ޚަބަރު

ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯގެ ރާއްޖެ ބައިވެރިން އަބޫދާބީއަށް ފުރައިފި

މުހައްމަދު އިޝާން

ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯ 2022ގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ޝެފުން އަބޫދާބީއަށް ފުރައިފިއެވެ.

ޝެފްސް ގިލްޑް އޮފް މޯލްޑިވްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެކްސްޕޯ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ޖޫން މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މިއަހަރުގެ އެކްސްޕޯއަކީ ކޮވިޑު-19އިގެ ބަލިމަޑުކަމަށްފަހު ދުނިޔޭގެ ހޮސްޕިޓަލިޓީ އަދި ކަލިނަރީ އިންޑަސްޓްރީ ފުރަތަމަ އަދި އެންމެ ބޮޑު ބައިނަލްއަގުވާމީ ހަރަކާތް ކަމަށް ޝެފްސް ގިލްޑް އޮފް މޯލްޑިވްސް އިން ބުންޏެވެ.

ރާއްޖޭ ތަމްސީލުކުރާ ޝެފްސް ގިލްޑް އޮޕް މޯލްޑިވްސް ޑެލިގޭޝަންގައި ހިމެނެނީ، އެ ޖަމިއްޔާގެ ރައީސާ މަރްޔަމް ނޫރައްދީނާއި، އެކްސްކޯގެ ހުރިހާ މެންބަރުންގެ އިތުރުން 24 ޝެފުންނާއި އަށް ޒުވާން ޝެފުންއެވެ.

އަބޫދާބީގައި ބާއްވާ އެކްސްޕޯގައި ކުރިއަށްދާ އެކިއެކި ހަރަކާތްތަކުގައި ރާއްޖޭގެ ޝެފުން ބައިވެރިވާނެކަމަށް ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން ބުންޏެވެ. އޭގެ ތެރޭގައި ކެއްކުމުގެ އެކިއެކި މުބާރާތްތަކުގައި ފަނޑިޔާރުންގެ ގޮތުގައި ބައިވެރިވާ ޝެފުން ތަމްރީނުކުރުމަށް ބާއްވާ :ކޮމްޕެޓިޝަން ސެމިނާ"ގައި ރާއްޖޭގެ ޝެފުން ބައިވެރިވާނެއެވެ.

އެހެން އަހަރުތަކޭ އެއްފަދައިން މިއަހަރުގެ ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯގައި ވެސް ދުނިޔޭގެ އެެކި ގައުމުތަކަށް ނިސްބަތްވާ، އެ ދާއިރާގެ މާހިރުންގެ ކީނޯޓް އެޑްރެސްތަކާއި، ދުނިޔޭގެ 50 ގައުމަކުން 80 ކަލިނަރީ ސްކޫލު ތަމްސީލުކޮށް ބާއްވާ އެޑިއުކޭޓަރެސް ފޯރަމްއާއި، އެކި ފަންނުތަކުން ޝެފުން "ވޯލްޑްސް ބެސްޓް ޝެފްސް"ގެ ލަގަބަށް ވާދަކުރާ ގްލޯބަލް ޝެފްސް ޗެލެންޖް" އާއި "ވޯލްޑް ޝެފްސް އެކްސްޕޯ"ގެ އިތުރުން 25 އަހަރުން ދަށުގެ ޝެފުންނަށް ހާއްސަކޮށްގެން ބާއްވާ "ބިލީ ގެލެގާ ޔަންގް ޝެފްސް" ފޯރަމް ވެސް އޮންނާނެއެވެ.