މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ޝަހުބާން ފަހުމީގެ މަސްލަހަތު އޮންނަ ކުންފުންޏެއް ކަމަށްވާ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން މަނީ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން އުފެދިފައިވާ މައްސަލައިގައި، އެމްއެމްސީގެ ރައީސް މަގާމުން ވަކި ކުރެވޭނެ ގޮތް އެ ކައުންސިލްގެ ގަވާއިދުގައި ހިމެނުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިރުޝާދު ދީފިއެވެ.
ޝަހުބާނުގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް މީޑިއާ ކައުންސިލްގައި ނެގި ނަމަވެސް އޭނާ ވަކިކުރަން، ގާނޫނުގައި ބުނާ ތިންބައިކުޅަ އެއްބައި ވޯޓު ވަނީ ނުލިބިފައެވެ. ނަވެސް އެމްއެމްސީގެ ބައެއް މެންބަރުން އޭނާއާއެކު މަސައްކަތް ނުކުރަން ނިންމައި ވަނީ ބޮއިކޮޓް ކޮށްފައެެވެ.
އެމްއެމްސީގެ ގާނޫނުގައި އެ ކޮމިޝަންގެ ރައީސާއި ނާއިބު ރައީސް ވަކި ކުރާނެ ގޮތެއް ހިމަނައިފައެއް ނުވެއެވެ.
އެ ގާނޫނުގެ 14 ވަނަ މާއްދާގައި ބުނަނީ، ކައުންސިލުގެ މެންބަރެއްގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނެ ހާލަތެވެ. އަދި 17 ވަނަ މާއްދާގައި ބުނަނީ ކައުންސިލްގެ މެންބަރަކު ވަކި ކުރެވޭނެ ގޮތްތަކެއެވެ. އެއީ ކައުންސިލްގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ނެގޭ ވޯޓަކުންނެވެ. ނަމަވެސް އިތުރު އެހެންގޮތެއް ގާނޫނުގައި ކަނޑައަޅައިފައެއް ނުވެއެވެ.
އެމްއެމްސީ ޖަވާބުދާރީކުރުވަން އޮންނަ މަޖިލިސް ކޮމިޓީއަކީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއެވެ.
އެ މައްސަލައާ ގުޅިގެން އެމްއެމްސީގެ މެންބަރެއްގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށް ގާނޫނުގައި ބުނާ ސިފަތަކުގެ ތެރެއިން ސިފައެއް ޝަހުބާނުގެ ކިބައިގައި ހަމަނުވާތީ ކަމަށް ބުނެ، އޭނާގެ މަގާމު ހުސްވެފައިވާކަމަށް ބުނެ ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު އުޝާމް ވަނީ ކޮމިޓީއަށް އެ މައްސަލަ ހުށަހަޅައިފައެވެ.
އެކަމާބެހޭގޮތުން އެމްއެމްސީގެ މެންބަރުން ހާޒިރުކޮށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުުމުގައި ޝަހުބާނު ވިދާޅުވީ، ރައްޖޭގެ ގާނޫނުތަކާއި، ގާނޫނުއަސާސީއަށް ބަލާއިރު، ބައެއްކަހަލަ މަގާމުތަކުން މީހުން ދުރުކުރުމަށް ވަކި އަދަދަކަށް ވޯޓު ބޭނުންވާ ކަަމަށް ކަނޑައަޅާފައި އޮންނަ ކަމަށެވެ. އަދި އެ އަދަދަށް ވޯޓު ނުލިބިއްޖެނަމަ ދެން އޮންނާނީ ތަހުޒީބު މުޖުތަމައުތަކުގައި އޮންނަ ގޮތަށް އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު، އެ އިޖުރާއަތްތަކުގެ ތެރެއިން ކުރިއަށް ދިއުން ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުގެ މަތީން އެމްއެމްސީގެ މެންބަރުކަމުން އޭނާ ވަކިކުރަން ނެގި ވޯޓުގައި އޭނާ ވަކިކުރަން ލިބުނީ އަށް ވޯޓު ކަމަށެވެ. ފަނަރަ މެންބަރުން ހިމެނޭ އެމްއެމްސީގެ ތިންބައިކުޅަ ދެބައި ވޯޓަކީ 10 މެންބަރުންގެ ވޯޓެވެ. އެހެންކަމުން އިޖުރާއަތްތައް ފުރިހަމަ ކުރެވިފައިވުމުން މަސައްކަތުގައި އޭނާއާއެކު އެހެން މެންބަރުން ކުރިއަށްދާން ޖެހޭނެ ކަމަށް ޝަހުބާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކައުންސިލް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދައި ވޯޓު ނެގުމަކީ ކައުންސިލްގެ ގާނޫނު ދަންނަ ކަމެއްނޫން ކަމަށެވެ. އެއީ އެކަން ގާނޫނުގައި ހިމަނާފައި ނެތީމައެވެ. އަދި ގާނުނާ ހިލާފަށް އަދި ކައުންސިލްގެ އެއްވެސް އުސޫލަކާ ހިލާފަށް އެއްވެސް ކަމެއް ކުރައްވައިފައި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މައްސަލަކީ އޭނާގެ ހިއްސާއެއް އޮންނަ ކުންފުންޏަކަށް ތުހުމަތުވާ މައްސަލައެއް ކަމަށާއި، އެ މައްސަލަ ފުލުހުން ތަހުގީގުކޮށް އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާތަނުން އިސްތިުފާ ދެއްވާނެ ކަމަށް ޝަހުބާނު ވިދާޅުވިއެވެ. ދެން އޭނާ އިސްތިއުފާ ދެއްވާނީ ގާނޫނާ ހިލާފަށް އަދި ކައުންސިލްގެ އުސޫލުތަކާ ހިލާފަށް އެއްވެސްކަމެއް ކޮށްގެން މައްސަލައެއް ހުށަހަޅާ ހިސާބުން ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މީހަކާމެދު ކުށުގެ ތުހުހުމަތެއް ކުރުމަކުން އޭނާ ކުށްވެރިއެއް ކަމަށް ކަނޑަ ނޭޅޭނެ ކަމަށް ގާނޫނުއަސާސީވެސް ބުނާ ކަމަށެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވީ، ކުށްވެރި ނުވި ނަމަވެސް ޝަހުބާނަށް ކޮށްފައިވާ ތުހުމަތާ ގުޅިގެން އެމްއެމްސީގެ ރައީސް ކަމުން އސިްތިއުފާ ދެއްވުމަކީ ރަނގަޅު ކަމެއް ކަމަށެވެ. ނަމަވެސް އެމްއެމްސީގެ ރައީސާއި ނާއިބު ރައީސާއި މެންބަރުން ވަކި ކުރުމަކީ ކޮމެޓީގެ މެއިންޑޭޓުގައިވާ ކަމެއްނޫން ކަމަށް ކޮމިޓީގެ މެންބަރުން ވިދާޅުވިއެވެ. އެހެން ނަމަވެސް ކައުންސިލްގެ މަސައްކަތްތައް ހުއްޓިފައި އޮތުމަކީ ކޮމިޓީން ބަލަންޖެހޭ ކަމެއް ކަމަށާއި، އެއްވެސް ހާލަތެއްގައި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ނުދީ ކައުންސިލްގެ މަސައްކަތްތައް ހުއްޓާލައިގެން ނުވާނެ ކަމަށްވެސް އެމެންބަރުން ވިދާޅުވިއެވެ.
މި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވި މެންބަރު އުޝާމް ވިދާޅުވީ، އެމްއެމްސީގެ ގާނޫނުގެ ހަތްވަނަ މާއްސާގައި ބަޔާން ކޮށްފައިވާ ސިފަތަކުގެ ތެރެއިން ސިފައެއް ޝަހުބާނުގެ ކިބައިން އުނިވެ އެ ގާނޫނުގެ 14 ވަނަ މާއްދާގައި ބުނާ ކައުންސިލް މެންބަރެއްގެ މަގާމު ހުސްވެއްޖެކަމަށް ބުނާ ހާލަތު ކުރިމަތިވެފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، އެމްއެމްސީގެ ރައީސް އާއި ނާއިބު ރައީސްގެ މަގާމު ހުސްވާނެ ގޮތް ގާނޫނުގައި ކަނޑަޅާފައި ނެތް ނަމަވެސް އެގޮތް އެމްއެމްސީގެ ގަވާއިދުގައި ހިމަނައި އެއަށް އަމަލު ކުރެވިދާނެ ކަމަށެވެ. ރޮޒެއިނާ އެކަމަށް އިރުޝާދު ދެއްވީ ކޮމިޓީގެ ލީގަލް ޓީމުގެ ލަފާގެ މަތިން ކަަމަށްވެސް ވިދާޅުވިއެވެ. އެއީ ރަނގަޅު ގޮތެއް ކަމަށް މެންބަރު އުޝާމްވެސް ވިދާޅުވިއެވެ. ނަމަވެސް ރިޒެއިނާ ވިދާޅުވީ އެކަމަށްޓަކައި އެޓާނީ ޖެނެރަލްގެ ގާނޫނީ ލަފާ ހޯދުން މުހިއްމު ކަމަށެވެ.
އެންމެ ފަހު ފުރުސަތުގައި ވާހަކަ ދައްކަވަމުން ޝަހުބާނު ވިދާޅުވީ އޭނާގެ ސަަބަބުން ކައުންސިލްގެ މަސައްކަތްތަކަށް ހުރަސް އެޅޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ނަމަވެސް އޭނާގެ މަގާމާބެހެގޮތުން އުފެދިފައިވާ މައްސަލައަށް އަންނަ ބުދަ ދުވަހުގެ ކުރީން ގޮތެއް ނިންމަވާނެ ކަަމަށް މީގެ ކުރިންވެސް ވިދާޅުވެފައިވާނެ ކަމަށާއި، އެކަން އެގޮތަށް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު