ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ މައްސަލައިގައި މޯލްޑިވްސް ކަރެކްޝަންސް ސާވިސްއިން ފަރުވާކުޑަކުރާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން ބުނުމުން އެކަމަށް ކަރެކްޝަންސްއިން ރައްދު ދީފިއެވެ.

މޫސުން ގޯސްވުމުން މައްސަލައިގައި ތުހުމަތުވާ މީހުން ހާޒިރުނުކުރެވި، ބޮމުގެ ހަމަލާއާ ގުޅިގެން މިއަދު ހެނދުނު 9:00ގައި ކްރިމިނަލް ކޯޓުގައި ބާއްވަން ހަމަޖެހިފައި އޮތް އަޑުއެހުމެއް ވަނީ ކެންސަލްކޮށްފައެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދުގެ ވަކީލުންގެ ފަރާތުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ވިއްސާރަވެގެން ދައުވާ ލިބޭ މީހުން މާލެއަށް ނުގެނެވުނީ ކަމަށް ބުނާއިރު މިއަދަކީ މާލޭ ސަރަހައްދުގެ މޫސުން ގޯސްވި ހަމައެކަނި ދުވަސް ނޫން ކަމަށެވެ. އަދި ވިއްސާރަ ނަމަ ތުހުމަތުކުރެވޭ މީހުން އެއް ދުވަސް ކުރިން މާލެ ގެނެސް މާލޭ ޖަލެއްގައި ބޭތިއްބުމުގެ އިންތިޒާމުތައްވެސް ހަމަޖެއްސޭނެ ކަމަށް ވިދާޅުވިއެވެ.

އަދި މައްސަލައިގެ އަޑުއެހުންތައް ކުރީބައިގައި ތާވަލުކޮށްފައި އޮތް އިރު، އެކަމަށް ފަރުވާކުޑަކޮށްގެން ނުވާނެ ކަމަށް ބުނެފައިވެއެވެ.

"މި މައްސަލައިގައި މުއައްސަސާތަކުން އިހުމާލުވާ ކަމުގެ ޝަކުވާތައް ކެނޑިނޭޅި ކުރަމުންދާ އިރު، އެފަދަ ޝަކުވާތަކަކަށް ބެލުމެއް ނެތި ހޯމް މިނިސްޓްރީއާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިކަމުގެ ހައިސިއްޔަތު ދެނެނުގަނެ، ފަރުވާކުޑަ ކުރާތީ އެކަން އިންތިހާއަށް ކުށްވެރިކުރަން،" ބަޔާނުގައިވެއެވެ.

އެކަމާ ގުޅިގެން ކަރެކްޝަންސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ބޮމުގެ ހަމަލާގެ ތުހުމަތުވާ މީހުން ޝަރީއަތަށް ހާޒިރުނުކުރެވުނީ މޫސުން ގޯސްވެ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވާތީއާއި އެ މައްސަލައިގައި ބަންދުކޮށްފައިވާ މީހުން ވަކިވަކިން ގެންގުޅެން ޖެހޭތީ ކަމަށެވެ.

އަދި މި މައްސަލައަކީ އެ ސާވިސްއިން ހައްސާސް މައްސަލައެއްގެ ގޮތުގައި ދެކޭ މައްސަލައެއް ކަމަށް ބުނެފައިވެއެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ވަނީ ނުވަ މީހަކަށް ދައުވާކޮށްފައެވެ. އޭގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައިވަނީ ބޮން ގޮއްވުމުގައި އަމަލީގޮތުން ބައިވެރިވި އަދުހަމް އަހުމަދަށެވެ. ކުށަށް އިއުތިރާފުވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވެ، މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

އެ މައްސަލައިގައި ދައުވާ އުފުލާފައިވަނީ އަނެއް އަށް މީހުންނަކީ:

ހއ. މޮޅަދޫ/ ބަހާރުގެ، އަބްދުﷲ އަލިމަނިކު

ހއ. ހޯރަފުށި/ އަލަނާސިގެ، މުހައްމަދު ތަސްލީމް

ގއ. ކޮނޑޭ/ ފޮޅޭމާ، ތަހުމީން އަހުމަދު

ނ. މަނަދޫ/ ނޫރީގޭ، އަލީ ހައިޝަމް

މއ. ފޭރުގޭ/ މުޖާޒް އަހުމަދު

މ. ކުދެހިގޭ/ އިސްހާގު

އއ. މާޅޮހު/ އަސަރީގޭ މުހައްމަދު ނާޒިމް

ގއ. ވިލިނގިލީ/ ހުދުރުވާގޭ ފަހުމީ އަލީ