ޓެނިސް

ވަރުގަދަ ޖޮކޮވިޗް ބަލިކޮށް، ކްލޭގެ ރަސްގެފާނު ނަޑާލް ސެމީއަށް

ފްރެންޗް އޯޕަން ރޮލަން ގަރޮސްގެ ކުއާޓާ ފައިނަލުގައި ރޭ ކުޅުނު ފޯރިގަދަ ކުއާޓާ ފައިނަލް މެޗުގައި އެއް ނަންބަރު ކުޅުންތެރިޔާ، ނޯވަކް ޖޮކޮވިޗްގެ މައްޗަށް ކްލޭގެ ރަސްގެފާނު ރަފޭލް ނަޑާލް ކުރި ހޯދައިފިއެވެ.

ދުނިޔޭގެ ޓެނިހުގައި މިވަގުތު ތިބި އެންމެ ވާދަވެރި ދެ ކުޅުންތެރިން ކަމަށްވާ ނަޑާލްއާއި ޖޮކޮވިޗް ރޭ ކުޅުނު މެޗުގައި ނަޑާލް ކުރި ހޯދީ ތިން ސެޓު އެއް ސެޓުންނެވެ. ފަހު ސެޓު ނަޑާލް ހޯދީ ޓައި ބްރޭކަށްވެސް ގޮސްގެންނެވެ. ޖުމުލަ ހަތަރު ގަޑިއިރަށް ދެމިގެން ދިޔަ މެޗުގެ ނަތީޖާއާއެކު ނަޑާލް ވަނީ 14 ވަނަ ފްރެންޗް އޯޕަންއަށް ފުރުސަތު ބޮޑުކޮށްފައެވެ.

ހުކުރު ދުވަހު އޮންނަ ސެމީގައި ނަޑާލް ނުކުންނަން ޖެހޭނީ އެލެކްސެންޑްރާ ޒިވެރޭވްއާ ދެކޮޅަށެވެ. އޭނާ ސެމީއަށް ދިޔައީ ސްޕެއިންގެ ޒުވާން ތަރި ކާލޯސް އަލް ކަރޭޒް ބަލިކޮށްފައެވެ.

ރޭގެ މެޗު ވަރުގަދަކޮށް ފެށީވެސް ނަޑާލްއެވެ. ފުރަތަމަ ޖޮކޮވިޗް ކުރި ސާވިސްއިން ސެޓް ބްރޭކުކޮށް، ނަޑާލް އެ ސެޓު ގެންދިޔައީ 6-2 އިންނެވެ. ދެވަނަ ސެޓުގައިވެސް ފުރަތަމަ ސާވިސްއިން ނަޑާލް ސެޓް ބްރޭކްކޮށް، އެ ސެޓު ގެންދިޔައީ 6-4 އިންނެވެ. ތިންވަނަ ސެޓުގެ ފުރަތަމަ ދެ ގޭމް ނަޑާލް ގެންދިޔަނަމަވެސް ފަހަތުން އަރައި ޖޮކޮވިޗް ވަނީ ހިތްވަރުކޮށްފައެވެ. އެ ސެޓު ޖޮކޮވިޗް ގެންދިޔައީ 6-2 ގެ ނަތީޖާއަކުންނެވެ.

އެ ހިސާބުން މެޗުގެ ފޯރިގަދަވެ، ހަތަރުވަނަ ސެޓުވީ ޝައުގުވެރިވި ސެޓަކަށެވެ. ފޯރިގަދަކޮށް ދިޔަ އެ ސެޓު ޓައިބްރޭކަށް ގޮސް ނަޑާލް ކާމިޔާބުކުރީ 7-6 (7-4) ގެ ނަތީޖާއަކުންނެވެ.

މިހާތަނަށް 21 ގްރޭންޑް ސްލޭމް ހޯދާފައިވާ ނަޑާލް ފްރެންޗް އޯޕަންގެ ކްލޭ ކޯޓުގައި 113 މެޗު ކުޅެ، ބަލިވެފައިވަނީ އެންމެ ތިން މެޗުންނެވެ. އެ ތިން މެޗުގެ ތެރޭގައި މިދިޔަ އަހަރު ސެމީ ފައިނަލުގައި ޖޮކޮވިޗް އަތުންވި ބަލި ހިމެނެއެވެ. ޖޮކޮވިޗާއި ނަޑާލްގެ ތާރީހަށް ބަލާ އިރު، ހެޑްޓު ހެޑް ނަތީޖާއިން ޖޮކޮވިޗް ކުރީގައި އުޅެނީ އެންމެ މެޗެވެ. އެއީ 30-29 މެޗުންނެވެ.