯންޑަރިންގެ ތުހުމަތުކޮށް ފުލުހަށް ހާޒިރުވުމަށް ޝަހުބާންއަށް ފޮނުވި ޗިޓުގައި ފުލުހުން ބުނެފައިވަނީ އޭނާ ހާޒިރުކުރަނީ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާއްމުކޮށް ހުޅުވާލައިގެން ރާއްޖޭގެ މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ހިލާފަށް އިންވެސްޓްމެންޓް ސްކީމެއް ތައާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާ ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށެވެ.

އަލްހާން އާއި އޭނާގެ ބޭބެ، ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީގެ ހިއްސާ އޮންނަ ކިންގްސް ކުންފުނިން ޕޮންޒީ ސްކީމެއް ހިންގާ ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ އިރު، ރަޖިސްޓްރީކޮށްފައި ނުވާ ސްކީމްތަކުގައި އިންވެސްޓް ކުރުމުގެ ސަބަބުން މާލީ ގެއްލުމެއް ލިބިފައިވާނަމަ އެކަން ހިއްސާކުރަން ކެޕިޓަލް މާކެޓު ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ވަނީ އެދިފައެވެ.

އެ ޕޮންޒީ ސްކީމެއްކަން އާންމުންގެ ސަމާލުކަމަށް ފުރަތަމަ ގެނެސްފައިވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭ އިންނެވެ.