ޚަބަރު

އެވިއޭޝަން ދާއިރާގެ ބައިނަލްއަގުވާމީ ކާބަން އޮފްސެޓް ޕްރޮގްރާމްގައި ރާއްޖެއިން ބައިވެރިވެއްޖެ

މުހައްމަދު އިޝާން

އެވިއޭޝަން ދާއިރާގެ ބައިނަލްއަގުވާމީ ކާބަން އޮފްސެޓް ޕްރޮގްރާމް، ކާބަން އޮފްސެޓިން އެންޑް ރިޑަކްޝަން ސްކީމް ފޯ އިންޓަނޭޝަނަލް ސިވިލް އެވިއޭޝަން (ކޯސިއާ)ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

ކާސިއޯއަކީ 2016 ވަނަ އަހަރު ކެނެޑާގެ މޮންޓްރިއޯލްގައި ބޭއްވި އިންޓަނޭޝަނަލް ސިވިލް އެވިއޭޝަން އޯގަނިޒޭޝަން (އައިކޯއޯ)ގެ 38 ވަނަ އާންމު ޖަލްސާގައި، ދުނިޔޭގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ ބައިނަލްއަގުވާމީ މަދަނީ ވައިގެ ދަތުރުފަތުރުތަކުން ޖައްވަށް ބޭރުވާ ކާބަންޑައިއޮކްސައިޑް ގޭސް އިތުރުވިޔަނުދީ ހިފެހެއްޓުމަށް "ކާބަން އޮފްސެޓިން އެންޑް ރިޑަކްޝަން ސްކީމް ފޯ އިންޓަނޭޝަނަލް ސިވިލް އެވިއޭޝަން (ކޯސިއާ)ގެ ނަމުގައި ކާބަން އޮފްސެޓިން ސްކީމެއް 2019 ވަނަ އަހަރުން ފެށިގެން ތައާރަފްކުރުމަށް އެއްބަސްވެ ފާސްކުރި ގަރާރެއްގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ކާސިއޯގައި ރާއްޖެއިން ބައިވެރިވިކަން އިއުލާންކުރެއްވީ ޕެރެޑައިސް އައިލެންޑް ރިސޯޓުގައި މިހާރު ކުރިއަށްދާ "އެންވަޔަރުމެންޓް މެޓާސް. އީޔޫ އެންޑް ސައުތު އޭޝިއާ ރީޔުނައިޓިން ޓު ޓެކްލް ކްލަައިމެޓް ޗޭންޖު" ވޯކްޝޮޕް ޝަރަފުވެރިކޮށްދެއްވުމުގެ ގޮތުން ދެއްކެވި ވާހަކައިގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ، ރާއްޖޭގެ ގުދުރަތީ ސިފަތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ ގޮންޖެހުންތައް ދިމާވާ ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު އެކަމެއްގެ މައްޗަށް ބަރޯސާވާ ރާއްޖޭގެ ރީތިކަމަށް ނުރައްކަވާ ކަމަށެވެ. އެގޮތުން މޫސުން ގޯސްވާ ދުވަސްވަރު ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ އުމްރާނީ ބިނާތަކަށް އަސަރުކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ އިގްތިސޯދު ކުރިއެރުމުގައި އެވިއޭޝަންގެ ދާއިރާ މުހިންމު ދައުރެއް އަދާކުރާ ކަމަށާއި، ވައިގެ ދަތުރުފަތުރުގެ ވިއުގަ ގުޅިފައިވަނީ ފަތުރުވެރިކަމާ ކަމަށް ނަހުލާ ފާހަގަކުރެއްވިއެވެ. ވައިގެ ދަތުރުފަތުރުގެ މަގުތައް އިތުރުވަމުން އަންނައިރު އެ ސިނާއަތުން ބޭނުންކުރާ ތެލުގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރަމުންދާކަމަށް ނަހުލާ ވަނީ ވިދާޅުވެފައެވެ.

"ކަރަންޓާއި އެއްގަމު އުޅަނދު އުފެއްދުމުގެ ދާއިރާތަކުގައި ދެމެހެއްޓެނެވި ފަންނިއްޔާތުތައް ބޭނުން ކުރަމުން ދިޔަ ނަމަވެސް މަދަނީ އުދުހުމުގެ ދާއިރާގައި ބޭނުންކުރެވޭ މިފަދަ ހައްލުތައް އަދި މަދުކަން ފާހަގަ ކުރަން." މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ ކާސިއޯއިން ކުރަމުން އަންނަ މަސައްކަތަކީ މަދަނީ އުދުހުމުގެ ދާއިރާއަށް ވެސް ދެމެހެއްޓެނެވި ހައްލެ ހޯދުމުގެ މަސައްކަތް ކަމަށާއި، 2021 ވަނަ އަހަރުނެ ފެށިގެން 2035 ވަނަ އަހަރުގެ ނިޔަލަށް އެ ސްކީމުގެ ތެރެއިން 2.5 ބިލިއަން ޓަނުގެ ކާބަން ޑައި-އޮކްސައިޑަށް ގުދުރަތީ ބަދަލު ލިބިގެންދާނެ ކަމަށެވެ.

އައިކޯއާގެ ސްކީމުތަކުގައި ބައިވެރިވުމަކީ ރާއްޖެއަށް މަޖުބޫރުކަމަކަށް ނުވިޔަސް، އެ ސްކީމުގައި ބައިވެރިވާން ނިންމީ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ރާއްޖެއިން އެގޮތަށް ބޭނުންވާތީ ކަމަށެވެ.