ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން އާންމުންނަށާއި ދަރިވަރުންނަށް ހާއްސަކޮށްގެން މާދަމާ ބާއްވަން ހަމަޖެހިފައިވާ "ފަހި ފުރުސަތު" ޖޮބް ފެސްޓިވަލް ފަސްކޮށްފިއެވެ.

އެމްއެންޔޫން މިއަދު ކުރި ޓުވީޓެއްގައި ބުނީ، މާދަމާ ބާއްވަން ހަމަޖެހުނު "ފަހި ފުރުސަތު" ޖޮބް ފެސްޓިވަލް މޫސުން ގޯސްވުމުގެ ސަބަބުން ބުދަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.

"ފަހި ފުރުސަތު" ޖޮބް ފެސްޓިވަލް އޮންނާނީ ނަ ބުދަ ދުވަހުގެ ހަވީރު 04:00 އިން ރޭގަނޑު 10:00 ކަމަށް ވެސް އެމްއެންޔޫ އިން ބުންޏެވެ.

އެމްއެންޔޫން ކުރިއަށް ގެންދާ މި ޖޮބް ފެސްޓިވަލްގައި އަމިއްލަ ކުންފުނިތަކާއި ސަރުކާރު ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ ބައެއް މުއައްސަސާތައް ބައިވެރިވާނެއެވެ.

އޭގެ ތެރޭގައި، އިކޮނޮމިކް މިނިސްޓްރީ، ހެރިޓޭޖް މިނިސްޓްރީ، ޔޫތް މިނިސްޓްރީ، ހެލްތް މިނިސްޓްރީ އަދި ހައުސިން މިނިސްޓްރީ، ޕީއެސްއެމް، އުރީދޫ، ދިރާގު، މިފްކޯ، ޓްރީޓޮޕް ހޮސްޕިޓަލް، އައިޖީއެމްއެޗް، އެމްޑަބްލިއުއެސްސީ، އެމްޓީސީސީ، އެމްއެމްޕީއާރްސީ އަދި އެމްއޭސީއެލް ހިމެނެއެވެ.

އަމިއްލަ ފަރާތަތަކުގެ ތެރޭގައި ސީކްރެޓް ޕެރެޑައިސް މޯލްޑިވްސް އާއި ކޮންސްޓެންސް މޫފުށި ރިސޯޓުގެ އިތުރުން އެހެން ރިސޯޓުތައް ވެސް ބައިވެރިވާނެކަމަށް އެމްއެންޔޫން ބުންޏެވެ.

މިއީ އެމްއެންޔޫއިން ބާއްވާ ފުރަތަމަ ޖޮބް ފެސްޓިވަލްއެވެ.

އެ ޖޮބް ފެސްޓިވަލް ބޭއްވުމުގެ ބޭނުމަކީ، ވަޒީފާ އުފައްދާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކާއި ދަސްވެނިވަމުން އަންނަ ދަރިވަރުން އަދި ވަޒީފާ ހޯދާ ފަރާތްތަކަށް ފަސޭހައިން ވަޒީފޭ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށް އެމްއެންޔޫން ބުނެއެވެ.

މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައްޔާއި މާލޭގައި ހުރި ވަޒީފާގެ ފުރުސަތުތައް އާއްމުންނަށް ދައްކާލުމާއި ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި އުފެއްދުންތެރިންނަށް، އެމްއެންޔޫ މެދުވެރިކޮށް ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ.