ސަރުކާރުގެ ޕީއެސްއިޕީ ބަޖެޓުން ހަރަދުކޮށްގެން ލ ގަމުގައި ހަދާ 100 ހައުސިން ޔުނިޓުގެ ސައްކަތް އެސްޖޭ ކޮންސްޓްރަކްޝަނާ މިއަދު ހަވާލުކޮށްފި އެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހައުސިން ޑިޕާޓްމެންޓުގެ ޑިރެކްޓަރު ޖެނެރަލް ވިޝާން ނަސީމެވެ. އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހިމް އެވެ.
މިނިސްޓްރީ ބުނީ، މި މަސައްކަތް އެސްޖޭ އާ ހަވާލުކުރީ 84.3 މިލިއަން ރުފިޔާއަށް 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ. މިއިން ކޮންމެ ހައުސިން ޔުނިޓެއްގައި 1000 އަކަފޫޓޫ ހުންނާނެ ކަމަށާއި ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރް ރޫމެއް ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން އެ ޔުނިޓުތަކުގެ ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ޔުނިޓުތައް ވަށައިގެން މަގު ބައްތި ހަރުކޮށް އަލިކުރާނެ ކަމަށާއި ޕާކަކާއި ވެހިކަލް ޕާކް ކުރާނެ ސަރަހައްދެއްވެސް ގާއިމް ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު