ސަރުކާރުގެ ވައުދު ފުއްދުމުގެ ސްޕީޑް މިވަގުތު މަޑުޖައްސާލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި، މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާ ކުރެއްވި ސުވާލަށް އަސްލަމް ދެއްވި ޖަވާބާ ގުޅިގެންނެވެ.
މެންބަރު ސަލީމު މިނިސްޓަރާ ސުވާލު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުފުޅުގައި މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ވައުދުފުޅުތައް ފުއްދަވައި ދެއްވުމުގެ ޔަގީންކަން ދެއްވުމާ ބެހޭގޮތުންނެވެ.
ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާވެސް އަދި އެމްޑީޕީންވެސް ވެފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރުގެ ހުރިހާ ވުޒާރާއަކުން ގަދަ އަޅާ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިނިސްޓަރު ދެއްވި ޖަވާބާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، މިނިސްޓަރު އަސްލަމްގެ ވުޒާރާއިންނާއި ދައުލަތުގެ އެހެނިހެން ވުޒާރާތަކުންވެސް ވައުދުތައް ފުއްދަމުންދާކަމީ ޝައްކު އުފެދޭ ކަމެއް ނޫން ކަމަށެވެ.
ނަމަވެސް ރާއްޖޭގޭ މާލީ ހާލާތާއި ދުނިޔޭގެ އިގުތިސާދަށް އަންނަމުންދާ ބަދަލުތަކާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިއުމާ ގުޅިގެން ދުނިޔޭގެ މަސްރަހަށް އަންނަމުންދާ ބަދަލާ ގުޅިގެން މިވަގުތު ސަރުކާރުން ވައުދުތައް ފުއްދުމުގެ ސްޕީޑް މަޑުޖައްސާލުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.
"މިވަގުތު ރާއްޖޭގެ މާލިއްޔަތަށާއި ދުނިޔޭގެ ކަންކަމަށް އަންނަ ބަދަލުތަކާއި އަދި ދުނިޔޭގެ އިގުތިސާދަށް ހާއްސަކޮށް ތެލުގެ އަގު 121 ރުފިޔާއަށް އިއްޔެގައި އަރައިފި، އަދި އަޅުގަނޑުމެންގެ އަވައްޓެރި ގައުމެއް އެ އުޅެނީ ވަރަށް ބޮޑަށް ދަރަނީގެ ދަތީގައި، މީ އަޅުގަނޑުމެން ވިސްނުންތެރިކަމާ އެކީގައި ތިބެންވީ ވަގުތެއް. އަޅުގަނޑު ދެކޭ ގޮތުގައި ޕްރޮޖެކްޓުތައް މަޑުޖައްސާލުމަކީ ބޭނުންތެރިކަމެއް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ޕްރޮޖެކްޓްތައް ހުއްޓާލުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި ސަރުކާރަށް ދަތިވާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް މިއީ ބާރަށް ކޮންކްރީޓުގެ ޕްރޮޖެކްޓްތައް ހިންގަންވީ ވަގުތު ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު