ޚަބަރު

އެސްޓީއޯގެ ހިއްސާއަކަށް 65 ރުފިޔާ ބަހަން ފާސްކޮށްފި

އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 65 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.

އެސްޓީއޯއިން ހިއްސާއަކަށް 65 ރުފިޔާ ބަހަން ފާސްކޮށްފައިވަނީ ކްރޮސްރޯޑްސް މެރީނާގައި މިރޭ ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ.

އެ ޖަލްސާގައި ޖުމުލަ 782 ހިއްސާދާރުން ބައިވެރިވިއެވެ. އެއީ ޖަލްސާ ބާއްވާ ތަނަށް ހާޒިރުވި 157 ހިއްސާދާރުންނާއި ޕްރޮކްސީގެ ގޮތުގައި ބައިވެރިވި 689 ހިއްސާދާރުންނެވެ. އެެއީ ޖުމުލަ 946،640 ހިއްސާއެވެ. ޖަލްސާގައި ބައިވެރިވީ 84 ޕަސެންޓް ހިއްސާދާރުންނެވެ.

އެ ޖަލްސާގައި ހިއްސާއަކަށް 65 ރުފިޔާ ބަހަން ފާސްވީ ވޯޓުގައި ބައިވެރިވި ހިއްސާދާރުންގެ ތެރެއިން 99.91 ޕަސެންޓް ވޯޓު ދީގެންނެވެ.

ހިއްސާގެ އަދަދުން ނަތީޖާ ގުނި އެ ވޯޓުގައި 946،159 ހިއްސާ ލިބުނު އިރު، ފެންނަ ކަމަށް 945،832 ހިއްސާ ލިބުނެވެ. ނުފެންނަ ކަމަށް ލިބިފައިވަނީ 327 ހިއްސާއެވެ. ވޯޓު ނުދެއްވާ 481 ހިއްސާއެއް އޮތެވެ.

މިދިޔަ އަހަރު އެސްޓީއޯއިން ހިއްސާއަކަށް ބެހީ 60 ރުފިޔާއެވެ.

ކޮވިޑާ ގުޅިގެން އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މިދިޔަ ދެ އަހަރު އޮންލައިންކޮށް ބާއްވާފައިވާ އިރު، މިއީ ކޮވިޑަށްފަހު ތަނަކަށް ހާޒިރުވެގެން ބޭއްވި ފުރަތަމަ ފަހަރެވެ.