ޚަބަރު

ވައިގެ ދަތުރުފަތުރުގައި ބޭނުންކުރާ ތެލުގެ ސަބަބުން ތިމާވެއްޓަށްކުރާ ކުރާ ނޭދެވޭ އަސަރު ހުއްޓުވަން ޖެހޭ: ނަހުލާ

މުހައްމަދު އިޝާން

ވައިގެ ދަތުރުފަތުރުގައި ބޭނުންކުރާ ތެލުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ހުއްޓުވަން މަސައްކަތްކުރަން ޖެހޭކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި، އޭވިއޭޝަން ދާއިރާގައި ބައިނަލްއަޤްވާމީ ކާބަން އޮފްސެޓް ޕްރޮގްރާމް "ކޯސިއާ"ގައި ވާހަކަ ދައްކަވަމުން ނަހުލާ ވިދާޅުވީ، ރާއްޖޭފަދަ މޫސުމީ ބަދަލުގެ ނުރައްކާ ބޮޑު ގައުމުތަކުން ތަރައްގީގެ މަޝްރޫއުތައް ހިންގާއިރު ވިސްނުން ގެންގުޅެންވާނީ ތިމާވެއްޓަށް އެކަމުގެ ނޭދެވޭ އަސަރުނުކުރާ ގޮތަށް ބަލައިގެން ކަމަށެވެ.

ނަހުލާ ވިދާޅުވީ، މަދަނީ ވައިގެ ދަތުރުފަތުރުގެ ނިޒާމަކީ ރާއްޖޭގެ އިގްތިސޯދުގައި މުހިންމު ރޯލެއް އަދާކުރާ ސިނާއަތެއް ކަމަށާއި، މަދަނީ ވައިގެ ދަތުރުފަތުރުގެ ސިނާއަތް ގުޅިފައިވަނީ ރާއްޖޭގެ މައި އިގްތިސޯދު ކަމަށްވާ ފަތުރުވެރިކަމާ ކަމަށެވެ. އަދި ފަތުރުވެރިކަން ގުޅިފައިވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމަށްވުމުން، މޫސުމީ ބަދަލުތަކުގެ އަސަރު ކުޑަކުރެވޭ ގޮތްތައް ރާއްޖެއިން އަބަދުވެސް ބަލަމުން އަންނާނެ ކަމަށެވެ.

މަދަނީ ވައިގެ ދަތުރުފަތުރު ކުރިއަރައި ވައިގެ ދަތުރުފަތުރުގެ މަގުތައް އިތުރުވަމުން އަންނައިރު އެ ސިނާޢަތުން ހަކަތައަށް ބޭނުންކުރާ ތެލުގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރު އަންނަނީ ކުރަމުން ކަމަށެވެ. ކަރަންޓާއި އެއްގަމު އުޅަނދު އުފެއްދުމުގެ ދާއިރާތަކުގައި ދެމެހެއްޓެނިވި ފަންނިއްޔާތުތައް ބޭނުން ކުރަމުން ދިޔަ ނަމަވެސް މަދަނީ އުދުހުމުގެ ދާއިރާގައި ބޭނުންކުރެވޭ އެފަދަ ހައްލުތައް އަދި ނެތްކަމަށް ނަހުލާ ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ ކާބަން އޮފްސެޓް ޕްރޮގްރާމް "ކޯސިއާ"ގެ ވޯކްޝޮޕް ޝަރަފުވެރިކޮށްދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ނަހުލާ ވިދާޅުވީ، ކާސިއޯއިން ކުރަމުން އަންނަ މަސައްކަތަކީ މަދަނީ އުދުހުމުގެ ދާއިރާއަށް ވެސް ދެމެހެއްޓެނެވި ހައްލެ ހޯދުމުގެ މަސައްކަތް ކަމަށާއި، 2021 ވަނަ އަހަރުނެ ފެށިގެން 2035 ވަނަ އަހަރުގެ ނިޔަލަށް އެ ސްކީމުގެ ތެރެއިން 2.5 ބިލިއަން ޓަނުގެ ކާބަން ޑައި-އޮކްސައިޑަށް ގުދުރަތީ ބަދަލު ލިބިގެންދާނެ ކަމަށެވެ.

އައިކޯއާގެ ސްކީމުތަކުގައި ބައިވެރިވުމަކީ ރާއްޖެއަށް މަޖުބޫރުކަމަކަށް ނުވިޔަސް، އެ ސްކީމުގައި ބައިވެރިވާން ނިންމީ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ރާއްޖެއިން އެގޮތަށް ބޭނުންވާތީ ކަމަށްވެސް ވިދާޅުވިއެވެ.

ކާސިއޯއަކީ 2016 ވަނަ އަހަރު ކެނެޑާގެ މޮންޓްރިއޯލްގައި ބޭއްވި އިންޓަނޭޝަނަލް ސިވިލް އެވިއޭޝަން އޯގަނިޒޭޝަން (އައިކޯއޯ)ގެ 38 ވަނަ އާންމު ޖަލްސާގައި، ދުނިޔޭގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ ބައިނަލްއަގުވާމީ މަދަނީ ވައިގެ ދަތުރުފަތުރުތަކުން ޖައްވަށް ބޭރުވާ ކާބަންޑައިއޮކްސައިޑް ގޭސް އިތުރުވިޔަނުދީ ހިފެހެއްޓުމަށް "ކާބަން އޮފްސެޓިން އެންޑް ރިޑަކްޝަން ސްކީމް ފޯ އިންޓަނޭޝަނަލް ސިވިލް އެވިއޭޝަން (ކޯސިއާ)ގެ ނަމުގައި ކާބަން އޮފްސެޓިން ސްކީމެއް 2019 ވަނަ އަހަރުން ފެށިގެން ތައާރަފްކުރުމަށް އެއްބަސްވެ ފާސްކުރި ގަރާރެއްގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.