ސްކައުޓް ހަރަކާތްތައް ބޭއްވުމަށް ކުރިންވެސް އޮތްފަދައިން މާލެ ކައިރި ސަރަހައްދުން ދަތުރުދާނެ ރަށެއް އެޑިއުކޭޝަން މިނިސްޓްރީއާ ލަސްތަކެއްނުވެ ހަވާލުކޮށްދެއްވާނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އެގޮތަށް ވިދާޅުވީ ދިވެހި ސްކައުންޓް ހަރަކާތަށް 66 އަހަރުފުރޭ މުނާސަބާ ފާހަގަކުރުމަށް މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ސްކައުޓް ގާލާ ނައިޓްގައި ޗީފް ސްކައުޓްގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ޖަލްސާގައި ރައީސް ވިދާޅުވީ، ސްކައުޓް ހަރަކާތުގެ ހަގީގީ ބޭނުމަކީ ގައުމު ބިނާކުރުމަށް އަހުލުވެރިވެފައިވާ ޒުވާނުންތަކެއް ތައްޔާރު ކޮށްދިނުންކަމަށެވެ. ސްކައުޓް ހަރަކާތުގެ ބާނީން ކުރެއްވި މަސައްކަތަކީ ވެސް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް ގާބިލު، އަދި ގައުމުދެކެ ލޯބިވާ، ގައުމުގެ ދިފާއުގައި މަސައްކަތްކުރާ ޒުވާނުންތަކެއް ބިނާކުރުންކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސްކައުޓް ހަރަކާތް މިހާރަށްވުރެ ފުޅާކުރެވިއްޖެނަމަ މުޖްތަމައުގައި އަށަގަނެފައިވާ މަސްތުވާތަކެތީގެ މައްސަލަތަކާއި ގޭންގު ކުށްތަކާއި ގެވެށި އަނިޔާގެ މައްސަލަތަކާއި ޖިންސީ ގޯނާގެ މައްސަލަތަކަށް ވެސް، އެދެވޭ ހައްލެއް ފެންނާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
ރާއްޖޭގައި ސްކައުޓް ހަރަކާތް މިހާރު ކުރިޔަށްދާ ގޮތުގެ މައްޗަށް އަލިއަޅުއްވައިލައްވައި ރައީސް ވިދާޅުވީ ރާއްޖޭގައި އެ ހަރަކާތް އާންމުގޮތެގައި ކުރިޔަށްގެންދަނީ ސްކޫލް ކުދިންގެ މެދުގައި ގްރޭޑް 10 ނުވަތަ ގްރޭޑް 12 ނިމެންދެން ކަމަށެވެ. އެއަށްފަހު އެފަދަ އެއްވެސް ހަރަކާތެއްނެތި ހުސްކަމެއްގެ ތެރޭގައި ކުދިން ތިބެންޖެހުމުން މަސްތުވާތަކެއްޗާއި ގޭންގްކުށްތަކާއި އަދި އެ ނޫންވެސް މުޖުތަމައުގައި ހުރި ނުރަނގަޅު ކަންކަމުގެ ތެރެއަށް ކުދިން ވަންނަން މެދުވެރިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ޒުވާނުންގެ ތެރޭގައި، އެފަދަ ހުސްކަމެއްގައި ބާކީވެފައި ތިބި ޒުވާނުންނަށް ސްކައުޓް ހަރަކާތް އަމާޒުކުރެވިއްޖެ ނަމަ، ނޭދެވޭ ކަންކަމާ ޒުވާނުންދުރުކޮށް، އެފަދަ ކަންކަމުގެ ތެރޭގައި ޝާމިލުވާ ޒުވާނުންގެ އަދަދު މަދުކުރެވިދާނެކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ސްކައުޓް ހަރަކާތުގެ ހަގީގީ ބޭނުމަކީ އެފަދަ އިޖްތިމާއީ މައްސަލަތަކަށް ހައްލު ހޯދައިދީ ގައުމު ބިނާކުރުމަށް އަހުލުވެރިވެފައިވާ ޒުވާނުންތަކެއް ތައްޔާރުކޮށްދިނުންކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އެމަނިކުފާނު ފާހަގަކުރެއްވި ކަންކަމަށް އަމާޒުކޮށްގެން ސްކައުޓް ހަރަކާތްތައް ރާއްޖޭގައި ފުޅާކުރުމަށްޓަކައި، ސަރުކާރުގެ ފަރާތުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި އެމަނިކުފާނު ފާހަގަކުރެއްވި ކަންކަމުގެ މައްޗަށް ވިސްނުން ގެންގުޅުއްވުމަށް ސްކައުޓް ހަރަކާތުގެ އިސް ބޭފުޅުންނާއި ސްކައުޓް ކައުންސިލުގެ ބޭފުޅުންގެ ކިބައިން ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ރައީސް ވަނީ ސްކައުޓުންގެ ފަރާތުން އެމަނިކުފާނަށް ހުށައަޅުއްވާފައިވާ ކަންކަމަށް މިހާރުވެސް ސަރުކާރުން އަމަލީ ސިފަ ގެންނަވަމުން އަންނަކަން ފާހަގަކުރައްވައި ސްކައުޓުން ކޭމްޕް، ޖަމްބަރީފަދަ ހަރަކާތްތައް ބޭއްވުމަށް ކުރިންވެސް އޮތްފަދައިން މާލެ ކައިރި ސަރަހައްދުން ދަތުރުދާނެ ރަށެއް އެޑިއުކޭޝަން މިނިސްޓްރީއާ ލަސްތަކެއްނުވެ ހަވާލުކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.
އެ ޖަލްސާގައި، ސްކައުޓް ހަރަކާތުގެ އެންމެ މަތީ ޝަރަފުކަމުގައިވާ "ސިލްވަރ ޓޫނާ" އެވޯޑް ހާސިލުކުރެއްވި ސްކައުޓުންނާއި ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް އެވޯޑް ހާސިލުކުރި ސްކައުޓުންނަށް ބެޖާއި ޝަރަފުގެ ލިއުން ހަވާލުކޮށްދެއްވީ ރައީސް އެވެ.