އެސްޓީއޯއިން ހުޅުމާލޭގައި ހަދަން ފަށާފައިވާ ސިޓީ ހޮޓާ ތަރައްގީކުރަން އެޗްޑީސީން އިންވެސްޓަރަކު ހޯދާފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމުގެ ސިނާއަތަށް ނުކުތުމުގެ ބޭނުމުގައި އެސްޓީއޯ އިން 25 އަހަރުގެ މުއްދަތަކަށް ހުޅުމާލެއިން ބިމެއް ކުއްޔަށް ނަގައި, އެތަނުގައި ހޮޓާ ތަރައްގީ ކުރަން ނިންމީ 2006 ވަނަ އަހަރުގެ ތެރޭގައެވެ.
އެކަމަށް 60 މިލިއަން ޑޮލަރުގެ ބަޖެޓެއް ފާސްކޮށް, ފުރަތަމަ މަސައްކަތް ފެށީ އެމެރިކާގެ ކާލްސަން ހޮޓެލް ގުރޫޕާއެެކުއެވެ. އެގޮތުން އެ ކުންފުންޏާއެކު 2008 ވަނަ އަހަރު ސޮއިކޮށް, 2012 ވަނަ އަހަރު 250 ކޮޓަރީގެ ފަސް ތަރީގެ ހޮޓަލެއް ތަރައްގީކުރަން ފެށިއެވެ.
އެފަހުން އެކި ސަބަބުތަކާ ހުރެ ފަހުން އެތަނުގެ މަސައްކަތް ހުއްޓިފައި އޮންނާތީ, 2014 ވަނަ އަހަރު ރައީސް އޮފީހުން އަންގައިގެން ހޮޓަލުގެ މަސައްކަތް ހުއްޓާލިއެވެ. އަދި ފަހުން 2016 ވަނަ އަހަރު ހޮޓާ ވިއްކާލަން ނިންމި ނަމަވެސް, އެތަން ގަންނާނެ ކުންފުންޏެއް ނުވިއެވެ.
ރޭ ކްރޮސްރޯޑްސްގައި ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަމްރު ވިދާޅުވީ, ކޮވިޑުގެ ކުރިން 2019 ވަނަ އަހަރު އެސްޓީއޯގެ ހޮޓާ ގަތުމަށް އިންވެސްޓަރު ލިބުނު ނަމަވެސް އެތަން ވިއްކާލުމުގެ އެއްބަސްވުމާ ހަމައަށް ގޮސްފައި ވަނިކޮށް ކޮވިޑް ފެތުރި އެ އިންވެސްޓް ނުކުރަން އިންވެސްޓަރު ނިންމި ކަމަށެވެ.
އެފަހުން އެތަން ވިއްކާލުމުގެ މަސައްކަތް ކުރަމުން އައީ އެޗްޑީސީއާއެކުގައި ކަމަށާއި އެކުންފުނިން މިހާރު އެތަނަށް އިންވެސްޓަރަކު ހޯދާފައިވާ ކަމަށް އަމްރު ވިދާޅުވިއެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް ނުދެއްވައެވެ.
"މިހާރު ވާނީ އެޗްޑީސީއާއެކީގައި އެރޭންޖުމަންޓަކަށްވެސް އައިސްފައި. އެޗްޑީސީން އިންވެސްޓަރަކު ހޯދައިފި. އެކަން ނިމުމާއި އެކީގައި އެސްޓީއޯއަށް އެ ހޮޓަލުން އަތް ދޫކޮށްލެވޭނެ،" އަމްރު ވިދާޅުވިއެވެ.