ގެއިން ބޭރަށް ނުކުތުން މަނާކޮށް، ކުރިމިނަލް ކޯޓުން ނެރުނު މޮނިކޮން އަމުރާ ހިލާފުވެގެން، ރ. ކަނދޮޅުދޫ، ފެހިވިލާ، އިބްރާހިމް އަހުސަން މުހައްމަދު 18 މަސްދުވަހު ޖަލަށްލުމަށް ހުކުމް އިއްވައިފިއެވެ.
އަހުސަން އަކީ ހުޅުމާލޭގެ ތިން ސަރަހައްދަކުން ޓޫރިސްޓުންނަށް ހަމަލާ ދިން މައްސަލައެއްގައި ހައްޔަރު ކުރި މީހެކެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ދީނީ ހަރުކަށި ފިކުރު ފަތުރާކަމުގެ ތުހުމަތާ އެކު، އެ މައްސަލައިގައި އޭނާއާއެކު އަށް މީހަކު ފުލުހުން ހައްޔަރު ކުރިއެވެ. އެއީ 2020 ވަނަ އަހަރުގެ ފެބްރުއަރީ ހަތަރުވަނަ ދުވަހުއެވެ.
އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ނުކުރަން ނިންމި ނަމަވެސް ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް މޮނިކޮން އަމުރެއް ނެރުނެވެ.
ކޮންމެ ދުވަހެއްގެ ރޭގަނޑު 8:30 އިން ފަތިސް 5:00 އަށް ގެއިން ބޭރަށް ނުކުތުން މަނާކޮށް މެއި 7، 2020 ގައި ނެރުނު އެ އަމުރާ ހިލާފުވެ ޑިސެމްބަރު 30، 2020 ގައި ގެއިން ބޭރަށް ނުކުތް ކަމަށް ބުނެ އަހްސަންގެ މައްޗަށް މޮނިކޮން އަމުރާ ހިލާފު ވުމުގެ ދައުވާ ދައުލަތުން އުފުލިއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑު އެހުމުގައި، މައްސަލަ ބެއްލެވި ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ ދައުވާއަށް އަހުސަން އިންކާރު ކުރި ނަމަވެސް ދައުލަތުން ހުށަހެޅި ހެކިތަކުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.
އެހެންކަމުން 18 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި، ހުކުމް ތަންފީޒު ކުރުމުގެ މުއްދަތުން 17 މަސް އުނިކޮށް ޖަލުގައި ތަންފީޒު ކުރަން ޖެހޭނީ އެއް މަސް ދުވަސް ކަމަށް ހުކުމްގައި ވަނީ ކަނޑައަޅައިފައެވެ. އެއީ އެ މައްސަލައިގެ ބަންދުގައި އޭނާހުރި ދުވަސްތައް ކެނޑުމަށްފަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު